Roadha Mihaaru
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް

ރާއްޖެއަށް އާއްމު މަޖިލީހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް

07 ޖޫން 2021

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވުމަކީ ބޮޑު ޝަރަފެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވުމަކީ ބޮޑު ޝަރަފެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސްކަން، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ގަޑިން މިރޭ 7:00 ގައި އދ. ގެ މައި މަރުކަޒުގައި ސިއްރުން ބޭއްވި ވޯޓުލުމުގައި ޝާހިދަށް 143 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ރައީސް ވިދާޅުވީ އެއީ ރާއްޖެއަށް ލިބުނު ޝަރަފްވެރި ކާމިޔާބީއެއް ކަމަށެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު، ހުރިހާ ދިވެހިން ފަހުރުވެރިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އެ އިންތިހާބު ކާމިޔާބުކުރަން ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، އެތައް ގައުމެއްގެ ތާއިދު ހޯދި އެވެ. އެގޮތުން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވެސް ކަނޑައެޅި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.

ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.