Roadha Mihaaru
އަލް ސަލްވެޑޯގައި ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހަދަނީ

އަލް ސަލްވެޑޯގައި ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހަދަނީ

07 ޖޫން 2021

ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި މަޝްހޫރުވެ މިހާރު މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިޓްކޮއިން އަކީ އަލް ސަލްވެޑޯގައި ރަސްމީ ފައިސާއަކަށް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް ނަޔީބް ބުކެލޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި މަޝްހޫރުވެ މިހާރު މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިޓްކޮއިން އަކީ އަލް ސަލްވެޑޯގައި ރަސްމީ ފައިސާއަކަށް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް ނަޔީބް ބުކެލޭ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭނުންވަނީ ޑޮލަރުގެ މުއާމަލާތް ކުރެވޭ ގޮތަށް އަމިއްލަ ގައުމުގައި ބިޓްކޮއިން ވެސް ބޭނުންކުރެވުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބިޓްކޮއިން އަކީ މިހާރު 680 ބިލިއަން ޑޮލަރުގެ މާކެޓް އޮތް ފައިސާއަކަށްވާތީ އަލް ސަލްވެޑޯގައި އެ ފައިސާ އަށް އެއް ޕަސަންޓް އިންވެސްޓްކޮށްފި ނަމަވެސް ގައުމީ އުފެއްދުންތެރިކަމަށް 25 ޕަސަންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެމެރިކާގެ ފްލޮރިޑާގައި ބޭއްވި ބިޓްކޮއިން ކޮންފަރެންސްގައި ރައީސް ބުކެލޭ ވިދާޅުވީ ބިޓްކޮއިން ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާއިރު އިގްދިސާދީ ކުރިއެރުން ވެސް ގުޅިފައި އޮތީ އެފަދަ ޑިޖިޓަލް ފައިސާއާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ފައިސާ އަހަރެމެންގެ ގައުމުގެ ރަސްމީ ޓެންޑާއަކަށް ބަދަލުކޮށްފި ނަމަ ގައުމުން ބޭރުގައި ދިރިއުޅޭ އަލް ސަވްލެވެޑޯގެ ރައްޔިތުންނަށް ވެސް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބިޓްކޮއިން ލީގަލް ޓެންޑާއަކަށް ހަދައިފި ނަމަ ކުރު މުއްދަތަކަށް ބަލާ އިރު ވެސް ގައުމުގައި އިތުރު ވަޒީފާތައް އުފެދި އިގުތިސާދީ ހަރަކާތްތައް އިތުރުވާން ފަށާނެ އެވެ.

"އޭގެ ސަބަބުން އަހަރެމެންގެ ގައުމުގައި އިންވެސްޓްމަންޓްތައް ވެސް އިތުރުވާން ފަށާނެ." އޭނާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިޓްކޮއިން ރަސްމީ ޓެންޑާއަކަށް ހަދަން ނިންމާފައިވާތީ އެކަމާ ގުޅޭ ބިލް އަންނަ ހަފުތާގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހަށް ފޮނުވާނެ އެވެ. އޭނާ ވިދާޅުވި އެ ބިލް ފާސްވެ، ގާނޫނަކަށްވުމުން މިހާރު ބޭންކް އެކައުންޓް ނެތް އަަލ ސަލްވެޑޯގެ 70 ޕަސަންޓް މީހުންނަށް މާލީ އެހީތެރިކަމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

ތަރައްގީވެފައިވާ ގިނަ ގައުމުތަކުން މިހާރު ޑިޖިޓަލް ފައިސާ އަށް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް ބައެއް ގައުމުތަކުން އެ ފައިސާއާ ވަރަށް ދެކޮޅެވެ.

ކްރިޕްޓޯ ކަރަންސީއެއްގެ ގޮތުގައި ދެހާސް އަށެއްގައި އުފަންވި ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ގަ އެވެ.