Roadha Mihaaru
ދަރިވަރުންނާ ބެހުނުކަމުގެ ތުހުމަތަށް ޓީޗަރު ސަސްޕެންޑް

ދަރިވަރުންނާ ބެހުނުކަމުގެ ތުހުމަތާ އެކު ޓީޗަރު ހުރީ ސަސްޕެންޑްކޮށްފައި: އެޑިއުކޭޝަން

13 ޖޫން 2021

އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއެރުމާ އެކު ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއެރުމާ އެކު ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލަ އެޑިއުކޭޝަންގެ ސަމާލުކަމަށް ގެނައުމާ އެކު މަސައްކަތުން އެކަހެރިވުމަށް ޓީޗަރަށް އެންގި އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަން ސްކޫލުން އެންގުމާ އެކު، ސަސްޕެންޑްކޮށްފައިވާކަން ލިޔުމުން ޓީޗަރަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބުނެފައިވާ ގޮތުގައި އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވެ އެވެ.

ތުހުމަތުކުރެވޭ 25 އަހަރުގެ އަންހެން ޓީޗަރަކީ އެކަން ހިނގި ރަށުގެ މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އެ ހާދިސާގެ މައްސަލަ ތިލަވުމާ އެކު އޭނާ ވަނީ އަމިއްލަ ރަށަަށް ގޮސްފަ އެވެ.

މިކަން ހިނގި ރަށުން "މިހާރު" އާ ކުރިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ޓީޗަރު ކުއްޖާއަށް ޖިންސީ މުއާމަލާތްތަކެއް ކޮށްފައިވެ އެވެ. އެކަން ފަޅާއެރުމުން ރަށަށް ފުލުހުންނާއި ޖެންޑާގެ ޓީމެއް ވެސް ދިޔަ އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.