Roadha Mihaaru
ބޮލީވުޑްގެ އެކްޓަރު ވިދުޔަތުގެ މިސްރާބު ހޮލީވުޑަށް

ބޮލީވުޑްގެ އެކްޓަރު ވިދުޔަތު ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކާ އެކު ސޮއިކޮށްފި

25 ޖޫން 2021

މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ވަރުގަދަ އެކްޝަން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިދުޔަތު ޖަމްވަލް ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކާ އެކު ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ވަރުގަދަ އެކްޝަން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިދުޔަތު ޖަމްވަލް ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކާ އެކު ސޮއިކޮށްފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިނުން ބުނި ގޮތުގައި ކޮމާންޑޯ ފްރެންޗައިޒްގެ ބަތަލުގެ ސޮއިކުރީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޓެލެންޓް މެނޭޖްމަންޓް އެޖެންސީ ކަމަށްވާ ވޮންޑަ ސްޓްރީޓްއާ އެކީގަ އެވެ. މިއާ އެކު 40 އަހަރުގެ އެކްޓަރު ވެފައި ވަނީ އެ ކުންފުންޏާ އެކު ސޮއިކުރި އިންޑިއާގެ ހަމައެކަނި ތަރިއަށެވެ.

ވޮންޑަ ސްޓްރީޓުން މެނޭޖްކޮށްދޭ މަޝްހޫރު ތަރިންގެ ތެރޭގައި ޖެކީ ޗަން، ޓޯނީ ޖާ، މައިކަލް ޖާ ވައިޓް އަދި ޑޯލްފް ލަންޑްގްރެން ހިމެނެ އެވެ.

ވޮންޑަ ސްޓްރީޓްއާ އެކު ވިދުޔަތު ސޮއިކުރުމާ ގުޅިގެން ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުން އޭނާ އަށް ފުރުސަތު ހޯދައި ދިނުމުގެ މަސައްކަތް އެ ކުންފުނިން ދެން ކުރާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިހާރު ވެސް އެކިއެކި ޕްރޮޑަކްޝަން ހައުސްތަކާ އެކު މަޝްވަރާތައް ކުރިއަށްދާ އިރު، ވަރަށް އަވަހަށް ވިދުޔަތުގެ ފުރަތަމަ ހޮލީވުޑް ފިލްމު އިއުލާންކުރާނެ އެވެ. އޭނާ ހޮލީވުޑުން ފުރުސަތުތައް ހޯދަން މަސައްކަތް ފެށި އިރު، ހޮލީވުޑްގެ ޑައިރެކްޓަރާ އެކު ހިންދީ ފިލްމެއްގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2019 ގެ ފިލްމު "ޖަނގްލީ" އެވެ. އެ ފިލްމަކީ "ދަ މާސްކް" އާއި "އިރޭޒާ" ފަދަ ފިލްމުތައް ގެނެސްދިން ޗަކް ރަސަލް ޑައިރެކްޓްކުރި ފިލްމެކެވެ.

ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ އަދި އަބަދު ވެސް ފިޓްނެސް އަށް ވަރަށް ބޮޑު އިސްކަމެއްދޭ ވިދުޔަތު ބޮލީވުޑަށް ނުކުތީ ޖޯން އަބްރަހަމްގެ 2011 ގެ ފިލްމު "ފޯސް" ގެ ނުބައިބައި ރޯލުންނެވެ. އެކަމަކު ފަހުން އޭނާ ބަދަލުވީ ލީޑް އެކްޓަރަކަށެވެ. އެގޮތުން "ކޮމާންޑޯ" ފްރެންޗައިޒްގެ ތިން ފިލްމެއްގެ އިތުރުން ވިދުޔަތު ލީޑް ރޯލުން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމުތަކަކީ މި އަހަރުގެ "ދަ ޕަވާ" އާއި މިދިޔަ އަހަރު އެންމެ ބޮޑު ތަރުހީއް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޚުދާ ހާފިޒް" އިންނެވެ.

އޭގެ ކާމިޔާބީއާ ގުޅިގެން ސީކްއެލްއެއް ވެސް ގެނެސްދޭން ނިންމާފައިވާ އިރު، ވިދުޔަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަނަކް" ހިމެނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން ހޮލީވުޑްގެ އެޖެންސީތަކާ އެކު ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ވެސް ހިމެނެ އެވެ.