Roadha Mihaaru
ބިޓްކޮއިންއާ ދެކޮޅަށް އަލް ސަލްވަޑޯގެ މީހުން ނުކުމެއްޖެ

ބިޓްކޮއިން ރަސްމީ ފައިސާއަކަށް ހަދާތީ އަލް ސަލްވަޑޯގެ މީހުން މުޒާހަރާ އަށް

05 ސެޕްޓެމްބަރ 2021

ގައުމުގެ ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހެދި ފުރަތަމަ ގައުމު ކަމަށްވާ އަލް ސަލްވެޑޯގައި މި މަހުގެ 7 އިން ފެށިގެން އެ ފައިސާ ރަސްމީކޮށް ބޭނުންކުރަން ފަށާތީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދި އެ ނިންމުމާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގައުމުގެ ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހެދި ފުރަތަމަ ގައުމު ކަމަށްވާ އަލް ސަލްވެޑޯގައި މި މަހުގެ 7 އިން ފެށިގެން އެ ފައިސާ ރަސްމީކޮށް ބޭނުންކުރަން ފަށާތީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދި އެ ނިންމުމާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.

އެ ނިންމުމާ ދެކޮޅު މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް، ނިންމުން ބަދަލުކުރަން ވެސް މިހާރު ދަނީ ސަރުކާރަށް ގޮވައިލަމުންނެވެ. އަލް ސަލްވެޑޯގެ ގިނަ ރައްޔިރުން ބުނާ ގޮތުގައި ބިޓްކޮއިން ރަސްމީ ފައިސާގެ މުއާމަލާތަކަށް ބޭނުންކުރާކަށް އެ މީހުން އަދި ތައްޔާރެއް ނޫނެވެ. އަދި ސަރުކާރުގެ ނިންމުމާ ދެކޮޅު ރައްޔިތުން އެކަން ސިފަކޮށްފައި ވަނީ ސަރުކާރުން ދުނިޔޭގެ ސަމާލުކަން ހޯދަންކުރާ ކަމެއްގެ ގޮތުގަ އެވެ.

އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުންކުރާނެ ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހަދަން، އަލް ސަލްވެޑޯގެ ގާނޫނު ހަދާ މަޖީހުން ފާސްކުރީ ޖޫން 8، 2021 ގަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައީސް ނަޔީބު ބުކެލޭ އެވެ.

އެ ގައުމުގެ މި ނިންމުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، ނިންމުން ބަދަލުކުރަން ގޮވައިލަމުންދާ އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ އަލް ސަލްވެޑޯގެ ނިންމުމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ އިގްތިސާދީ ކުރިއެރުމަށްޓަކައި ގެނައި ބަދަލެކެވެ.

މި މަހުގެ 7 އިން ފެށިގެން އަލް ސަލްވެޑޯގައި ބިޓްކޮއިންގެ މުއާމަލާތްތައް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން އެ ގައުމުގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ބިޓްކޮއިނަށް ހާއްސަ 200 އެއްހާ މެޝިން ވެސް ބަހައްޓައިފަ އެވެ. އަދި މި ފައިސާ ބޭނުންކުރާ އާންމުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ރައްޔިތަކަށް ހިލޭ 30 ޑޮލަރުގެ ބިޓްކޮއިންދޭން ވަނީ ނިންމައިފަ އެވެ.

އަލް ސަަލްވެޑޯގައި ހަދާފައިވާ ހިޔާލު ހޯދުމުގެ ވޯޓަކުން ވެސް ދައްކާ ގޮތުގައި ގައުމުގެ ރައްޔިތުން ތިބީ ބިޓްކޮއިން ބަލަގައިގަންނަން ތައްޔާރަކަށް ނޫނެވެ. އަދި އެއީ ކިހިނެއް، ކޮން ގޮތަކަށް މަސައްކަތްކުރާ އެއްޗެއް ކަމެއް ވެސް ގިނަ ބަޔަކަށް ނޭނގެ އެވެ.

ސެންޓްރަލް އެމެރިކަން ޔުނިވަސިޓީ (ޔޫސީއޭ) އިން ހަދާފައިވާ ޕޯލަކުން ދައްކާ ގޮތުގައި ބިޓްކޮއިނަކީ ކޯޗެއްކަން އެނގެނީ އަލް ސަލްވެޑޯގެ އެންމެ 4.8 ޕަސެންޓް މީހުންނަށެވެ. އަދި 68 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ރަސްމީ ފައިސާއެއްގެ ގޮތުގައި ބިޓްކޮއިން ބަލައިގަންނާކަށް އެ މީހުން ބޭނުމެއް ނޫނެވެ.

ކްރިޕްޓޯކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާއެއްގެ ގޮތުގައި 2008 ގައި އުފަންވި ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ގަ އެވެ.

މި ފައިސާ ރަސްމީކުރަން އުޅޭ ގައުމުތަކުގެ ތެރޭގައި ކިއުބާ ވެސް ހިމެނެ އެވެ.