އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުންނާއި އެ ޕާޓީ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ބިގޭގެ ދިފާއުގައި މިއަދު ނުކުންނަވައިފި އެވެ.
11 ޖޫން 2021
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުންނާއި އެ ޕާޓީ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ބިގޭގެ ދިފާއުގައި މިއަދު ނުކުންނަވައިފި އެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވެސް ހިންގާ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އައި މައްސަލަތައް މި ފަހުން ބޮޑުވެ އާންމުންނާ ހަމައަށް ތިލަވީ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީ އަށް ހުރަސް އެޅުމަށް ރައީސް އިސްވެ ހުންނަވައިގެން ބިގޭ މެދުވެރި ކުރައްވައި، މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުއްވަން އުޅުއްވާ ކަމަށް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.
ނަޝީދުގެ އެންމެ އަރިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ސަރުކާރު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ އެވެ. އެ ބޭފުޅުން ބައެއް ހާލަތުތަކުގައި ހިތްހަމަޖެހިވަޑައިނުގަންނަވާ އެއް ކަމަކީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން މަޖިލީހުގެ ތެރެއިން ނުނިމޭތީ އެވެ.
ނަޝީދުގެ ބައެއް ސަޕޯޓަރުން ބިގޭ އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި މި ދަނޑިވަޅުގައި އޭނާ ރާއްޖެ ޓީވީގައި މިއަދު ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައި ފަސްޓް ލޭޑީ ފަޒްނާ ފޭސްބުކްގައި ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލަތަކަށް ކަމަށާއި ވަކި ބޭފުޅަކު މޮޅުކޮށް ނުވަތަ ދެރަކޮށް ނުހައްދަވާ ކަން ފާހަގަ ކުރެއްވުނު ކަމަށެވެ.
ނިންމުންތައް ނިންމެވުމުގައި އިސްކަން ދެއްވަނީ ވަގުތާ ހާލަތަށް ބަލައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ބިގޭ ވިދާޅުވި ވާހަކަ ވެސް ފަޒްނާ ފާހަގަކުރެއްވި އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާއަކަށް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ
"ބިގޭއަކީ ވެސް ބަސް މަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ހީވާގި ލީޑަރެއް ކަން ހާމަވެގެން ހިނގައްޖެ،" އެއްބަނޑުއެއްބަފާ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ އަށް ތައުރީފު ކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެމްޑީޕީއާ ގުޅޭ ގޮތުން ބިގޭ މިއަދު ފާހަގަކުރެއްވި އެއް މައްސަލައަކީ އެ ޕާޓީގެ މަސައްކަތް ދެބައިވުމުގެ ބިރެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެބައި ނުވިޔަސް، މަޖިލީހާއި ސަރުކާރު ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ މަސައްކަތްތައް ދެބައިވަމުންދާތަން ފެނިވަޑައިގަންނަވަ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އުނދަގޫވާ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރޭގައި އިންތިހާބުތަކުގައި އެމްޑީޕީން ވެފައިވާ ވައުދުތަކަށް ހުރަސް އެޅޭ ގޮތަށް ޖަވާބުދާރީ ކުރުވުމަކީ އެމްޑީޕީ އާއި ގައުމު ވެސް އުންމީދު ކުރާނެ ކަމެއް ނޫން،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ވެސް ކޮއްކޯފުޅު ބިގޭ ވިދާޅުވި އެވެ.
ނަޝީދު ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ބިގޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރީ ފަސް އަހަރަށް ކަމަށާއި އެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ގައުމު މި އޮތް ހާލަތުގައި އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށާއި ނަމަވެސް ފަހުން ހާލަތު ބަދަލުވެއްޖެ ނަމަ އެ ވަގުތަކު އެންމެ ރަނގަޅު ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ފަޒްނާ ތާއީދު ކުރެއްވި ނަމަވެސް ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދު މިއަދު ވަނީ ބިގޭ އަށް ހަމަލާތަކެއް ފޮނުއްވައިފަ އެވެ. ރާއްޖެ ޓީވީގައި ބިގޭ ދެއްކެވި ވާހަކަތަކަށް ފަހު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިގޭގެ ސިޔާސީ ފައިދާއަށްޓަކައި އޭނާ އަމިއްލަ އަށް ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްތައް ބިގޭ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ،" ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ސަރުކާރާއި ރައްޔިތުން މަޖިލީހުގައި އެންމެ ބާރު އޮތް ޕާޓީ، އެމްޑީޕީ ތެރޭގައި މި މައްސަލަތައް ފެށިގެން އައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހަދައި، މަޖިލީހަށް ސިޓީއެއް ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު ނާޅަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމި ހިސާބުންނެވެ.
އެ މައްސަލާގައި އެމްޑީޕީ ދެފަޅިވި ނަމަވެސް ނަޝީދުގެ ހަމަލާގެ އިންކުއަރީ ހިންގާ، 241 ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުވެ އަންނަނީ ޖަވާބުދާރީވަމުންނެވެ.
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް
އެމްޑީޕީ ދެބައިވީ ނަޝީދާއި ޕާޓީ ދުރުކުރުމުން: ހަސަން
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ގައުމީ މަޖިލިސް ރޫހް ހުރީ ބަރުލަމާނީ ނުގެންނަން:ރައީސް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު