Roadha Mihaaru
ސްޕަޓްނިކް ވީ ގެންނަން އެއްބަސްވުމުގައި ސޮއެއް ނުކުރޭ

ސްޕަޓްނިކް ވީ ވެކްސިން ގެންނަން އެއްބަސްވުމުގައި އަދި ސޮއެއް ނުކުރޭ: ޑރ. ނަޒްލާ

23 ޖޫން 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ރާއްޖެ އަށް ގެންނަން އަދި އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ރާއްޖެ އަށް ގެންނަން އަދި އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

މީގެ މަސް ދުވަސް ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސްޕަޓްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް މިހާތަނަށް އެ ވެކްސިން ރާއްޖެ އަށް ގެނެސްފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެ ވެކްސިނާ ގުޅޭ އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

މިހާތަނަށް ރަޝިއާ އިން ވެކްސިން ގެންނަން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާއިރު، ސޮއިކުރާނެ ސީދާ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ. މިހެންވެ، އެ ވެކްސިން ރާއްޖެ އަށް ލިބޭނެ ދުވަހެއް ވެސް އަަދި ނޭނގެ އެވެ.

"އެ ކަމުގެ އިނީޝިއަލް ޑިސްކަޝަންސް އަށް ފަހު އިނީޝިއަލް އެގްރީމަންޓެއްގައި ސޮއިކުރުމަށް ފަހު އަދި އިތުރު މަސައްކަތްތައް ކުރިއަށް އެބަދޭ. އަދި އެެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަކަށް ނުދޭ،" ރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު، ރަޝިއާގެ ވެކްސިނަށް ހުއްދަ ލިބުމާ އެކު، ސްޕަޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖެ އަށް ކޮވިޑްް ވެކްސިންގެ ދަތިކަން ކުރިމަތި ވެފައިވާއިރު، މި ވަގުތު ރާއްޖޭގައި ހުރީ ޗައިނާގެ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިން އެވެ.

ފައިޒާ ވެކްސިން ދެނީ ހާލަތުތަކެއް ދިމާވެފައިވާ މީހުންނާއި މާބަނޑު މީހުންނަށް އެކަންޏެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވެ، ގިނަ ބަޔަކު އޭގެ ދެވަނަ ޑޯޒް ނުޖެހި ތިބިއިރު ސަރުކާރުން އަންނަނީ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ އެކްސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި، ވެކްސިން އަންނަ މަހުގެ ތެރޭގައި ލިބެން ފަށާނެ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 700،000 ޑޯޒްގެ ވެކްސިން ހޯދުމަށެވެ. އޮގަސްޓް މަހުގެ ނިޔަލަށް އެ ހުރިހާ ވެކްސިނެއް ރާއްޖެ އަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ޑރ، ނަޒްލާ ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހައި ތިބި މީހުންނަށް ދޭނެ ކަމަށެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 16 ހަފުތާގެ ކުރިން ޖަހައިފި ނަމަ، މައްސަލައެއް ނެތެވެ. ކުރިން ރާއްޖޭގައި އޭގެ ދެވަނަ ޑޯޒް ދެމުން އައީ 8-12 ހަފުތާއާ ދެމެދުގަ އެވެ.

ރާއްޖެ އިން މިހާތަނަށް 315،397 މީހަކު ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރީ، 184،212 މީހެކެވެ.