Roadha Mihaaru
މައްސަލަތަކުން ފިތި ބާރުވެފައި އޮތް މާފުށީ ޖަލު

މައްސަލަތަކުން ފިތި ބާރުވެފައިވާ މާފުށީ ޖަލު: ހައްލެއް ނެތީތަ؟

21 ޖޫން 2021

އެއް ބަޔަކު ބުނާގޮތުގައި އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރަން ގައިދީން ބައިތިއްބަނީ "ޖަލެއްގަ"އެއް ނޫނެވެ. އެހެން އެ ވާހަކަދައްކާ ސަބަބުތައް ބައިވަރެވެ. ޖަލުގެ ތޭރިތަކުގެ އެތެރޭގައި އެއް ބަޔަކު މަސްތު ވަނީ އެވެ. އަނެއް ބަޔަކު ފޯނު ވައްދައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަނީ އެވެ. ދެން ތިބި މީހުން، ހަރުކަށި ފިކުރުގެ ތެރެއަށް ވާވެއްދުމުގަ އެވެ. ބޭނުން އެއްޗެއް ކެވެ އެވެ. ބޭނުން ކަމެއް ކުރެވެ އެވެ. ބޭނުން ކޮންމެ މީހަކާ ކޮންމެ އިރަކު ވާހަކަ ދެއްކެ އެވެ. -- ބައެއް ގައިދީންނަށް، ރާއްޖޭގެ އެންމެ ބޮޑު ޖަލު، މާފުށީ ޖަލު ވެފައި އޮތީ ޕިކްނިކެއް ހަދާލަން ދާ ތަނެއްގެ ގޮތުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއް ބަޔަކު ބުނާގޮތުގައި އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރަން ގައިދީން ބައިތިއްބަނީ "ޖަލެއްގަ"އެއް ނޫނެވެ. އެހެން އެ ވާހަކަދައްކާ ސަބަބުތައް ބައިވަރެވެ. ޖަލުގެ ތޭރިތަކުގެ އެތެރޭގައި އެއް ބަޔަކު މަސްތު ވަނީ އެވެ. އަނެއް ބަޔަކު ފޯނު ވައްދައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަނީ އެވެ. ދެން ތިބި މީހުން، ހަރުކަށި ފިކުރުގެ ތެރެއަށް ވާވެއްދުމުގަ އެވެ. ބޭނުން އެއްޗެއް ކެވެ އެވެ. ބޭނުން ކަމެއް ކުރެވެ އެވެ. ބޭނުން ކޮންމެ މީހަކާ ކޮންމެ އިރަކު ވާހަކަ ދެއްކެ އެވެ. -- ބައެއް ގައިދީންނަށް، ރާއްޖޭގެ އެންމެ ބޮޑު ޖަލު، މާފުށީ ޖަލު ވެފައި އޮތީ ޕިކްނިކެއް ހަދާލަން ދާ ތަނެއްގެ ގޮތުގަ އެވެ.

އެކި މައްސަލަތަކުގައި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންތަކުން އެތައް ފޯނެއް އަތުލައިގެންފި އެވެ. އެ ސިލްސިލާ އަށް ނިމުމެއް ވެސް ނެތެވެ. އެކަން، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުގައި މާފުށީ ޖަލުން އަތުލައިގަތް ފޯނުތަކުން ވެސް އެނގެ އެވެ.

ޖަލެއްގައި ތިބި ބަޔަކަށް އެ ހުރިހާ ކަމެއް ފުރިހަމަވެ، ތަނުގެ މުޅި މަސްލަހަތާ ހިލާފަށް ކަންކަން ކުރެވެނީ އެ މީހުންގެ ބާރަކު ނޫނެވެ. މާނައަކީ، ޖަލު ބަލަހައްޓަން ޒިންމާވާ ފަރާތް އިހުމާލުވެފައިވާ ކަމެވެ. ނުވަތަ، ޖަލު އޮފިސަރުންނާ ގުޅިގެން ޖަރީމާތައް ހިންގަމުން ގެންދިއުމެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ވެސް އެ ކަންކަމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެކަމަކު އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

ފިޔަވަޅު އެޅޭ، މުވައްޒަފުންގެ ތެރެއިން ބައިވެރިވަނީ މަދު ބައެއް!

ސީޕީ ވިދާޅުވި ގޮތުގައި ޖަލަށް މަނާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ތެރެއިން ބައިވެރިވަނީ މަދު ބައެކެވެ. އެ ފަދަ އެކި މައްސަލަތަކުގައި މިދިޔަ އަހަރު އެކަނި ވެސް 10 މީހަކު ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. އަނެއް ބަޔަކު ތިބީ އެ މީހުން ކުރި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރުމުގަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސީޕީ ވިދާޅުވި ގޮތުގައި އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގައި ވެސް ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދޭކަން ފާހަގަ ވެ އެވެ.

ބޭންކުތަކާއި ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ނަމްބަރުތަކަށް ގުޅައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ ކަމަށް ތުހުމަތުކުރާ އެއް ތަނަކީ ޖަލެވެ. އެހެންވެ، އެކަމަށް ހައްލެއް ގެނައުމަށް ޖަލުގައި ނެޓްވޯކް ޖޭމަރު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެކަމަށް އަންނަ އަހަރު ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުއްމީދުކޮށްގެން ހުރީ މި އަންނަ އަހަރު އެ އަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް. ޖަލުގައި ނެޓްވޯކް ޖޭމް ކުރުމާއި ޖަލުގައި މޮބައިލް ފޯން ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން މިހާރު ގަސްދުކުރާ ކަންކަން އިމްޕްލިމެންޓްކުރަން އަންނަ އަހަރު ފެށޭނެ،" ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ޖަލަށް މަނާތަކެތި ވަންނަ އެކި ގޮތްތައް އެބަހުރި ކަމަށެވެ. މި ފަހުން ވެސް ކަނޑުމަގުން ބަޔަކު ގޮސް، މާފުށީގެ ވަކި ސަރަހައްދަކަށް މަޑުކޮށް، މޫދަށް ފައިބައި ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އެވެ. އެ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމަށް ފަހު ބެލިއިރު އެ މީހާއަކީ މި ފަހަކާ ޖެހެންދެން ޖަލު ހުކުމް ތަންފީޒުކޮށްފައި ހުރި މީހެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

ޖަލުގައި ހަރުކަށި ފިކުރު: ބޮޑު މައްސަލައެއް

ޖަލުގެ ކެޕޭސިޓީ އަށް ވުރެ ގިނައިން ގައިދީން ބައިތިއްބަން ޖެހުމަކީ ހަރުކަށި ފިކުރު ފަތުރާ މީހުން އޭގެ ނާޖައިޒު ފައިދާ ނަގާ ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

"ހަރުކަށި ފިކުރު ފަތުރަން ބޭނުންވާ މީހުންނަށް، ކުށްކުރާ މުޖުތަމައެއްގައި ދިރިއުޅޭ ބަޔަކު، ޖަލުން އެ މީހުންނާ އެކު އެތައް ވަގުތެއް އެ މީހުންނާ އެކު ދިމާވީމަ އެ އެޑްވެންޓޭޖް ނަގާ. އެ މީހުންގެ ބޮލަށް ސަވާރުވުމަށް މަސައްކަތްތަކެއް ކުރޭ. އެކަންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑުމެން މި ދަނީ މިހާރު އެ ކަންކަމަށް ވެސް ފިޔަވަޅު އެޅުމަށް ބޭނުންވާ ފަންނީ ލަފާ ހޯދަމުން،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ގައިދީއަކު ޖަލަށް ލާއިރު އެ މީހެއްގެ ރިސްކް އެސެސްމަންޓެއް ހަދައި އެ މީހެއްގެ ސެކިއުރިޓީ ބަލަހައްޓާނެ ލެވެލް ކަނޑައަޅާ ކަމަށެވެ. އެގޮތަށް ބަހައްޓާއިރު ވެސް، ޖަލުގެ ޖާގަ ކިތަންމެ ކުޑަޔަސް، ފުލުހުންގެ އިންޓެލިޖެންސާއި އެކި ގޮތްގޮތުން ލިބޭ މައުލޫމާތަށް ބަލައިގެން ގޮޅިއެއްގައި އެކަކު ބަހައްޓާފައި ހުރެ އެވެ.

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ތަކެތި.-- ފޮޓޯ: ކޮމިޝަނާ އޮފް ޕްރިޒަންސް

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ތަކެތި.-- ފޮޓޯ: ކޮމިޝަނާ އޮފް ޕްރިޒަންސް

ކަރެކްޝަންސް އިން މިހާރު އަންނަނީ ޓެރަރިޒަމްގެ އެކި މައްސަލަަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ހާއްސަ ރިސްކް އެސެސްމަންޓެއް ހެދުމަށް ތައްޔާރުވަމުންނެވެ. އެ އެސެސްމަންޓަށް ފަހު، މާފުށީ ޖަލުގައި އެ މީހުން ވަކިން ބެލެހެއްޓުމަށް ޔުނިޓެއް ހަދައިގެން ކުރިއަށްދެވޭތޯ މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރުން ޖަލުގައި ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ.

އެކި ބާވަތުގެ މައްސަލަތަކުގައި ޖަލަށް ހުކުމް ކުރިއަސް ގައިދީން ތިބެނީ އެއް ޔުނިޓުތަކެއްގަ އެވެ. އެކަމަކު ޖަލުތައް ހުންނަގޮތުން، އެއް ގޮޅީގައި ތިބޭ މީހުންނަށް ޖެހިގެން ހުންނަ ގޮޅީގައި ތިބޭ މީހުންނާ މުއާމަލާތްކުރެވެ އެވެ.

"އެއް ޔުނިޓެއްގައި ތިބޭ ބަޔަކަށް ވެއްޖިއްޔާ އެއް ބަޔަކު އަނެއް ބަޔަކަށް މުއާމަލާތްކުރެވޭނެ. އެހާ ގިނަ ވަގުތު އެއްތަނެއްގައި އެއްބަޔަކު 24 ގަޑިއިރު އަބަދު ތިބޭއިރު، ހާއްސަކޮށް ޝަރީއަތް ދިގުދެމިގެންދާ މައްސަލަތަކުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ މީހަކު ޖަލު ތެރޭގައި ހުރިއްޖެއްޔާ އެ މީހަކު އެބަ މަސައްކަތްކުރޭ އެހެން މީހުންނަށް އެ ކަހަލަ ވިސްނުން ދީ، އެ މީހުންގެ އައިޑިއޮލޮޖީ ދިނުމަށްޓަކައި،" ސީޕީ ވިދާޅުވި އެވެ.

ހައްލަކީ ރިހިބިލިޓޭޝަން ޕްރޮގްރާމް ރަނގަޅުކުރުން

ސީޕީ ވިދާޅުވި ގޮތުގައި ޖަލުތަކާ ގުޅޭގޮތުން މި ސަރުކާރުން ހެދި އޮޑިޓުން ވެސް ރިހެބިލިޓޭޝަން ފަރުވާގައި މައްސަލަތައް ހުރިކަން އެނގުނެވެ. އޭގެ އެއް މައްސަލައަކީ، އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ރިހެބިލިޓޭޝަންގެ އެއް ފަރުވާއެއް ދިނުމެވެ.

އެކަށީގެންވާ ގޮތެއްގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލަށް ނުތަކާ ވަރަށް ގައިދީން ތިބުމާއި އެ މަސައްކަތަށް ފަންނީ މީހުން ނުލިބުމެވެ.

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ޖަލު ބަލަހައްޓަނީ -- ފައިލް ފޮޓޯ: މިހާރު

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ޖަލު ބަލަހައްޓަނީ -- ފައިލް ފޮޓޯ: މިހާރު

މާފުށީ ޖަލުގައި ހާހެއްހާ މީހުން އަބަދު ވެސް ގެންގުޅެން ޖެހެ އެވެ. އެކަމަކު ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ގެންގުޅެވެނީ 150-200 އާ ދެމެދުގެ މީހުންނެވެ. ހަގީގަތަކީ ގައިދީންގެ ބޮޑު އާބާދީ އަށް އަޅާ ނުލައި ދޫކޮށްލެވިފައި އޮތުމެވެ.

ޖަލަށް ހުކުމްކޮށްފައި ތިބި މީހުންގެ 70 ޕަސެންޓަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅުންހުރި މީހުން ކަމަށް ވިޔަސް، އެ ފަދަ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ވެސް ޖަލަކު ނުހިންގަ އެވެ.

ކޮމިޝަނަރު ވިދާޅުވިގޮތުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރިވައިސްކޮށް ހަރުދަނާކުރަން ޔޫއެންޑީސީއާ އެކު އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ފަރުވާ ދިނުމަށް އެންޑީއޭ އާއި ފުލުހުންނާ ގުޅިގެން ވެސް މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ޖަލުގެ ރިހެބިލިޓޭޝަން ސެންޓަރުތަކާއި ކްލާސްރޫމުތައް އެޅުނީމަ ފޭސްތަކަށް ބަހާލެވިގެން ހިންގޭ ޕްރޮގްރާމްތަކަކީ އެ މީހަކު ކުރި ކުށަކާ ގުޅުވައިގެން، އެ ކުށުން އެ މީހަކު މިންޖުކުރުމަށްޓަކައި ހިންގޭނެ ޕްރޮގްރާމަށް ބަދަލުވާނީ،" ސީޕީ ވިދާޅުވި އެވެ.

"ފޭސް ދޭކަށް ދާއިރު ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި އެ މީހަކު ދެން އެޓޭޗް ވާނީ. ފޭސް އެކެއްގައި އެ މީހަކު ބަހައްޓާފައި ނިމޭއިރު ވެސް އޭނާގެ ޑިޓޮކްސިފިކޭޝަން ދާނެ ހިނގަމުން. ފޭސް ދޭކަށް ބަދަލުވާއިރު ޑްރަގް ރިހެބިލިޓޭޝަނެއް ޖަލުގައި ހިންގާއިރު އެ މީހަކު ހުންނާނީ ރިހެބިލިޓޭޝަނަށް ތައްޔާރުވެފައި."

ޖަލުގައި ރިހެބިލިޓޭޝަން ފަރުވާ ދެނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެއް މަހަށް ދެެމިގެންދާ ފުރަތަމަ ފިޔަވަހީގައި ބަލަނީ އެ ގައިދީއަކަށް ލިޔަންކިޔަން އެނގޭތޯ އަދި ދީނީ ކަންތައްތައް ފަދަ އާދައިގެ ކަންކަން ދަސްވެފައިވާ މިންވަރެވެ. ދެ ވަނަ ފިޔަވަހި ހާއްސަކޮށްފައިވަނީ، އެ މީހަކު ކުރި ކުށަކުން ސަލާމަތްކޮށްދިނުމަށް ރިހެބިލިޓޭޓް ޕްރޮގްރާމް ހިންގާށެވެ.

މާފުށީ ޖަލަކީ އެންމެ ބޮޑު ޖަލެވެ. ރާއްޖޭގައި ކުށްވެރިންގެ އަދަދު އިތުރުވެ، ހުކުމުގެ މުއްދަތުތައް އިތުރުވަމުން ދާއިރު ރިހެބް ވެގެން ޖަލުން ނެރޭ މީހުންނެއް ނެތެވެ. އެހެންވެ، ޖަލުގެ އާބާދީ މި ދަނީ އިތުރު ވަމުންނެވެ. ހުރިހާ ޖަލެއް މިހާރު ވެސް އޮތީ ފުރިފަ އެވެ. އެއާ އެކު، މައްސަލަތައް ވެސް މިއޮތީ ބޯހާސްވާ ވަރަށެވެ.