Roadha Mihaaru
އެމްއެންއެސްޑީއޭގެ ސީއީއޯއަކަށް ނަޝީދު

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯއަކަށް ނަޝީދު

15 ޖޫން 2021

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯއަކަށް އަހުމަދު ނަޝީދު އިއްޔެ އައްޔަން ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯއަކަށް އަހުމަދު ނަޝީދު އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް ނަޝީދު އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

އެންއެސްޑީއޭގެ ސީއީއޯއަކަށް ވެސް އޭނާ އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރެއްގަ އެވެ.

ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިން މާސްޓާ އޮފް އިންޖިނިއަރިން ސައިންސް (ރިނިއުބަލް އެނަޖީ އިންޖީނިއަރިން) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ މަގާމު ފަދަ އިސް މަގާމުތައް އޭނާ އަދާކުރެއްވި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ދެ އިދާރާއެއް އުފެއްދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ބާރު ލިބިފައިވެ އެވެ. އެއީ އެންއެސްޑީއޭގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެވެ. އެމްކިއުއޭ އަށް ވެސް އިއްޔެ ވަނީ ސީއީއޯ އަކު ހަމަޖައްސަވައިފަ އެވެ.

އެމްއެންއެސްޑީއޭ އަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރޭނިން އޮތޯރިޓީ (ޓިވެޓް) ގެ ނަމުގައި ކުރިން ހިންގަމުން އައި އިދާރާ އެވެ. އާ ގާނޫނާ އެކު އެ އިދާރާގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުން ވެސް ވަނީ އެންއެސްޑީއޭ އަށް ބަދަލުކުރަން ނިންމައިފަ އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އަދި މަތީ ތައިލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ އެ ނޫން ވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

މި ގާނޫނުގައިވާ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަމުންދޭތޯ ބަލައި އެ ތަންތަން މޮނިޓާކޮށް ފިޔަވަޅު އަޅާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މަތީ ތައުލީމާއި ތަމްރީނުގެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، މަޖިލީހުން ފާސްކުރީ 49 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.