Roadha Mihaaru
ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް

އިންޑިޔާގެ އެހީގައި ތަރައްގީކުރިޔަސް ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ފައްޔާޒް

14 ޖޫން 2021

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރިއަސް އެތަން ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރިއަސް އެތަން ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. އެއާއެކު، އެ ރަށުގެ ޖަމިއްޔާތަކާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މައްސަލަ އިތުރަށް ގޯސްވީ، ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ރަށުގެ ބިމުން ބޮޑު ބައެއް ނެގުމަށް ހުށަހަޅާފައި ވަނިކޮށް ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް އެއާޕޯޓު ހިންގޭ ގޮތަށް އުސޫލު ވެސް އިއްޔެ ބަދަލުކުރުމުންނެވެ.

އެ ކަންބޮޑުވުންތަކާ އެކު މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއާޕޯޓު ތަރައްގީކުރާނީ އެގްޒިމް ބޭންކު ލޯނުގަ އެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މައްސަލައިގައި މިހާރު އަންނަނީ ޕެޓިޝަނެއް ހަދަމުންނެވެ. "ސޭވް ހަނިމާދޫ"ގެ ނަމުގައި އޮންލައިންކޮށް ގެންދާ ޕެޓިޝަންގައި މިހާތަނަށް 214 މީހުން ސޮއިކޮށްފައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހަނިމާދޫ ފޭސްބުކް ގްރޫޕެއްގައި މީގެ ފަސް ދުވަސް ކުރިން ހެދި ޕޯލުގެ ނަތީޖާއިން ސަރުކާރުން މިހާރު ހަދާފައިވާ ޕްލޭނާ ދެކޮޅަށް 207 ވޯޓު އަދި އެކަމަށް ތާއިދުކޮށް 17 މީހަކު ވޯޓު ދީފައިވެ އެވެ.

މީގެ 31 އަހަރު ކުރިން ހަނިމާދޫގައި ހުޅުވި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.