Roadha Mihaaru
ހަނިމާދޫ ބިމުގެ މައްސަލައިގައި ގޮތް ނިންމާނީ ކައުންސިލުން:ފައްޔާޒު

ހަނިމާދޫ ބިމުގެ މައްސަލައިގައި ގޮތް ނިންމާނީ ކައުންސިލުން: ފައްޔާޒު

15 ޖޫން 2021

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ނެގުމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރުމަށް ފަހު ގެންނަން ޖެހޭ ބަދަލެއް ގެންނަން ތައްޔާރަށް ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ނެގުމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރުމަށް ފަހު ގެންނަން ޖެހޭ ބަދަލެއް ގެންނަން ތައްޔާރަށް ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، މުޅި ޕްރޮޖެކްޓް ކޮމްޕްރޮމައިޒް ނުވާ ލެވެލްއެއްގައި ގެންނަން ޖެހޭ ހުރިހާ ބަދަލެއް ރަށު ކައުންސިލުން ބޭނުންވާ ގޮތަށް ގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ލަންކާ އާއި މެދުއިރުމަތިން އާންމުކޮށް އަންނަ އޭޓީއާރް މަރުކާގެ ބޯޓުތަކަށް ޖެއްސޭވަރުގެ ރަންވޭއެއް ހަނިމާދޫގައި ފުރަތަމަ ފޭސްގައި ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު ބޯޑުތަކަށް ވެސް ޖެއްސޭވަރުގެ ރަންވޭއެއް ފަހުން ހަދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މިވާހަތައް އެންމެ ބޮޑަށް ދެެއްކި ދުވަސްވަރު އޭނާ އުޅުނީ ބަލިވެ ކަމަށާއި އެހެންވެ ހަނިމާދޫގެ ކައުންސިލް މެންބަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

"އެބޭފުޅުން އެއާޕޯޓު ނަގަން ބޭނުން ވެއްޖިއްޔާ އަޅުގަނޑުމެން އެއާޕޯޓު ނަގާނަން. އެބޭފުޅުން އެއާޕޯޓާ އެކު އެތަނުގައި އަޅާ ސިޓީ ހޮޓާ އަޅަން ބޭނުން ނުވާ ނަމަ އެތަން ވެސް އަޅުގަނޑުމެން ނަގާނަން. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އެބޭފުޅުން ޑިސައިޑް ކުރާނީ ކިހިނެއްތޯ ހަދަންވީ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރަން ބިން ކަނޑައެޅީ ކުރިއަށް އޮތްތަނުގައި ވެސް އެއާޕޯޓު ބޮޑުކުރަން ޖާގަ ހިމެނޭ ގޮތަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ: ހަނިމާދޫގައި އެއާޕޯޓު ބޮޑު ކުރަން ރަށު ރައްޔިތުން ބޭނުން ނުވާ ނަމަ އެކަން އެގޮތަށް ކުރާނަން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ: ހަނިމާދޫގައި އެއާޕޯޓު ބޮޑު ކުރަން ރަށު ރައްޔިތުން ބޭނުން ނުވާ ނަމަ އެކަން އެގޮތަށް ކުރާނަން

"ބޮޑު ކުރަން ބަލާ އިރު އެ ސަރަހައްދުތަކުގައި މީހުންގެ ގެދޮރު އަޅައިފި ކަމުގައިވާ ނަމަ އެއާޕޯޓު ބޮޑު ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ. އެހެންވީމަ އެ ވިސްނުމުގައި އެކަން ކޮށްފައިވަނީ. އެވިދާޅުވާ 850،000 އަކަފޫޓުގެ އެއް ބަޔަކީ އެއާޕޯޓު އެކްސްޕެންޝަނަށް. އަނެއް ބަޔަކީ އެމްއެންޑީއެފްގެ ބޭނުމަށް ނަގާފައިވާ ބިމެއް،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ނޮދާން ރީޖަނަލް ކޮމާންޑަށް ހާއްސަކުރާ ހަތަރު ލައްކަ އަކަފޫޓުގެ އިތުރުން އެ ސަރަހައްދުގައި ސިޓީ ހޮޓަލެއް ވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ޖުލައި މަހު ކޮންޓްރެކްޓްގައި ސޮއިކުރަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ކަނޑައަޅައި ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވީ ނަމަވެސް އެކަން ބާތިލްކޮށްދިނުމަށް އެދި އެ ރަށުގެ ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފުތާގައި ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.