Roadha Mihaaru
ބޮމު ހަމަލާގައި ޒަހަމްވި ބޮޑީގާޑުގެ އޮޕަރޭޝަނެއް ކުރަނީ

ބޮމުގެ ހަމަލާގައި ޒަހަމްވި ބޮޑީގާޑުގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަނީ

28 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި އެ މަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި އެ މަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ނިންމައިފި އެވެ.

މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ ދެ ބޮޑީގާޑަކާއި އާއްމުންގެ ތެރެއިން ދެ މީހަކު ޒަހަމްވި އެވެ.

އެ ހަމަލާއާ ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އަައިޖީއެމްއެޗުގައި އިލްހާމުގެ އޮޕަރޭޝަން މާދަމާ ކުރަން ހަމަޖެއްސިއަސް އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. އޭނާ ވަނީ، މަޖިލީހުގެ 241 ކޮމިޓީން ގެންދާ ސެކިއުރިޓީ ބްރީޗްވި މައްސަލައިގެ އިންކުއަރީ އަށް ވެސް ހާޒިރުވެ މައުލޫމާތު ދެއްވައިފަ އެވެ.

ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވީ އެ މަނިކުފާނާ އެންމެ ކައިރީގައި ތިބި ދެ ބޮޑީގާޑުންނެވެ.

އޭގެ ތެރެއިން އެކެއްގެ ވާތަށް ހުރީ ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ހެރިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ހަމަ އެރޭ އެ އެއްޗެހިތައް ވަނީ ނަގައިފަ އެވެ. އެއީ ހަމަލާގެ ވަގުތު ނަޝީދު ކަވަރުކުރި ބޮޑީގާޑެވެ.

އެ ބޮޑީގާޑުގެ ކަނާތާއި، ފަޔަށް ވެސް ހަމަ އެގޮތަށް ބުރައިގެން ދިޔަ އެއްޗެހި ހެރިގެން އަނިޔާވެފައި ހުއްޓެވެ. ފައިތިލައިގައި ވެސް އެކި ނިޝާންްތައް ހަމަލާ ދިން ރޭ ފެންނަން ހުއްޓެވެ. ހަމަލާ ދިން އިރު އެ ހިސާބުގައި ހުރި މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ބޮން ގޮއްވާލި ގަޑީގައި އިވުނު ބާރު އަޑާ އެކު ނަޝީދު ކުއްލިއަކަށް ތިރިވި އެވެ. ބޮޑީގާޑުންނަށް އަނިޔާވެފައި ވަނީ ނަޝީދު ތިރިވެލި ވަގުތު، އެ މަނިކުފާނު ވަށައިލުމުންނެވެ. "ބާރު އަޑަކަށް ފަހު ބޮޑީގާޑުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނަޝީދު ކާރަށް އަރުވަން. އެކަމަކު ކާރު ކުރިއަކަށް ނުދިޔަ. ދެން އައި އެހެން ކާރަކަށް އަރުވައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.