Roadha Mihaaru
ނަފްރަތު ބިލު އަނބުރާ ގެންދަން ރައީސަށް ދަންނަވައިފި

ނަފްރަތުގެ ބިލު އަނބުރާ ގެންދަން 101 އިލްމުވެރިއަކު ރައީސަށް ދަންނަވައިފި

17 ޖޫން 2021

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ނެގުމަށް ގޮވާލައި ގިނަ އަދަދެއްގެ އިލްމުވެރިންގެ ސޮޔާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ނެގުމަށް ގޮވާލައި ގިނަ އަދަދެއްގެ އިލްމުވެރިންގެ ސޮޔާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އިލްމުވެރިންގެ ގުޅުމުން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސްއެޅި ބަންދުވެގެން ދާނެކަމަށެވެ.

އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް 101 އިލްމުވެރިއެއްގެ ސޮޔާ އެކު އެދިފައި ވެ އެވެ.

"މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަމެވެ،" ޕެޓިޝަންގައި ބުންޏެވެ.

"ވީމާ، ދިވެހި އިސްލާމީ އުއްމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހާ ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސްކުރަމެވެ،"

ޕެޓިޝަނުގައި ބުނި ގޮތުގައި، ނަފްރަތުގެ ބިލުގައި ހިމަނާފައިވަނީ އިސްލާހުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމައުއަކަށް އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަ ނަމަވެސް މަސްލަހަތެއް އެކުލެވިގެންވާ ކަންކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ލިބިގެންދާނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކަމަށް ރާއްޖޭގެ ހުރިހާ އިލްމުވެރިން ކަހަލަ ގޮތަކަށް އިއްތިފާގުވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

ނަފްރަތުގެ ބިލުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތައް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ބިލަށް ކޮމެންޓް ކުރުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާ ހޯއްދަވާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ދީނީ އިލްމުވެރިންގެ ލަފާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.