Roadha Mihaaru
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް!

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް ހަދަނީ

31 މެއި 2021

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. އެ ބިލުގައި ފުރަތަމަ ކިޔުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމާއި މުސްލިމަކު ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށެއް ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެ އެވެ.

ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ.

އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.