Roadha Mihaaru
ފިޔަވަޅެއް އަޅާއިރު ހާލަތަށް ވެސް ބަލަންޖެހޭ: ނަސީމް

މިޝްކާގެ މަރާ ގުޅިގެން ފިޔަވަޅު އަޅާއިރު މުވައްޒަފުންނަށް އޮތް ޕްރެޝަރަށް ބަލަންޖެހޭ: ނަސީމް

21 ޖޫން 2021

ފަރުވާ ލިބުން ލަސްވެ ކޮވިޑު-19 ގައި މިޝްކާ މުހައްމަދު ނިޔާވި ހާދިސާ ހިނގީ ވަރަށް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެޗްއީއޯސީގައި އެންމެން ވެސް އާދަޔާ ހިލާފު ޕްރެޝަރެއްގައި މަސައްކަތްކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށް ވާތީ، މުވައްޒަފަކާ މެދު ފިޔަވަޅު އަޅާއިރު އެކަމަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަރުވާ ލިބުން ލަސްވެ ކޮވިޑު-19 ގައި މިޝްކާ މުހައްމަދު ނިޔާވި ހާދިސާ ހިނގީ ވަރަށް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެޗްއީއޯސީގައި އެންމެން ވެސް އާދަޔާ ހިލާފު ޕްރެޝަރެއްގައި މަސައްކަތްކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށް ވާތީ، މުވައްޒަފަކާ މެދު ފިޔަވަޅު އަޅާއިރު އެކަމަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިޝްކާގެ މަރާ ގުޅޭ ގޮތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ ހާދިސާއާ ގުޅޭގޮތުން ތަފްސީލު ރިޕޯޓެއް އާއްމުކޮށްފައި ވާއިރު އޭގައިވާ އަމަލުކުރާނެ ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުން އިހުމާލުވި މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ. ނަމަވެސް އަދި މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފިޔަވަޅު އަޅާނެކަމަށާއި އެ ކަމާ ގުޅިގެން މިހާރު ވެސް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރުވާ ދިނުމުގައި ސިއްހީ ހިދުމަތްތެރިއެއްގެ އިހުމާލެއް އޮތް ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނީ ކަމާގުޅޭ ކައުންސިލުންނެވެ. އޭގެ އިތުރުން، އެޗްއީއޯސީގައި މަސައްކަތްކުރާ މުވައްޒަފަކަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެކަމުގެ ޔަގީންކަން، އެޗްއާރުސީއެމްގެ މެމްބަރުން ވެސް ބައިވެރިވި ބައްދަލުވުމުގައި ނަސީމް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 28 ގައި ނެގި ސާމްޕަލަކުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު މިޝްކާގެ ހާލު ސީރިއަސްވީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު ހާލު އެންމެ ބޮޑުވި ދުވަހު އެމްބިއުލާންސް ފޮނުވައިދޭން އެދުމުން އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ. އެ މައްސަލައިގައި ހެލްތު މިނިސްޓްރީއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން އެކަމުގެ ރިވިއުއެއް ހަދައި އޭގެ ރިޕޯޓު އިއްޔެ ވަނީ ނެރެފަ އެވެ.

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް މިހާރު އެޅިފައި ހުރިކަން. އަދި ކުރިއަށް އޮތް ތަނުގައި އަޅާނެކަން ވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން: ނަސީމް

މިނިސްޓަރު ވިދާޅުވި ގޮތުގައި މިޝްކާގެ މަރުގެ ހާދިސާ ހިނގީ ވަރަށް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަސްވަރަށް ވުމުން އެޗްއީއޯސީގައި އެންމެން ވެސް މަސައްކަތްކުރީ އާދަޔާ ހިލާފު ޕްރެޝަރުގަ އެވެ. އެހެންވެ، ފިޔަވަޅު އަޅާއިރު އަދި މައްސަލަ ބަލާއިރު ވެސް އެ ހުރިހާ ކަމަކަށް ރިއާޔަތްކުރަންޖެހޭކަމަށް، ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

ބޮޑު ސާޖަކަށް ތައްޔާރުވެފައި ހުރި މިންވަރު އެނގުނީ މިޝްކާގެ ހާދިސާއިން ކަން ފާހަގަކުރައްވައި، ނަސީމް ވިދާޅުވީ، އެ ކަމުން އިބުރަތް ލިބިގަނެ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށެވެ. މި ވަގުތު ވެސް ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށް ވިދާޅުވިޔަސް އެ ކަމުގެ މާ ބޮޑު ތަފްސީލެއް ނަސީމް ނުދެއްވަ އެވެ. ވިދާޅުވީ އައިޓީ ސިސްޓަމާއި ވައިފައި ސިސްޓަމަށް ދިމާވި މައްސަލަތައް ވެސް ވަރަށް ބޮޑުތަން ރަނގަޅުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް މިހާރު އެޅިފައި ހުރިކަން. އަދި ކުރިއަށް އޮތް ތަނުގައި އަޅާނެކަން ވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ހިދުމަތަށް ބަދަލު ގެނެސް، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަނީ އެމްބިއުލާންސަށް ގުޅުމުން އެންމެ ލަހުން ވެސް 20 މިނެޓުގެ ތެރޭގައި ދެވޭ ވަރަށް އިންތިޒާމް ހަމަޖެހިފައި ކަމަށެވެ. އެއީ ލަހެއް ނޫން ކަމަށާއި ބައެއް ފަހަރު އެމްބިއުލާންސް ދާއިރު ބަލި މީހާ ހުންނަނީ ހެލްތު ފެސިލިޓީއަކަށް ދާން ތައްޔާރުވެފައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވަރުގެ ސާޖެއް އައިސްގެން މި ކަންތައް ކުރާއިރު އަރާފާނެ އޮޅުންތަކާ ދިމާވެދާނެ ކަންތައްތަކެއް ދިމާވެފައި މި ހުރީ. އަންފޯޗުނޭޓްލީ، ހިތާމައަކީ މިކަމުގެ ސަބަބުން މި ކުއްޖާ ނިޔާވުމަށް ދިމާވުމާ މި ކަހަލަ އެތައް ކަންތައްތަކެއް އަޅުގަނޑުމެން އަތްދަށުން ގޮސްފައި ހުރި ކަމަށް ފާހަގަކުރަނީ،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިޝްކާގެ މަރާ ގުޅިގެން އެޗްއީއޯސީގެ އެތެރޭގެ އޮޑިޓެއް ވެސް އަންނަނީ ހަދަމުންނެވެ. އެކަން އެއްކޮށް ނިމޭއިރު އިންތިޒާމުތައް ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އަޅާފައި ހުރި ފިޔަވަޅުތައް އަންނަ މަހު ހިއްސާކުރުމަށް އިތުރު ވަގުތަށް މިނިސްޓަރު އެދިވަޑައިގަތެވެ. މަސައްކަތްކުރައްވަނީ އެކަމުން ބަރީއަވާން ނޫންކަމަށާއި ބޭނުންވަނީ ވީހާ ވެސް ރަނގަޅަށް އެކަންކުރުމަށް ކަމަށް ނަސީމް ވިދާޅުވި އެވެ. އެހެންވެ، އެއް ގަޑިއިރުގެ ކޮމިޓީ ނިންމާލީ، މިޝްކާގެ މައްސަލައިގައި އަންނަ މަހު ބައްދަލުވުމަށް ބާއްވާނެ ކަމަށް އިއުލާނުކުރުމަށްފަހުގަ އެވެ.