Roadha Mihaaru
އެމްޑީޕީ ދެބައިވީ ނަޝީދާއި ޕާޓީ ދުރުކުރުމުން: ހަސަން

ހަސަން ވިދާޅުވީ އެމްޑީޕީގެ މަސައްކަތްތައް ދެބައިވީ، ނަޝީދާއި އެ ޕާޓީއާ ނުލައި ސަރުކާރު ހިންގަން އުޅުމުން ކަމަށް

11 ޖޫން 2021

އެމްޑީޕީގެ މަސައްކަތްތައް ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އެމްޑީޕީގެ މަސައްކަތްތައް ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ރައްދު ދެއްވައި، އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ނަޝީދުގެ ސަޕޯޓަރުން ވާހަކަތައް ދައްކަން ފެށުމުން އެކަމުގެ ދިފާއުގައި ރާއްޖެ ޓީވީގައި ބިގޭ މިއަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ބިގޭ ވިދާޅުވީ، އެމްޑީޕީ ދެބައި ނުވާނެ ކަމަށާއި އެކަމަކު މަސައްކަތްތައް ދެބައި ވެދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭ އަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، ޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ސަރުކާރުން ކުރަން ބޭނުން ނުވުމުން ކަމަށެވެ. ހާއްސަކޮށް އޭނާ ފާހަގަކުރެއްވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ކޮރަޕްޝަންގެ އެހެން މައްސަލަތަކެވެ.

ހަސަން ލަތީފުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އެ މައްސަލަތައް ބަލަން "ސަރުކާރުން ފޫކަހަން" ފެށުމަކީ އެމްޑީޕީގެ މަސައްކަތް ދެބައިވުމުގެ ސަބަބެވެ.

"...ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމާ. ޖުމުލަކޮށް ރައީސް މުހައްމަދު ނަޝީދާއި ޕާޓީ އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުނީމާ،" އެމްޑީޕީގެ މަސައްކަތްތައް ދެބައިވި މައިގަނޑު ސަބަބާ ގުޅޭ ގޮތުން، ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ލަތީފު ވިދާޅުވި އެވެ.

ނަޝީދާއި އެމްޑީޕީގެ އެހެން ބައެއް އިސްބޭފުޅުންގެ "ރާޑަރަށް" ބިގޭ އަރައިގެން ހިތްހަމަޖެހިވަޑައިނުގެން އުޅުއްވަނީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރާނެ ކަމަށް އަންގައި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި މަޖިލީހުގެ އިދާރާ އަށް ސިޓީ ފޮނުއްވި މައްސަލަ ބަލައި ދިނުމަށް ނަޝީދު އިމްތިޔާޒު ކޮމިޓީގައި އެދިވަޑައިގަތުމުން އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލުމުންނެވެ. ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ނިންމަވައިގެން ތިއްބެވީ އެކަމުގެ އަޑީގައި ހުންނެވީ ބިގޭ ކަމަށެވެ. އެކަމަކު، ބިގޭ އެ ވާހަކަތައް ދޮގުކުރައްވަ އެވެ. އޭނާ އަށް އިމްތޔާޒު ކޮމިޓީގެ މައްސަލަ އެނގިވަޑައިގަތީ މާ ފަހުން ކަމަށް ބިގޭ ވިދާޅުވެ އެވެ.

ބިގޭ އަށް ރައްދު ދެއްވައި ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް އެ ޕާޓީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ، ނަޝީދު ބަލި އެނދުގައި އޮއްވައި ހުށަހެޅުއްވި މައްސަލަ ވެސް އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ނުފޫޒު ފޯރުވައިގެން "ފެއިލް ކޮށްލީމަ" ޕާޓީ ބައިބައި ނުވެ ނޯންނާނެ ކަމަށެވެ.

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ހަސަން ލަތީފުގެ ވާހަކަ އަށް ތާއީދު ކުރެއްވި އެވެ.

"އިދިކީލަވީމަ މާ ބޮޑަށް ވެސް ދެބައި ވާނެ. އެމްޑީޕީ އަކީ އެމްޑީޕީ. އެމްޑީޕީ ކުރާނީ އެމްޑީޕީގެ މަސައްކަތް. ހަސަން ލަތީފު ތި ވިދާޅުވީ ރަނގަޅަށް،" ބިގޭ އަށް ނުރުހުން ފާޅުކުރައްވަމުން ފިރުޝާން ވިދާޅުވި އެވެ.

އެމްޑީޕީގެ ދެބައިވީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅައި ނުލުމުން ކަމަށް ބުނެ ޕާޓީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ. އޭގެ އިތުރުން އެއީ ނަޝީދު ބޮޑުވަޒީރުކަން ހޯއްދަވަން އުޅުއްވާތީ ދިމާވާ ކަމެއް ކަމަށް ވެސް ބުނެ އެވެ.

ބިގޭ ރާއްޖެ ޓީވީ އަށް ވިދާޅުވީ، ވެރިކަމުގެ ދެ ބާރު އެމްޑީޕީގައި އޮތްއިރު، ދެ ބާރުގެ މަސައްކަތް އެއް ޕާޓީއެއްގެ ތެރޭގައި ކުރަން ޖެހުމުން ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށެވެ. މިހާރު އެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ތެރޭގެ މަސައްކަތް ދެބައިވެދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިގޭ ސިޔާސީ ފައިިދާ އަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ނަޝީދާ މެދު އެހެން ބޭފުޅުން ބަހައްޓަވާ ގާތްކަމުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެ ޓްވީޓްގައި ނަޝީދު އެދިވަޑައިގެންފައިވެ އެވެ.

ނަޝީދު އެގޮތަށް ޓްވީޓު ކުރައްވާފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ވަނީ ބިގޭގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެއްބަނޑުއެއްބަފާ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ އަކީ "ބަސް މަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ހީވާގި ލީޑަރެއް ކަން ހާމަވެގެން ހިނގައްޖެ" ކަމަށް ފަޒްނާ ވިދާޅުވި އެވެ.