Roadha Mihaaru
ވިންޑޯޒް 11: އަޕްޑޭޓިންގައި މަސައްކަތެއް ނުހުއްޓޭނެ

ވިންޑޯޒް 11: އަޕްޑޭޓިންގައި ދެން މަސައްކަތް ހުއްޓާލާކަށް ނުޖެހޭނެ

27 ޖޫން 2021

ވިންޑޯޒް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ވިންޑޯޒްގެ ސެކިއުރިޓީ އަޕްޑޭޓްކުރަން އެތައް އިރެއް ހޭދަވުމާއި އެކަމަށް ސިސްޓަމް ރީސްޓާޓް ވުމުގައި ވެސް އެހާ ގިނައިރު ހުންނަން ޖެހުމެވެ. އެކަމަކު މީގެ ދެ ދުވަސް ކުރިން ތައާރަފްކުރި ވިންޑޯޒް 11 އާ އެކު މިކަމަށް ނިމުމެއް އަންނާނެ އެވެ.

ވިންޑޯޒް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ވިންޑޯޒްގެ ސެކިއުރިޓީ އަޕްޑޭޓްކުރަން އެތައް އިރެއް ހޭދަވުމާއި އެކަމަށް ސިސްޓަމް ރީސްޓާޓް ވުމުގައި ވެސް އެހާ ގިނައިރު ހުންނަން ޖެހުމެވެ. އެކަމަކު މީގެ ދެ ދުވަސް ކުރިން ތައާރަފްކުރި ވިންޑޯޒް 11 އާ އެކު މިކަމަށް ނިމުމެއް އަންނާނެ އެވެ.

"ނެކްސްޓް ޖެނެރޭޝަން" ގެ ވިންޑޯޒްގެ ގޮތުގައި ތައާރަފްކުރި ވިންޑޯޒް 11 އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ވިންޑޯޒް 11 ތައާރަފްކުރި އިވެންޓްގައި މައިކްރޮސޮފްޓްގެ ޕްރޮޑަކްޓް މެނޭޖަރު ޕާނޯސް ޕަނޭ ވިދާޅުވީ ދެން ވިންޑޯޒް ސެކިއުރިޓީ އަޕްޑޭޓަށް ހޭދަވާ ވަގުތު ވެސް ކުރުވާނެ ކަމަށެވެ. އަދި އަޕްޑޭޓްވުމުގެ ހުރިހާ މަސައްކަތެއް ހިނގަމުން ދާނީ މިހާރާ ހިލާފަށް، ބެކްގްރައުންޑްގައި ކަމަށް ވިދާޅުވި އެވެ.

ވިންޑޯޒް 11 ގައި، އެޕަލްގެ މެކްބުކްގައި ހަދާ ގޮތަށް، އެތައް ބައިވަރު ޑެސްކްޓޮޕެއް އަމިއްލައަށް ކްރިއޭޓްކުރެވޭނެ އެވެ. އެހެންވެ އޮފީހުގައި ބޭނުންކުރާ ޑެކްސްޓޮޕާއި ގޭގައި ބޭނުންކުރާ ޑެކްސްޓޮޕް އަދި ގޭމިން އަށް ބޭނުންކުރާ ޑެސްކްޓޮޕް ވެސް މުޅިން ތަފާތުކޮށް ބެހެއްޓޭނެ އެވެ.

ޑެސްކްޓޮޕްގައި އެންޑްރޮއިޑް އެޕް ބޭނުންކުރެވޭ ގޮތަށް ވިންޑޯޒް 11 ހަދާފައި ވާއިރު ކުލަތަކާއި ޑިޒައިނާއި އައިކަންތަކުގެ ސްޓައިލަށް ވެސް މިފަހަރު ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ވިންޑޯޒް އަށް މިފަހަރު ގެނެސްފައިވާ ކޮސްމެޓިކް ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ މި ހުރިހާ ދުވަހަކު ޑެސްކްޓޮޕްގެ ވާތްފަރާތު ތިރީ ކަނުގައި އިން ސްޓާޓް ބަޓަން، ތިރިން މެދަށް ޖެއްސުމެވެ.

ވިންޑޯޒް 11 އަކީ ވިންޑޯޒް 10 ބޭނުންކުރާ މީހުންނަށް އެ މީހުންގެ ޑިވައިސް ކޮމްޕެޓިބްލް ނަމަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެއްޗެއް ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި 1.3 ބިލިއަނަށް ވުރެ ގިނަ ޑިވައިސްތަކުގައި ވިންޑޯޒް 10 މިހާރުވެސް ބޭނުންކުރެ އެވެ. ވިންޑޯޒް 11 ކޮމްޕެޓިބްލް ވާނީ އެންމެ ދަށްވެގެން 64 ގިގަބައިޓްގެ ސްޓޮރޭޖާއި 4 ޖީބީގެ ރޭމް ހިމެނޭ ނަމަ އެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި 2015 ގައި ލޯންޗްކުރި ވިންޑޯޒް 10 2025 ވަނަ އަހަރު އެއްކޮށް ހުއްޓާލާނެ އެވެ. އޭގެ ފަހުން އެއްވެސް އަޕްޑޭޓެއް އެޔަކަށް ނުލިބޭނެ އެވެ.