Roadha Mihaaru
4 ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހި، ދަރިފުޅާއެކު މަރު

ހަތަރު ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހުމަށް ފަހު އަލަތު ދަރިފުޅާ އެކު މަރު

27 ޖޫން 2021

ބަނޑަށް ހަ މަސް ވާން ގާތްވެފައި ވަނިކޮށް، ހާލު ބޮޑުވެގެން މާލެ ގެނައި ޒުވާން އަންހެނަކު ފަރުވާ ދެނިކޮށް ރޭ ނިޔާވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބަނޑަށް ހަ މަސް ވާން ގާތްވެފައި ވަނިކޮށް، ހާލު ބޮޑުވެގެން މާލެ ގެނައި ޒުވާން އަންހެނަކު ފަރުވާ ދެނިކޮށް ރޭ ނިޔާވެއްޖެ އެވެ.

އދ. އޮމަދޫ، އައިމިނަތު ޝެނީފާ 22، ނިޔާވީ، އޭނާގެ ހާލަތު ކުއްލި އަކަށް ވަރަށް ބޮޑަށް ގޯސްވެގެންނެވެ. އާއިލާ އިން ބުނި ގޮތުގައި، ޝެނީފާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށް ވިޔަސް 12 ގަޑިއެއްހާ އިރުގެ ތެރޭގައި ހަތަރު ހާޓް އެޓޭކެއް ވަނީ ޖެހިފަ އެވެ.

ޝެނީފާގެ ކޮއްކޮ އައިޝަތު ޝައުފާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި ދައްތަ ބަލިވެ އިންކަން އެނގުނީ ވެސް ވަރަށް ބަލިކޮށް އުޅުނު ދުވަސްކޮޅެއްގަ އެވެ. ކުއްލިއަކަށް މީހާ ވަރަށް ބޮޑަށް ހިކުނު ކަމަށާއި އެހެންވެ، މިދިޔަ މަހުގެ 15 ހިސާބުގައި ވެސް އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެއްކި ކަމަށް އޭނާ ބުންޏެވެ.

"މަހިބަދޫ އަށް އޭރު ދެއްކީމާ ބުނީ ކުޑަކޮށް ލޭގެ ޕްރެޝަރު މައްޗަށް ދާ ވާހަކަ. އެހެންވެ، އޮތީ ބުނެފައި ކޮންމެ ދުވަހު ވެސް ތިން ފަހަރު ލޭގެ ޕްރެޝަރު ބަލަން ވެސް،" ޝައުފާ ބުންޏެވެ.

ޑޮކްޓަރަށް ދެއްކުމަށްޓަކައި ޝެނީފާ ހުރީ އިއްޔެ މެންދުރު މާލެ އަންނަން ވެސް ތައްޔާރު ވެގެންނެވެ. އެ ދުވަހުގެ ހެނދުނު ޝެނީފާ ކޮޓަރި ތެރެއަށް ވެއްޓުނެވެ.

ޝެނީފާ އަށް ފުރަތަމަ ގޮތްތަކެއް ވާން ފެށީ، އިއްޔެ މެންދުރު މާލެ އަންނަން ވެގެން ފިރިމީހާ، އޭނާ ބަލައިދާނެ އިރެއްގެ އިންތިޒާރުގައި ހުއްޓަ އެވެ.

ނަމަވެސް ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، އޭނާގެ ހާލު ސީރިއަސްވި އެވެ.

ޝެނީފާ ބަލައި ލޯންޗު ރަށަށް ގާތްކޮށް، ލޯންޗަށް ދާން އޭނާ އަށް ފިރިމީހާ ގުޅަމުން ދިޔަ ވަގުތަކީ ޝެނީފާ އަށް ނޭވާލާން އުނދަގޫވެ، ކޮޓަރި ތެރެއަށް ވެއްޓުނު ވަގުތެވެ.

"މިތާ ކައިރީ ރިސޯޓެއްގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޅިޔަނު [ޝެނީފާގެ ފިރިމީހާ]. ޅިޔަނު ބުނެފައި އޮތީ މާލެ އަށް ދަމުން ބަލާ އަންނާނަމޭ. އެހެންވެ ފުރަން ތައްޔާރުވެގެން އިންދާ ޅިޔަނު ލޯންޗު ފަޅަށް ވައްދައިފައި ގުޅީ. އެ ގަޑީގައި ނޭވާލާން އުނދަގޫވެގެން ކޮޓަރި ތެރެއަށް ވެއްޓުނީ،" ޝައުފާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާގެ ހުރިހާ ޒިންމާއެއް ނަގައިގެން އިސްކޮށް ހުރި، އޭނާގެ ދޮންތަ އަށް ނޭވާލާން އުނދަގޫވެ، މުޅި މީހާ ތުރުތުރު އަޅަން ފެށި އެެވެ. އޭރު އަނގައިން ފެންތަކެއް ފައިބަމުންދެ އެވެ.

ޝައުފާ ބުނީ ދައްތަގެ ހާލު ގޯސްވެގެން، އިއްޔެ މެންދުރު 12:30 ހާއިރު ފުރަތަމަ ގެންދިޔައީ އޮމަދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. އެތަނަށް ގެންދިއުމުން ދައްތަގެ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެފައިވާކަން އެނގުނެވެ. އަދި ފިޓް ޖެހިފައިވާ ކަމަށް ބެލެވުނަސް އޭރު ސިއްހީ މަރުކަޒުން ސީދާ އެގޮތަށް ބުނެފައި ނުވާ ކަމަށް ޝައުފާ ބުންޏެވެ.

ސިއްހީ މަރުކަޒަށް ގެންދިޔަތާ ގާތްގަނޑަކަށް ތިރީހަކަށް މިނެޓް ފަހުން ޝެނީފާގެ ހާލު ކުޑަކޮށް ރަނގަޅުވެ ވާހަކަ ދައްކަން ވެސް ފެށި އެވެ. އިތުރު ފަރުވާ އަށް، ހަވީރު 3:30 ވަނިކޮށް، އޮމަދޫ ސިއްހީ މަރުކަޒުން ޝެނީފާ ފޮނުވައިލީ މަހިބަދު އަށެެވެ.

"އެހާ ބޮޑަށް ހާލު ގޯސްވެފައި އޮތީމާ އަހަރެމެން ބުނީ ސީދާ މާލެ ފޮނުވައިދޭން. އަނެއްކާ ކޮވިޑް ތެރެވީމާ އެހާ ރަނގަޅަށް އެ މީހުން ނުބަލާނެއޭ. ބުނީމ ވެސް މަހިބަދު އަށް ރިފާ ކުރީ،“ ޝައުފާ ބުންޏެވެ.

މަހިބަދޫ ހޮސްޕިޓަލުން ޝެނީފާ ބެލުމަށް ފަހު ބުނީ، ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު އަވަސްވެފައިވާ ކަމަށާއި ޝެނީފާގެ ވިންދު މާ ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އަދި ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް މަހިބަދޫ ސިއްހީ މަރުކަޒުން އާއިލާ އަށް އެންގި އެވެ.

އެހެންވެ ވަގުތުން އޭނާ މާލެ ގެނައުމުގެ މަސައްކަތް ފެށި އެވެ. ރޭ އަށެއް ޖަހާކަން ހާއިރު ޝެނީފާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދެވުނުއިރު އޭނާގެ ހަރަކާތް އޮތީ މުޅިން ހެން ހުއްޓިފަ އެވެ.

ޝައުފާ ބުނީ އައިޖީއެމްއެޗަށް ގެންދެވުނުއިރު ދައްތަ އަށް ހަތަރު ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށެވެ. އަދި މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެސް ޝައުފާ ބުންޏެވެ.

"މާލެ ގެނައުމުގެ ތެރޭގައި ދެ ހާޓް އެޓޭކެއް އަދި މާލެ ގެނެވުން ފަހުން ވެސް ދެ ހާޓް އެޓޭކް ޖެހުނު. އައިސީޔޫ އަށް ލާން އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން ދޮންތަ މަރުވީ." ކޮއްކޮ ޝައުފާ ކިޔައިދިނެވެ.

އައިޖީއެމްއެޗުން ބަލިމީހާއާ ބެހޭ ގޮތުން، އާއިލާ އަށް މައުލޫމާތު ދިން ގޮތާ މެދު ވެސް އާއިލާ އިން ވަނީ ހިތްހަމަނުޖެހިފަ އެވެ.

"މަރުވި ވާހަކަ ވެސް ބުނީ އާއިލާ އިން އެތައް ފަހަރަކު ސުވާލު ކުރުމުން،" ޝައުފާ ބުންޏެވެ.

ދެމައިން ގެއްލި ދިޔައީ އެދެވޭ ފަރުވާ ނުދެވިގެން ކަމަށް ދެކޭ ކަމަށާއި އެހެން ނޫން ނަމަ ކޮންމެވެސް އެއް ފުރާނައެއް ސަލާމަތްކުރެވުނީސް ކަމަށް ޝައުފާ ބުންޏެވެ.

ޝެނީފާގެ މަރާ ގުޅިގެން އާއިލާ އަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ. ބައެއް މީހުން ތިބީ ޝޮކްގަ އެވެ. ޝައުފާ ބުނި ގޮތުގައި، ތިން އަހަރުގެ ކައިވެންޏަށް ލިބޭ އަލަތު ދަރިފުޅާ އެކު، އުފާވެރި ދިރިއުޅުމަށް އުންމީދުކޮށްގެން ހުއްޓާ ހަމަ ކުއްލިއަކަށް ވަކިވެދިއުމަކީ ހިތަށް ވެސް ނުގެނެވޭ ވަރުގެ ކަމެކެވެ.

"އާއިލާއެއް ފެށުމަށް ދޮންތަ އައީ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން. މި ފަހަރު މާލެ އަށް ދާން އުޅެމުން ވެސް ބުނީ ލިބޭނީ ކޮން ކަހަލަ ކުއްޖެއްތޯ ބަލައިފައި ބޭނުންވާ އެއްޗެހި ވެސް ގަނެގެންނޭ އެނބުރި [ރަށަށް] އަންނާނީ،" ޝައުފާ ބުންޏެވެ.