Roadha Mihaaru
އެކި ސްކޭމްތަކުން މި އަހަރު 7.4 މިލިއަން ރުފިޔާ!

އެކި ސްކޭމްތަކުން މި އަހަރު 7.4 މިލިއަން ރުފިޔާގެ ގެއްލުން!

19 ޖޫން 2021

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، އެކި ސްކޭމްތައް ހަދައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، އެކި ސްކޭމްތައް ހަދައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މި މައުލޫމާތު ހިއްސާކުރީ ރޭ ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގަ އެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން މި ޕްރޮގުރާމްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިދިޔަ އަހަރު އެކަނި ވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލަތަކުގައި އޮޅުވާލައިގެން މީހުންގެ އަތުން 3.5 މިލިއަން ރުފިޔާ ނަގާފައިވާ ކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ، އެކި މީހުންގެ އަތުން ނަގާފައިވެ އެވެ.

ފުލުހުން ބުނީ އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގަ އާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވި ކަމަށް ވެސް ބުންޏެވެ.

ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި ވެސް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް ސީދާ އަމާޒުކޮށްގެން މިހާރު މިކަން ކުރަމުންދާކަން ވެސް ފުހުންނަށް ފާހަގަކުރެވިފައިވެ އެވެ.

މިފަދަ ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަނީ ޖަލުން ކަމަށް ފާހަގަކުރަމުން ފުލުހުން ބުނީ މި ކޯލުތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމަށާއި އަދި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގައިފައި ހުންނަ ކަމަށެވެ. އެހެންވެ، މައްސަލަ ތަހުގީގު ކުރަން ވެސް ފުލުހުންނަށް އުނދަގޫވާ ކަމަށާއި އެގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދެނީ ވެސް މަދު މައްސަލަތަކެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފިހާރަތަކުން މުދާ ގަތުމަށް ފަހު ސައްހަ ނޫން ސްލިޕް ފޮނުވުމާއި ޑޮލަރުގެ މުއާމަލާތްތައް ހިންގުމާއި ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައި ވެސް މަކަރާއި ހީލަތް ހަދަމުން ދާ ކަމުގެ ގިނަ މައްސަލަތަކެެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.