Roadha Mihaaru
ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް

އެސްޓްރަޒެނެކާގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް

05 އޯގަސްޓް 2021

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ އެސްޓްރަޒެނެކާގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ އެސްޓްރަޒެނެކާގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްއީއޯސީން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުރަތަމަ ޑޯޒް ޖަހާ ނިންމަން މުއްދަތެއް ކަނޑައެޅީ، ފެބްރުއަރީގައި ފެށި ވެކްސިންގެ ފުރަތަމަ ޕްރޮގުރާމްގައި ވެކްސިން ނުޖަހައި ތިބި އެންމެނަށް ޖެހޭ ވަރަށް މިހާރު ވެކްސިން ހަމަވެފައި ވާތީ ކަމަށެވެ. އަދި ވެކްސިން ޖަހަން ޖެހޭ މީހުންގެ އަދަދު މިހާރު މަދުވެފައި ވުމާއި އަންނަ މަހު އެކެއްގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒްތައް ޖަހާ ނިންމާލެވޭ ވަރަށް ތައްޔާރުވެފައި އޮތުމުން ކަމަށެވެ.

ނަޒްލާ ވިދާޅުވީ ފުރަތަމަ ޑޯޒް ޖަހާ އަވަހަށް ނިންމަން ޖެހެނީ، ދެ ވަނަ ޑޯޒް ޖެހުމަށް ވެސް އަދި ވަގުތު ދޭންޖެހުމާއި އެ ކަމަށް ތައްޔާރުވާން ވެސް ޖެހޭނެތީ ކަމަށެވެ.

އެސްޓްރަޒެނެކާގެ ދެ ވަނަ ޑޯޒް ޖަހަނީ އަށް ހަފުތާ ފަހުންނެވެ.

"އަޅުގަނޑުމެން އަދިވެސް އެންމެ ބޭނުންވާ ވަރަށް ވެކްސިން ޖަހަން ބޭފުޅުން ވަޑައިނުގަންވާކަން ފާހަގަކުރަން،" ނަޒްލާ

"މި ވެކްސިންތަކަކީ ވަރަށް ކުޑަ ޝެލްޕް ލައިފެއް ހުންނަ ވެކްސިނެއް. ވެކްސިން އުފައްދާއިރުގައި ވެސް އެންމެ ހަ މަސް ދުވަހު މީގެ ޝެލްފް ލައިފް ހުންނާނީ. އަދި މި އުފެއްދުމަށް ފަހު، ތަންތަނަށް ފޮނުވަނީ އޭގެ ކޮލިޓީ ޓެސްޓުތަކެއް ހެދުމަށް ފަހު. އެ ޓެސްޓުތައް ހަދައި ނިމި، މި ހިސާބަށް އަންނައިރު ބާކީ މި އޮންނަނީ ހަ މަހަށް ވުރެ ކުރު މުއްދަތެއް އެ ބޭނުންކުރެވެން،" އަވަހަށް ވެކްސިން ޖަހަން ޖެހޭ ސަބަބު ނަޒްލާ ކިޔައިދެއްވި އެވެ.

ރާއްޖޭގައި ހުރި އެސްޓްރަޒެނެކާ ވެކްސިންގެ މުއްދަތު ހަމަވާނީ ނޮވެމްބަރަށެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި 12،243 މީހަކު މިހާރު ވަނީ އެސްޓްރަޒެނެކާގެ ދެ ވަނަ ޑޯޒް ޖަހައިފަ އެވެ. އަދި ފުރަތަމަ ޑޯޒްގެ ގޮތުގައި 4،492 މީހަކު މިހާރު ވަނީ އެސްޓްރަޒެނެކާ ޖަހައިފަ އެވެ. މިއާ އެކު ވެކްސިން ނުޖަހާ މިހާރު ތިބީ، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 21 ޕަސެންޓް މީހުންނެވެ. އަދި ދެ ވަނަ ޑޯޒް ނުޖަހާ 40 ޕަސެންޓް މީހުން އެބަ ތިއްބެވެ.

"އަޅުގަނޑުމެން އަދިވެސް އެންމެ ބޭނުންވާ ވަރަށް ވެކްސިން ޖަހަން ބޭފުޅުން ވަޑައިނުގަންވާކަން ފާހަގަކުރަން،" ނަޒްލާ ވިދާޅުވި އެވެ.

މި މަހު އަލުން ވެސް 12-17 އަހަރާ ދެމެދުގެ ކުދިންނަށާއި ހައި ރިސްކު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އަދި ސީދާ ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ މަހުން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ. މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ޕާޓީތަކާއި ހަފުލާތަކުގައި ގިނަ މީހުންނަށް ބައިވެރިވޭ ގޮތް ހެދުމާއި ފިހާރަތާކައި ކެފޭ/ރެސްޓޯރެންޓްތައް އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ އާއި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަ އަދި ސްކޫލްތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހިމެނެ އެވެ.

ޕީސީއާރު ޓެސްޓާ ނުލައި ރަށްރަށަށް ދެވޭނެ އުސޫލެއް ވެސް މިއަދު އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ، އެ ރަށަކަށް ދަތުރުކުރާ އިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.

މިހާތަނަށް ދިން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ފަހުން ކަރަންޓީނުނުވެ، މޮނީޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުން ވެސް ހިމެނެ އެވެ.