Roadha Mihaaru
އަފްޣާނިސްތާނު މީހުންނަށް އެހީވާން ރައީސަށް ދަންނަވައިފި

އަފްޣާނިސްތާނުގެ މީހުންނަށް އެހީވުމަށް އެދި އެޗްއާރުސީއެމުން ރައީސްގެ އަރިހަށް

29 އޯގަސްޓް 2021

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމަށް ދިމާވެފައިވާ ހާލަތާ މެދު، އަފްޣާނިސްތާނާއި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކާއި އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި އާއްމުންގެ އިތުރުން އަފްޣާނިސްތާނުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދިވެހި ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް، އިންސާނީ ހައްގުތައް ނަގަހައްޓައި ރައްކާތެރި ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަކިވަކިން ފޮނުވި ސިޓީފުޅުތަކުގައި އެދިފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

"އަފްޣާނިސްތާނުގެ މި ވަގުތުގެ ހާލަތާ ގުޅިގެން ކޮމިޝަންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކުގައި ވެ ދެއްވެން އޮތް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށް ކޮމިޝަނުން ސަރުކާރާއެކު ތިބިކަން ވަނީ ހާމަކޮށްފަ އެވެ،" ބަޔާނުގައިވެ އެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، މި މަހުގެ 15 ވަނަ ދުވަހު އެ ގައުމު ހިފުމާ އެކު ސަރުކާރު ވަނީ ވެއްޓިފަ އެވެ. އެކަމާ ގުޅިގެން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމު ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެ ކަމުގެ ތެރޭގައި، ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލުމުން ގިނަ އަދަދެއްގެ އާންމުންނާއި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފަ އެވެ.

އެ ގައުމަށް އެމެރިކާ ސިފައިން އެރީ ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅަށް އެމެެރިކާ އިން ހަނގުުރާމަ އިއުލާން ކުރުމާއެކުގަ އެވެ. އެމެރިކާގެ ސިފައިން އަފްޣާނިސްތާނަށް އެރުމާ އެކު އޭރު އޮތް ތާލިބާނުންގެ ވެރިކަން ވެއްޓުނަސް 20 އަހަރު ވަންދެން ކުރި މަސައްކަތުން ވެސް ތާލިބާނުން އެއްކޮށް ބަލިކޮށްލެވިފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމުން އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ހެދި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.