Roadha Mihaaru
އާމިރު، އިންޑިއާގެ ރާޒުވާ ލެޖެންޑްގެ ފިލްމު ބޭނުން

އިންޑިއާގެ ރާޒުވާ ލެޖެންޑްގެ ފިލްމު ކުޅެން ވަރަށް ބޭނުން: އާމިރު

15 ޖޫން 2021

އިންޑިއާގެ ރާޒުވާ ލެޖެންޑް ވިސްވަނާތަން އާނަންދުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އަށް ގެންނަން އެންމެ ބޭނުން ވަނީ އާމިރު ޚާން ކަމަށް ބުނެފައި ވަނިކޮށް އޭނާ އެ ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ރާޒުވާ ލެޖެންޑް ވިސްވަނާތަން އާނަންދުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އަށް ގެންނަން އެންމެ ބޭނުން ވަނީ އާމިރު ޚާން ކަމަށް ބުނެފައި ވަނިކޮށް އޭނާ އެ ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފި އެވެ.

ކޮވިޑް-19 ގެ ކަންކަމަށް ފަންޑް ހޯދަން ވިސްވަނާތަންއާ އެކު ބޭއްވި ރާޒުވާ ކުޅުމުގެ އިވެންޓެއްގެ ތެރޭގައި އޭގެ ހޯސްޓް ސަމޭ ރައިނާ ކުރި ސުވާލެއްގެ ޖަވާބުގައި އާމިރު ބުނީ ލެޖެންޑްގެ ފިލްމު ކުޅެފާނެތޯ ކުރާ ސުވާލަކީ ޖަބާވުދޭން އެންމެ ފަސޭހަ ސުވާލު ކަމަށެވެ.

"އެއީ ހަމަ ޔަގީން ކަމެއްތާ. އަނެއްކާ ތިއީ އުފައްދަން ޖެހޭ ކަހަލަ ސުވާލެއް ވެސް ނޫން،" އޭނާ ބުންޏެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު، 56، ބުނީ ގޮތުގައި ވިސްވަނާތަންގެ ފިލްމު ކުޅެން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ. އޭނާ ބުނި ގޮތުގައި ރާޒުވާ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ލެޖެންޑްގެ ރޯލު ކުޅެން ލިބުމުން ވިސްނުން ވެސް ތަރައްގީވާން މަގުފަހިވާނެ އެވެ.

"އެ ރޯލު ކުޅެން ލިބިއްޖެ ނަމަ ހަމަ ގައިމު ވެސް ވިޝީގެ ސިކުނޑި ދަސްކުރަން އަހަރެން އޭނާއާ އެކު ވަރަށް މަސައްކަތްކުރާނަން. އެ ރޯލު ކުޅެން ލިބިއްޖެ ރޯލަށް ތައްޔާރުވާން ވިޝީ އާއި އޭނާގެ އާއިލާގެ އެންމެންގެ އެހީތެރިކަން ވެސް ހޯދާނަން. އަހަންނަކީ ކެރެކްޓާއަކަށް އަބަދު ވެސް ވަރަށް ބޮޑަށް ތައްޔާރުވާ މީހެއް،" އާމިރު ބުންޏެވެ. "އެހެންވީމަ ޔަގީންކަމާ އެކު ބުނަން ކެރިދާނެ ވިޝީ ވެސް ހައިރާންކޮށްލާ ވަރަށް އޭނަގެ ރޯލު އަހަރެން ސްކްރީންގައި ދައްކާނެކަން."

އާމިރުގެ އެ ވާހަކަތައް އަޑު އަހާފައި ވިސްވަނާތަން ކޮށްލީ ސަމާސާއެކެވެ.

އެހެންވީމަ ޔަގީންކަމާ އެކު ބުނަން ކެރިދާނެ ވިޝީ ވެސް ހައިރާންކޮށްލާ ވަރަށް އޭނަގެ ރޯލު އަހަރެން ސްކްރީންގައި ދައްކާނެކަން: އާމިރު

"ހަމަ ޔަގީނުން ވެސް އަހަރެންގެ ރޯލު ކުޅޭކަށް އާމިރު ބަރުދަން އިތުރުކޮށް، ފަލަވާކޮށް ނުޖެހޭނެ،" 2016 ގެ "ޑަންގަލް" ކުޅެން އާމިރު ބޮޑު ބަނޑެއްލާން ކުރި މަސައްކަތްތަކަށް އިޝާރާތްކޮށް ވިސްވަނާތަން ބުންޏެވެ.

އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި ޒާރުވާ ކުޅުންތެރިންގެ ތެރެގައި ހިމެނޭ ވިސްވަނާތަން، 51، ގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ގުޅިގެން އުފައްދާ ފިލްމުގައި ވިސްވަނާތަންގެ ރޯލު ކުޅެން އާނަންދު ގެނެސްދޭން ތައްޔާރުވަމުން އަންނަ "އަތުރަންގީ ރޭ" ގެ ތަމަޅަ އެކްޓަރު ދަނޫޝް އަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް މަހާވީރް ޕިންކްވިލާ އަށް ފެބްރުއަރީގައި ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފިލްމަށް ބޭނުން ވަނި އާމިރު ކަމަށެވެ. އޭނާ ބުނި ގޮތުގައި ވިސްވަނާތަންގެ ރޯލަށް އާމިރު ވަރަށް ފިޓެވެ. އަދި އޭނާ އަށް ފިލްމު ވަގުތު ދެވެން އޮތް ނަމަ، ފިލްމަށް ގެންނަން ވަރަށް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

ކޮންމެއަކަސް މިހާރު އާމިރު ދެއްކި ވާހަތަކާ އެކު އެ ފިލްމުން އޭނާ ފެންނާކަމުގެ އުންމީދު ވަރަށް ބޮޑެވެ.

ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ޑައިރެކްޓްކުރާނެ މީހަކު އަދި އޮތީ އިއުލާންނުކޮށެވެ.

އާމިރު މިހާރު އަންނަނީ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އަތުގައި ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ފާހަގަކޮށްލެވެ އެވެ.