Roadha Mihaaru
ކުޑަކުދިންނާ ބެހޭތީ އަންހެނަކު ލ. ހިތަދޫން ބޭރުކޮށްފި

ލ. ހިތަދޫގައި ކުޑަކުދިންނާ ބެހޭ ކަމުގެ ތުހުމަތަށް އަންހެނުން ނުކުމެ އެހެން އަންހެނަކު ރަށުން ބާލުވައިފި

05 ޖުލައި 2021

ލ. ހިތަދޫގައި އެ އަތޮޅު މާމެންދޫ އަންހެނަކު ކުދިންނަށް ފައިސާ ދީގެން ޖިންސީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވިގެން، އެ މީހާ މިއަދު ރަށުން ބާލުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ހިތަދޫގައި އެ އަތޮޅު މާމެންދޫ އަންހެނަކު ކުދިންނަށް ފައިސާ ދީގެން ޖިންސީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވިގެން، އެ މީހާ މިއަދު ރަށުން ބާލުވައިފި އެވެ.

ހިތަދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން އިންސާދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މީހާ އަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ރަށަށް ދިޔަ މީހެކެވެ. އަންހެން މީހާ އުޅެމުން ރައްޓެއްސެއްގެ ގޭގައި ކަމަށް އިންސާދު ވިދާޅުވި އެވެ.

އިންސާދު ވިދާޅުވި ގޮތުގައި އަންހެން މީހާއާ ބެހޭ ގޮތުން އެއް ރެއެއްގެ ދަންވަރު 1:30 ހާއިރު ލިބުނު ޝަކުވާއަކާ ގުޅިގެން ކައުންސިލުގެ އިތުރު ބޭފުޅަކާ އެކު އެ ގޭ ދޮށަށް ދިޔައިރު ދެ ފިރިހެން ކުއްޖަކާ އެކު ބަރަހަނާ ހާލުގައި ތިއްބާ ވެސް ފެނިފައިވެ އެވެ.

"ޓާސްކް ފޯހުން އަޅުގަނޑުމެން ތަންކޮޅެއް ދަންވަންދެން ރަށު ތެރެ މޮނިޓާކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައިން. އެއް ދުވަހަކު މީހަކު ގުޅާފައި ބުނީމާ އެ މީހުން އުޅޭ ގޭ ދޮށަށް ދަންވަރު 1:30 ހާއިރު ދިޔައިން އަޅުގަނޑު ވެސް. އެ ގެ ހުންނަނީ ކުޑަކޮށް ފާރު ނަގާފައި ވިޔަސް، ބޭރުން ހަމަ ރީއްޗަށް ފެނޭ ފެންޑާއެއް ކަހަލަ ތަނެއްގައި އެމީހުން ތިއްބާ."

އޭނާ ވިދާޅުވި ގޮތުގައި އެ ރޭ އަންހެން މީހާ ޖިންސީ އަމަލު ހިންގަން ހުރީ އެ ގޭގައި އުޅޭ 18 އަހަރު ނުވާ އެއް ކުއްޖަކާ އެކު ކަމަށް ބެލެވެ އެވެ. އަނެއް ފިރިހެން ކުއްޖާއަށް ވާނީ 19 ވަރަކަށް އަހަރެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް އެކަން ގެނައި ނަމަވެސް ފިޔަވަޅެއް ނާޅާ ކަމަށް އިންސާދު ވިދާޅުވި އެވެ.

އެ ކަމެއް ހިނގާފައި ވަނިކޮށް ރޭގެ ވަގުތެއްގައި ކައުންސިލް އިދާރާއަށް އަންހެނަކު އައިސް އޭނާގެ 15 އަހަރުގެ ދަރިފުޅަށް ދިހަ ވަރަކަށް ރުފިޔާ ދީގެން ޖިންސީ އަމަލު ހިންގި ކަމަށް ބުނެފައިވާ ކަމަށް އިންސާދު ވިދާޅުވި އެވެ.

"ރޭ 9:00 ހާއިރު އަންހެނަކު ވަރަށް ހާސްވެގެން ހުރެ އައިސް ބުނީ އޭނާ ތިމަންނަ ދަރިއާ ބެހެފިޔޭ. އަޅުގަނޑުމެނަށް ބެލެވެނީ ލާރި ދީގެން އިތުރު ކުދިންނަށް ވެސް ބެހިފަ ހުންނާނެ ކަމަށް."

މިއަދު މެންދުރު 11:30 ހާއިރު ރަށުގެ ތިރީހަކަށް އަންހެނުން ވަނީ އެ އަންހެން މީހާ އުޅޭ ގޭދޮށަށް އެއްވެ އެ މީހާ ރަށުން ބޭރުކުރަން ގޮވައިފަ އެވެ. އެހެންވެ ކައުންސިލުން ފުލުހުންނަށް އެކަން އަންގައި އަންހެން މީހާ ފޮނުވާލީ ކަމަށް އިންސާދު ވިދާޅުވި އެވެ.

މާމެންދޫން ފުލުހުން ހިތަދޫއަށް ގޮސް އެ މީހާ ކައުންސިލް އިދާރާއަށް ގެންދިޔައިރު އެތަނަށް ވެސް ރަށުގެ މީހުން އެއްވެ އަޑުގަދަ ކުރަމުންދިޔައީ އެ މީހާ ރަށުން ބޭލުން އަވަސްކުރުމަށެވެ. މެންދުރު 12:45 ހާއިރު ފުލުހުން ދިޔުމުން، ފުލުހުންގެ ބެލުމުގެ ދަށުން އަންހެން މީހާ ވަނީ ރަށުން ބާލައިފަ އެވެ.

"އަންހެން މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނެކޭ ވެސް ކިޔާ ރަށު ތެރޭގަ. ރަށުން ބޭލިއިރު ވެސް ވަރަށް ހަޑި އެއްޗެހި ކިޔަމުން ދިޔައީ. ރަށުގެ މީހުންނާ ދިމާލަށް ވެސް ބުނި ފިރިހެން ކުއްޖާ [އޭނާ އުޅެމުން އައި ގޭގެ ދޮށީ ފިރިހެން ކުއްޖާ] އާ ކައިވެނިކޮށްގެން އައިސް މި ރަށުގަ އުޅޭ ތަން ދައްކާލާނަމޭ."

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަންހެނަކު މަސްތުވާތަކެތި ބޭނުންކޮށް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ އެރަށުން ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާތީ މައްސަލަ ބަލަމުންް އަންނަ ކަމަށެވެ. އަދި އަންހެން މީހާ ރަށުން ބޭލީ ރަށުގައި ހުރެއްޖެ ނަމަ މަސްލަހަތު ގެއްލިދާނެތީ ކަމަށް ބުންޏެވެ..

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.