Roadha Mihaaru
މަޖިލިސްކުރާ ގެ ގޮއްވާލަން ވެސް އަދުހަމް އުޅުނު!

މަޖިލިސްކުރާ ގެ ގޮއްވާލަން ވެސް އަދުހަމް އުޅުނު!

14 މެއި 2021

ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ގޮއްވާލަން، އަދުހަމް އަހުމަދު ރަޝީދު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ވާހަކަ އޭނާ ދައްކައި އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭނާގެ އުފަން ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ގޮއްވާލަން، އަދުހަމް އަހުމަދު ރަޝީދު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ވާހަކަ އޭނާ ދައްކައި އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭނާގެ އުފަން ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބުނު އައިއީޑީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ގޮއްވާލަން ރިމޯޓެއް ހިފައިގެން ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އަދުހަމް ހަމަލާ ދިން ސަރަހައްދުގައި ހުއްޓާ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އައިއީޑީ ގޮވުމާ އެކު އަދުހަމް އެ ސަރަހައްދު ދޫކޮށް ގޮސް މާލެ ތެރޭގައި އުޅޭތީ ވެސް ފެނެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެންމެ މުހިއްމު މީހާ ކަމަށް ފުލުހުން ބުނާ އަދުހަމަކީ ވ. ތިނަދޫ މީހެކެވެ. އެކަމަކު އޭނާ ދިރިއުޅެނީ ހުޅުމާލޭގަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ވެސް ހުޅުމާލެ އިންނެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ބޮޑު ޕިކަޕެއްގައި ބޮން ހަރުކޮށް މަޖިލީހުގެ މައި ގޭޓު ފަޅާލައި އެތެރެއަށް ވަނުމަށް ފަހު، ގޮއްވާލަން އިތުރު ބަޔަކާ އެކު ރޭވި ކަމަށް އަދުހަމް ބުންޏެވެ. އާންމުކޮށް މާލޭގައި އުޅޭ އަދުހަމް މި ވާހަކަ ދެއްކީ ޗުއްޓީއަކަށް ރަށަށް ގޮސް ހުރި އިރު ކަމަށް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. އެ މީހާ ބުނީ އެ ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ކަމަށް ބެލެވިގެން އެކަން ހުއްޓާލީ ކަމަށް އަދުހަމް ބުންޏެވެ.

"އަޅުގަނޑު ކުރިމަތީގައި އަދުހަމް އެއްބަސްވި އެކަމަށް [މަޖިލިސް އިމާރާތް ގޮއްވާލަން އުޅުނު ކަމަށް]،" އޭނާ ބުންޏެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި އަދުހަމް ހައްޔަރު ކޮށްގެން މިދިޔަ އާދިއްތަ ދުވަހު ގެންދަނީ.---ފޮޓޯ: ސޯޝަލް މީޑިއާ

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި އަދުހަމް ހައްޔަރު ކޮށްގެން މިދިޔަ އާދިއްތަ ދުވަހު ގެންދަނީ.---ފޮޓޯ: ސޯޝަލް މީޑިއާ

"ސްކޫލު ޗުއްޓީއެއްގައި މި ކޮޅަށް [ތިނަދޫ] އަށް އައި އިރު ހުރީ ވަރަށް ބޮޑަށް ޗޭންޖުވެފައި. މީނަ، އަޅުގަނޑުމެންގެ ތެރެއިން ކުއްޖަކާ ވާހަކަދައްކަން އިންދައި އަޅުގަނޑަށް ވެސް ދެވުނީ އެތަނަށް. އަޅުގަނޑުމެންނަކީ މިސްކިތަށް އަރައި ނަމާދުކުރާ ބަޔަކަށް ވާތީވެ މީނަގެ [އަދުހަމްގެ] މައިގަނޑު ޕްލޭނަކީ އަޅުގަނޑުމެން ވާވެއްދުން. އަޅުގަނޑުމެންނަށް މި އައިސިސްއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިފައި ހުންނަނީ. އެ ޖަމާއަތަކީ ގޯސްބައެއް ކަމާއި މީ ރަނގަޅުބައެއް ނޫންކަން، މި ކަހަލަ މައުލޫމާތު އެނގިފައި ހުރީމަ އަޅުގަނޑުމެން ސީދާ އެއަށް ދެކޮޅު ހެދީ. މީނަ ބޭނުންވަނީ އަޅުގަނޑުމެންގެ ފިކުރު އެ ފިކުރަށް ބަދަލުކުރަން."

"މިހާރު" އާ ވާހަކަދެއްކި މީހާ ބުނީ އައިއެސް އަށް ތާއީދުކޮށް އަދުހަމް އެ ދުވަހު ވާހަކަ ދައްކަމުން ދިޔައީ އެހެން މީހަކަށް އެނގިދާނެތީ އެކި ފަރާތްފަރާތަށް ބަލަމުން ކަމަށެވެ. މި ދައުލަތަކީ ކާފަރު ދައުލަތެއް ކަމަށާއި ދައުލަތުގެ މުސާރަ ހަލާލު ނުވާނެ ކަމާއި ރަނގަޅު ދީނީ އިލްމުވެރިޔަކު ވެސް ދުނިޔޭގައި ނެތް ކަމަށް އަދުހަމް ބުނި ކަމަށް އެ މީހާ ކިޔައިދިނެވެ.

މަޖިލިސް އިމާރާތް ގޮއްވާލަން އުޅުނު ކަމަށް އަދުހަމް އެއްބަސްވީ ހަރުކަށި ފިކުރަށް ތާއީދުކޮށް ދެއްކި ވާހަކައަށް ދެކޮޅުހެދި ކުއްޖަކު އަދުހަމާ ދިމާލަށް ބުނި އެއްޗަކުން ކަމަށް މި ވާހަކަ ކިޔައިދިން މީހާ ބުންޏެވެ.

"... އެ ކުއްޖާ މި ބުނަނީ އޭނާއާ ދިމާލަށް، ކަލޭމެން މަޖިލީސް ގޮއްވާލަން ރޭވިކަމަށް ވެސް ބަސްޓުވީނުންހޭ. ބުނީމަ، އޭނަ ދެލޯ ބޮޑުކޮށްފައި ބުނީީ ކިހިނެއްހޯ އެނގުނީ. ބުނީމަ މި ކުއްޖާ ބުނަނީ މި ބުނީ ދޮގެއް ހެއްޔޭ؟ ކަލޭމެން ރޭވީމެއްނޫންހޭ. ކަލޭމެން ސެޓަޕް ވެސް ހެދީމެއް ނޫންހޭ؟ ޕިކަޕެއްގައި ބޮން ހަރުކޮށްގެން މަޖިލިސްގެ ދޮރު ފަޅާލާފައި އެތަނަށް ވައްދާލާފައިި ދެން މަޖިލިސް ގޮއްވާލަން. މިއެއް ނޫންހޭ ކަލޭމެންގެ ޕްލޭނަކީ،" މި ވާހަކަ ދެކެވުނު ތަނުގައި އިން ކަމަށް ބުނާ މީހާ ކިޔައިދިނެވެ.

"ބުނީމަ [އަދުހަމް] ބުނީ އާއެކޭ. ކިހިނެއްހޭ ތި މީހުންނަށް އެނގުނީ. ބުނީމަ އަހަރެމެންނަށް އެނގެއޭ. ފުލުހުންގެ ތެރެއިން އިންޓަލްއަށް ބަސްޓުވީ ނޫންހޭ ކަލޭމެންގެ ތި ޕްލޭން. ބުނީމަ [އަދުހަމް] ބުނީ އާއެކޭ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަދުހަމް.-- ފޮޓޯ: ޕޮލިސް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަދުހަމް.-- ފޮޓޯ: ޕޮލިސް

ހަރުކަށި ފިކުރުގެ ތެރޭގައި ކުރިން އުޅުމަށް ފަހު އެކަން ދޫކޮށްލާފައިވާ މީހަކު "މިހާރު" އަށް ކުރިން ކިޔައިދީފައިވާ ގޮތުގައި ގައުމުގެ ވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނު ތަންފީޒުކުރާ މީހުންނަށް ނަފްރަތުކޮށް އެ މީހުންނަށް ހަމަލާދޭންޖެހޭ ކަމަށް ހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރަނީ އިންސާނުންނަށް އަމުރުކޮށް އެ އަމުރަށް ތަބާ ނުވުމުން އަދަބު ދިނުމަކީ އިންސާނުންނަށް އޮންނަ ބާރެއް ނޫން ކަމަށް އެ މީހުން ދެކޭތީ އެވެ. އަމިއްލަ ގާނޫނުތަކަށް އަމަލުކުރާ މީހުންނަކީ "ތާގޫތުން" ކަމަށް އެ މީހުން ބުެ އެވެ. މާނަ އަކީ ﷲ ނޫން އެހެން ފަރާތެއްގެ އަމުރަށް ތަބާވުމެވެ.

އޭނާ ބުނީ ރާއްޖޭގައި އައިސިސްގެ ފިކުރު ފަތުރައި އެ ޖަމާއަތުގެ ދިދަ ނަގަން އަދުހަމް މަސައްކަތްކުރަމުން ދިޔަ ކަމަށެވެ.

މަޖިލިސްކުރާ ގެ ގޮއްވާލަން ރޭވި ކަމަށް ބުނާ މައްސަލާގައި އަދުހަމް ހައްޔަރުކުރުމުން އޭރު ނުފޫޒު ގަދަ މީހަކު މެދުވެރިވެގެން އަދުހަމް ސަލާމަތްކޮށްދިނީ ކަމަށް ތިނަދޫން ވާހަކަދެއްކި މީހާ ބުނި ނަމަވެސް މިފަދަ މައްސަލައެއްހައި އަދުހަމް ހައްޔަރުކުރި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ނުދައްކާ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާއަށް ފަހު ބައެއް ފަރާތްތަކުން ފުލުހުންނާ މި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެ އެވެ.

އަދުހަމަކީ އޭނާގެ މައިންބަފައިންގެ ތިން ދަރިންގެ ތެރެއިން މެދަށް ހުންނަ އަދި ރަނގަޅަށް ކިޔަވަމުން ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނު އަހުލާގު ރަނގަޅު ކުއްޖެކެވެ. ނަމަވެސް ފަހުން މަސްތުވާތަކެތީގެ މައްސަލާގައި ވެސް ހައްޔަރުކޮށް މީހާ އެއްކޮށް ބަދަލުވީ އެވެ.

ރަށުގައި އަދުހަމާ ވާހަކަ ދެކެވި އޭނާގެ ފިކުރު އެނގޭ މީހާ ބުނީ އިންޓެލްއާ ހެދި އެއްވެސް ކަމެއް ނުވާކަން އަދުހަމް ބުނި ކަމަށެވެ. އެ ފިކުރުގެ މީހުންގެ ތެރޭގައި ވެސް އިންޓެލް މީހުން އުޅޭ ކަމަށާއި ޖެހިގެން ހުންނަ މީހާއަށް ވެސް އިތުބާރު ނުކުރެވޭ ކަމަށް އަދުހަމް ބުނި ކަމަށް ކިޔައިދިނެވެ.

ބާރުގަދަ އައިއީޑީއެއް ސައިކަލެއްގައި ހަރުކޮށް އެ ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން އަދުހަމްގެ އިތުރުން ދެން ހައްޔަރުކުރި ދެ މީހުން ތިބީ ތަހުގީގަށް ބަންދުގަ އެވެ. ތަހުގީގުގެ ކުރީކޮޅު ފުލުހުން އާންމުކުރި މައުލޫމާތުގެ ފަހުން އަދި ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.