Roadha Mihaaru
ބިޓްކޮއިނާ ހެދި އަލް ސަލްވެޑޯ އަށް އިންޒާރެއް

ބިޓްކޮއިނާ ހެދި އަލް ސަލްވެޑޯ އަށް އައިއެމްއެފްގެ އިންޒާރެއް

27 ޖެނުއަރީ 2022

ރަސްމީ ފައިސާއެއްގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރުން ހުއްޓާލަން އަންގައި، އެކަމުން އިގުތިސާދީ ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަލް ސަލްވެޑޯ އަށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަސްމީ ފައިސާއެއްގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރުން ހުއްޓާލަން އަންގައި، އެކަމުން އިގުތިސާދީ ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަލް ސަލްވެޑޯ އަށް ދީފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ކްރިޕްޓޮކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާ ބިޓްކޮއިން ލީގަލް ޓެންޑަރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ނިންމުން ވީހާ ވެސް އަވަހަކަށް އުވައިލަން އެދޭ ކަމަށެވެ.

އައިއެމްއެފުން މި ގޮތަށް އެންގި އިރު، އަލް ސަލްވެޑޯ އިން ބިޓްކޮން ރަސްމީ ފައިސާއަކަށް ހަދަން މިދިޔަ އަހަރު ނިންމި ހިސާބުން ފެށިގެން ވެސް އެތަނުން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ވޯލްޑް ބޭންކުން ވެސް އެ ކަމަށް ތާއީދުނުކުރާ ކަމަށް ބުނެފައިވާ އިރު، އަލް ސަލްވެޑޯގެ ރައްޔިތުންތަކެއް ވެސް އެކަމާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

ބިޓްކޮއިން ގައުމެއްގެ ރަސްމީ ފައިސާގެ މުއާމަލާތެއްގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ގައުމަށް، އައިއެމްއެފުން އެންގި އެންގުމުގައި ބުނެފައި ވަނީ އެ މުއާމަލާތުގެ ސަބަބުން އިގުތިސާދީ ވަޅުގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމަށެވެ.

"މީގެ ސަބަބުން މާލީ އަދި މާކެޓް އިންޓްގްރިޓީ ނުރައްކަލުގެ ތެރެއަށް ހުށަހެޅި މާލީ ގަޑުބަޑުތަކާއި ކޮންޒިއުމަރުންނަށް ލިބިދޭ ހިޔާމަތަށް ވެސް ބުރޫއެރުމުގެ ފުރުސަތު ބޮޑު،" އައިއެމްއެފުން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ އިން ވަނީ އަލް ސަަލްވެޑޯ އިން ބިޓްކޮއިންގެ މުއާމަލާތް ހިންގާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ރަނގަޅަށް ރެގިއުލޭޓް ވެސް ނުކުރެވޭ ކަމަށް ބުނެފަ އެވެ. އެހެންވެ، ފުރަތަމަ ކަމަކަށް އެކަން ރެގިއުލެޓް ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ނިޒާމުތަކެއް ވެސް ބޭނުންވާ ކަމަށް ބުންޏެވެ.

"ބިޓްކޮއިނުން ބޮންޑް ދޫކުރާ މައްސަލަ އަކީ ވެސް ބަރަށް ބޮޑު ކަންބޮޑޮވުމެއް،" އައިއެމްއެފުން ބުންޏެވެ.

އަލް ސަލްވޯ އިން ބުނެފައިވާ ގޮތުގައި އަމާޒަކީ 10 އަހަރަށް އެއް ބިލިއަން ޑޮލަރުގެ ބިޓްކޮއިން ބޮންޑް އިޝޫކުރުމެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ސަލްވެޑޯގައި ބިޓްކޮއިންގެ މުއާމަލާތް ރަސްމީކޮށް ފެށި ފަހުން އޭގެ އަގު ވެއްޓި މިހާތަނަށް އެ ގައުމަށް 20 މިލިއަން ޑޮލަރުގެ ގެއްލުމެއްވެފައިވެ އެވެ.

ނަމަވެސް އެ ގައުމުގެ ރައީސް ނަޖީބު ބުކެލޭ ހުންނެވީ ބިޓްކޮއިންއާ ދުރަށްޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އައިއެމްއެފުން ދިން އިންޒާރާ އެކު ވެސް އޭނާ ޖެއްސެވީ ޓްވިޓާގައި ހަޖޫ އެވެ.

އަލް ސަލްވެޑޯގައި ބިޓްކޮއިން ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގަ އެވެ.