28 ޖޫން 2021
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން އެކުލަވާލި ހާއްސަ ރިޕޯޓެއްގައިވާ ގޮތުން، މިހާރު މި ދާ ރޭޓުގައި ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރުކުރަމުންދާ ނަމަ، 2100 ވަނަ އަހަރު އަންނަންވާއިރަށް ކަނޑުގެ ލޮނުގަނޑު، 0.6 މީޓަރާއި 1.1 މީޓަރާ ދެމެދުގެ އަދަދަކަށް އުފުލިދާނެ އެވެ. އޭގެ ސަބަބުން ކަނޑާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ނުރައްކާ ބޮޑެވެ. އެކަމަކު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖެ ފަދަ ތިރި ގައުމުތަކަށެވެ.
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން އެކުލަވާލި ހާއްސަ ރިޕޯޓެއްގައިވާ ގޮތުން، މިހާރު މި ދާ ރޭޓުގައި ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރުކުރަމުންދާ ނަމަ، 2100 ވަނަ އަހަރު އަންނަންވާއިރަށް ކަނޑުގެ ލޮނުގަނޑު، 0.6 މީޓަރާއި 1.1 މީޓަރާ ދެމެދުގެ އަދަދަކަށް އުފުލިދާނެ އެވެ. އޭގެ ސަބަބުން ކަނޑާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ނުރައްކާ ބޮޑެވެ. އެކަމަކު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖެ ފަދަ ތިރި ގައުމުތަކަށެވެ.
ކަނޑުގެ ލޮނުގަނޑު އުފުލޭތީ ރާއްޖޭގެ ރަށްތަކަށް އުދައިގެ އަސަރު ކުރިއަށް ވުރެ ބޮޑަށް ކުރާނެކަން ކުރިން ވެސް އެނގެ އެވެ. އެކަމަކު، އަސަރު ކުރާނީ ކިހާ މިންވަރަކަށް ކަން ދެނެގަނެވިފައެއް ނެތެވެ.
ނަމަވެސް، އެންވަޔަރަމެންޓް މިނިސްޓްރީ އާއި ބޭރުގެ ޔުނިވާސިޓީތަކެއް (ޔުނިވާސިޓީ އޮފް ބަލެރިކް އައިލެންޑްސް، ސްޕެއިން، ފްރެންޗް ޖިއޯލޮޖިކަލް ސާވޭ، ގްލޯބަލް ކްލައިމެޓް ފޯރަމް، ޖާމަނީ) ގުޅިގެން ހެދި ދިރާސާއެއްގައި ވަނީ އެ ހިސާބު ޖަހާނެ ގޮތެއް ހޯދައިފަ އެވެ. ފްރޮންޓިއާސް އިން މެރިން ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ވައިން އުފެދޭ ރާޅުތަކުގެ ސަބަބުން ރާއްޖޭގެ ގޮނޑުދޮށްތަކަށް އުދަ އަރާނެ ގޮތް ބަލަން ހެދި ދިރާސާއެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝަރީފާއި އެސިސްޓެންޓް ޑިރެކްޓާ ޒަމްއަތު ހަލީލް އެ ދިރާސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން ދިރާސާ ހެދީ އެކިއެކި ސީލެވެލް ރައިސް ސިނާރިއޯތަކުގައި، ރާއްޖޭގެ ރަށަކަށް ކިހާ ވަރެއްގެ ގެއްލުންތަކެއްތޯ ވާނީ، ކިހިނެއްތޯ ރަށްރަށަށް އުދައެރުމުގެ ހާދިސާތައް ދިމާވާނީ، ބިންހިއްކުމުގައި މިހާރު ގެންގުޅެވޭ މިންގަނޑަކީ މިފަދަ ސިނާރިއޯތަކަކަށް އެންމެ އެކަށީގެންވާ މިންގަޑުތަކެއްތޯ ބަލައި އެކަހަލަ ދިރާސާއެއް ކުރުން ބޭނުމަކީ،" ޝަރީފު ވިދާޅުވި އެވެ.
ކަނޑުގެ ލޮނުގަނޑު އެކި އުސްމިންތަކުގައި ހުންނަ އިރު ރާޅުތަކުގެ އަސަރު ގޮނޑުދޮށްތަކަށް ކުރާނެ ގޮތް ބެލީ އެ ޑޭޓާގެ އަލީގައި ކަމާ ގުޅޭ ކޮމްޕިއުޓާ ޕްރޮގްރާމުތައް ބޭނުންކޮށްގެން ސިމިއުލޭޝަންތައް ހަދައިގެންނެވެ. މުސްތަގުބަލުގައި ކަނޑުގެ ލޮނުގަނޑު އުފުލިދާނެ އުސްމިންތަކުގައި ރަށަށް ކުރާނެ އަސަރު ބަލާފައިވެ އެވެ.
މި ދިރާސާ ހެދީ ދުނިޔޭގެ ރާޅުތަކާ ބެހޭ ގްލޯބަލް ޑޭޓާ އެއްކޮށްފައި ހުންނަ ސެޓަކާއި އަދި ރީޖަނަލް ވޭވްމޮޑެލް (ވޭވް ވޮޗް 3) ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދަށް "ޑައުންސްކޭލް" ކޮށްގެން ނުވަތަ ރާއްޖޭގެ ހާލަތަށް ބޭނުންކުރެވޭނެ ގޮތަށް ފައްތައިގެންނެވެ. އަދި ވަކިވަކި ރަށްރަށުގެ ކޯސްޓަލް އެސެންމެންޓްތައް ހެދުމަށް އާންމުކޮށް ބޭނުން ކުރާ މޮޑެލްއެއް ކަމަށްވާ ސްވޮޝް (ސިމިއުލޭޓިން ވޭވެސް ޓިލް ޝޯ) ކިޔާ މޮޑެލްއެއް ވެސް ބޭނުންކޮށްގެންނެވެ.
މާލެއަށް އުދަ އަރައި ކާނިވާ ސަރަހައްދުގައި ފެންބޮޑުވެފައި -- މިހާރު ފައިލް ފޮޓޯ
މި ދިރާސާގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ނަގާފައި ވަނީ ހއ. ހޯރަފުއްޓާއި އެ ރަށާ ގުޅިފައިވާ އެއާޕޯޓެވެ.
"ހޯރަފުށި މިކަމަށް އިހްތިޔާރު ކުރީ ދެ ސަބަބަކާ ހެދި. އެއީ އޭރު އެ ރަށުގައި އެއާޕޯޓު ހަދަން ބިން ހިއްކަން ނިންމާފައި އޮތުމުންނާއި، އެ ރަށަކީ ހުޅަނގާއި ހުޅަނގު ދެކުނުން އަންނަ ރާޅުތައް އަމާޒުވާ ރަށަކަށްވާތީ،" ޒަމްއަތު ވިދާޅުވި އެވެ.
ދިރާސާއިން ދެއްކި ގޮތުގައި ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލިއްޖެ ނަމަ ވެސް ހޯރަފުށީ އެއާޕޯޓަށާއި އެ ރަށަށް އުދައިގެ އަސަރުކޮށް، ފެން ބޮޑުވާނެ އެވެ. މި ބައި މީޓަރަށް ލޮނުގަނޑު އުފުލުން މާނަކުރެވިދާނެ ދެ ގޮތެއް ވެއެވެ. އެއްގޮތަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މިހާރުގެ މީން ސީލެވެލް އަށް ވުރެ ބައި މީޓަރު އުފުލުން ނުވަތަ ބޮޑު ދިޔަވަރާއި އެކުވެ އަންނަ ރާޅެއްގައި މީން ސީލެވެލް އަށްވުރެ ބައި މީޓަރަށް އުސްކޮށް ހުރުމެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ދިރާސާއިން ފާހަގަ ކުރެވުނު އެއް ކަމަކީ، އެންމެ ބޮޑަށް ރަށްރަށަށް އަސަރު ކުރަނީ ހުޅަނގާއި ހުޅަނގު ދެކުނުން އަންނަ ރާޅުތަކުން ކަމެވެ. އެންމެ އުސް ރާޅުތައް އަންނަނީ އެ ދިމާއިންނެވެ.
"ރާޅުތަކުގެ އުސްމިންތަކުގެ ތެރެއިން ސިގްނިފިކަންޓް ވޭވް ހައިޓްސް ރާއްޖޭގެ އެކްސްޓްރީމް ހާލަތްތަކުގައި މިހާތަނަށް އެންމެ ގިނައިން އައިސްފައި މިހިރީ ހުޅަނގާއި ހުޅަނގު ދެކުނުން،" ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދިމާވެފައި އޮތް މައްސަލައަކީ ރާއްޖޭގެ ސަރަހައްދުގައި އަޅުގަނޑުމެންނަށް ކުރިއަކުން ނޭނގޭ، ފިއުޗާ ކްލައިމެޓް އެކްސްޓްރީމް ސިނާރިއޯތަކުގައި ރާއްޖެ އަށް އަންނަ ރާޅުތައް އަންނަނީ ކޮންދިމާލަކުން، ކޮން ފްރީކުއެންސީއެއްގައި ކޮން އުސްމިނެއްގައި ކަން."
މި ދިރާސާގައި މުހިންމީ ހޯދުނު އެއްޗެއްގެ އިތުރުން އެ މީހުން އެކަން ހާސިލު ކުރަން ބޭނުން ކުރި ޓެކްނީކެެވެ. އެ ޓެކްނީކަކީ ކުރިއަށް އޮތްތަނުގައި އުދަ އެރުމާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
"މީގައި އެންމެ މުހިންމު އެއްޗަކީ އަސްލު ފައިންޑިންގެ އިތުރުން އަޅުގަނޑުމެން މި ބޭނުން ކުރި މެތަޑޮލޮޖީ. މި މެތޮޑޮލޮޖީ އެހެން ކަހަލަ އެސެސްމެންޓުތަކަށް ބޭނުން ކުރެވޭނެ، ހާއްސަކޮށް ކޯސްޓަލް މަސައްކަތްތައް ފަދަ ބިން ހިއްކުމާއި، ބަނދަރު ހެދުމާއި ތޮށިލުން ފަދަ މަސައްކަތްތަކަށް،" ޝަރީފު ވިދާޅުވި އެވެ.
މާލެއަށް އުދަ އަރައި ކާނިވާ ސަރަހައްދުގައި ފެންބޮޑުވެފައި -- މިހާރު ފައިލް ފޮޓޯ
އުދައިގެ އަސަރު ރަށްތަކަށް ކުރާނެ ގޮތް މީގެ ކުރިން އެނގެން ނެތުމުން، ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ހިންގެނީ، އެކަމަށް މާ ވަރަކަށް ބެލުމެއް ނެތި އެވެ. ނަމަވެސް، މި ދިރާސާގައި ބޭނުން ކުރި މެތަޑޮލޮޖީ ބޭނުންކޮށްގެން، މަޝްރޫއުތައް ހިންގުމުގެ ކުރިން، މަޝްރޫއުގެ ސަބަބުން އުދައިގެ އަސަރު ރަށަށް ކުރާނެ ގޮތް ނުވަތަ ނުރައްކަލުގެ މިންވަރު ބަލައިލެވޭނެ އެވެ.
"އަޅުގަނޑުމެންނަށް ދިމާވެފައި އޮތް މައްސަލައަކީ ރާއްޖޭގެ ސަރަހައްދުގައި އަޅުގަނޑުމެންނަށް ކުރިއަކުން ނޭނގޭ، ފިއުޗާ ކްލައިމެޓް އެކްސްޓްރީމް ސިނާރިއޯތަކުގައި ރާއްޖެއަށް އަންނަ ރާޅުތައް އަންނަނީ ކޮންދިމާލަކުން، ކޮން ފްރީކުއެންސީއެއްގައި ކޮން އުސްމިނެއްގައި ކަން."
ނަމަވެސް، އޭގެ ބޭނުން ހިފޭނީ އެ ރަށުގެ ޓޮޕޯގްރަފީ (ބިމުގެ އުސްމިނާއި ތިރިމިނާ ގުޅޭ މައުލުމާތު) އަދި ބެތިމެޓްރީ (ރަށުގެ ވަށައިގެންވާ މޫދުގެ ފުންމިނާ ބެހޭ މައުލޫމާތު) ލިބިގެންނެވެ. މިފަދަ ކަމަށް ބޭނުންވާ ގޮތަށްއެ މައުލޫމާތު ހޯދިފައި ހުރީ ނިސްބަތުން މަދު ރަށެއްގަ އެވެ.
"ބިންހިއްކުމާއި ކޯސްޓަލް މޮޑިފިކޭޝަން ފަދަ މަޝްރޫއުތަކުގައި ޓޮޕޯގްރަފީ އެންޑް ބެތިމެޓްރީ އަކީ އާއްމުކޮށް އެއްކުރާ މައުލޫމާތެއް. މި މައުލޫމާތު މި މެތޮޑޮލޮޖީ އަށް ފެތޭގޮތަށް ނަގާނަމަ އެ މަޝްރޫގެ އިންމްޕެކްޓް މިގޮތަށް އެސެސްކުރެވޭނެ،" ޒަމްއަތު ވިދާޅުވި އެވެ.
އުދައިގެ އަސަރު ކުރާ ގޮތް ދައްކުވައިދޭ ޗާޓެއް -- ފޮޓޯ/ ދިރާސާ
މިވެނި ރަށެއްގައި މިވެނި ގޮތަކަށް މަޝްރޫއު ހިންގައިފި ނަމަ އޭގެ އަސަރު ރަށަށް ކުރާނެ ގޮތް މިހާރު ދެނެގަނެވިދާނެ އެވެ. އެހެންކަމުން، ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މަޝްރޫއު ބަދަލު ކުރާނެ ގޮތް ދެނެގަތުމަށް ފަސޭހަވުމުގެ އިތުރުން ކަމާ ބެހޭ ސިޔާސަތުތައް އެކުލަވާލުމަށް ވެސް ފަސޭހަ ވާނެ ކަމަށް ޝަރީފާއި ޒަމްއަތު ވިދާޅުވި އެވެ.
"އެކަހަލަ މައުލޫމާތު ލިބުނީމަ ފަސޭހަވާނެ ޕްލޭން ކުރަން. ސިޔާސަތުތަކާއި ގަވައިދުތައް ހަދާއިރު މިކަހަލަ ކަންތައްތަކަށް ރިއާއަތްކޮށްގެން ޕޮލިސީތައް ހެދޭނެ،" ޝަރީފު ވިދާޅުވި އެވެ. އޭގެ އިތުރުން، އުދަ އެރުމުގެ ހާދިސާ ދެން ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތު ނުވަތަ ރިޓާން ޕީރިއަޑް ވެސް ދެނެގަނެވޭނެ އެވެ.
"އަޅުގަނޑުމެންގެ މަސައްކަތް ރާއްޖެ އަށް ފޯކަސް ކުރި ނަމަވެސް، މި ޓެކްނީކަކީ ކޮންމެ ކޯސްޓަލް ސަރަހައްދަކަށް ވެސް، ހާއްސަކޮށް، ސަރަހައްދީ މޫސުމީ މައުލޫމާތު ލިބެން ނެތް ތަނެއްގައި ބޭނުން ކުރެވިދާނެ އެއްޗެއް،" ދިރާސާގައި ލިޔެފައިވެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޕެރިސް ކްލައިމެޓް އެގްރީމަންޓުގައިވާ ވަރަށް ކާބަން އެމިިޝަންތައް މަދު ކުރެވިއްޖެ ނަމަވެސް، ރާއްޖެ އަށް އުނދަގޫތަކާ ކުރިމަތިވާނެ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ އެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން މަޝްރޫއުތައް ހިންގައި، އެ ބަދަލުތަކަށް އެޑެޕްޓު ވާނެ ގޮތް ހޯދަން ރާއްޖެ އަށް މުހިންމު ވަނީ އެހެންވެ އެވެ.
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
ސްޓެލްކޯއިން 500،000 ގަސް އިންދަނީ
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ