Roadha Mihaaru
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށަން ހުއްދައަށް އެދިއްޖެ

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފެށުމުގެ ހުއްދައަށް އެދިއްޖެ

16 ޖޫން 2021

ރޭޑިއޯގްރަފީގެ ދާއިރާ އިން ދިވެހިން ތަމްރީނު ކުރަން އެސްޓީއޯ އިން ތައާރަފު ކުރި ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯސް ފެށުމުގެ ހުއްދައަށް އެދިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރޭޑިއޯގްރަފީގެ ދާއިރާ އިން ދިވެހިން ތަމްރީނު ކުރަން އެސްޓީއޯ އިން ތައާރަފު ކުރި ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯސް ފެށުމުގެ ހުއްދައަށް އެދިއްޖެ އެވެ.

އެ ކުންފުނިން މިއަދު ބުނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި އެމްކިޔުއޭގެ ހުއްދަ ލިބުމާއެކު ކޯހަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ. ކޯހުގެ ފުރަތަމަ ބެޗުގައި 20 ދަރިވަރަކަށް ފުރުސަަތު ހުޅުވައިލާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ގައުމީ ޔުނިވާސިޓީއާ ގުޅިގެން ފަށާ މި ކޯހަށް ބޭނުންވާ ލެބޯޓްރީއަކާއި ތަމްރީނު މަރުކަޒެއް ވެސް އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިހާރު ވަނީ ހަދައިފަ އެވެ. މިއީ ޖެނެރަލް އިލެކްޓްރޯނިކް ހެލްތު ކެއާއާ ގުޅިގެން ހަދައިފައިވާ ތަނެކެވެ.

މި ކޯސް ތައާރަފު ކުރުމަށް މިދިޔަ އޭޕްރީލް މަހު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރޭޑިއޯގްރަފީގެ ދާއިރާ އިން ދިވެހި ޒުވާނުން ކުރިއެރުވުމަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަށެވެ. އެހެންކަމުން މި ކޯހުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ފީ ދައްކާނީ އިޖުތިމާއީ ޒިންމާގެ ދަށުން އެސްޓީއޯ އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޓެކްނިކަލް މަސައްކަތަކަށް ވެފައި މުސާރަ ރަނގަޅު ދާއިރާއަކަށް ވުމުން ފުރުސަތު ލިބިއްޖެ ނަމަ ދިވެހިން މި ދާއިރާ އަށް ޝައުގުވެރިވާނެ. ކުރިއަށް އޮތްތާނގައި މި ދާއިރާ އިން ގިނަ ދިވެހިން ފެނުމަކީ އަޅުގަނޑުގެ އުއްމީދެއް" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނިގޮތުގައި މިއީ ރާއްޖޭގައި ދިވެހި ރޭޑިއޮގްރަފަރުން އިތުރު ކުރުމަށް ފަށާ ކޯހެކެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި ރޭޑިއޯގްރަފީގެ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ ހަތަރު މީހުން ކަމަށެވެ. އެއީ އަތޮޅުތެރޭގެ 20 ތަނެއްގައި މަސައްކަތް ކުރާ ތިން މީހަކާއި އައިޖީއެމްއެޗުގައި މަސައްކަތް ކުރާ މީހެކެވެ.