Roadha Mihaaru

ފަސް ކިލޯމީޓަރުގެ ރެކޯޑް ނަސީރުގެ އަތުގައިތަ؟ އޭނާ ބުނަނީ އެހެން!

ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ ދުވުން 16:31 މިނިޓުން ނިންމައިގެން ހުސެން ފަޒީލް ހަދާފައިވާ ރެކޯޑަށް ވުރެ އަަވަހަށް ފަސް ކިލޯމީޓަރު ދުވެފައި އޮންނާނެ ކަމަށް ބުނެ، ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަނަށް ސެޓްފިކެޓެއް ހުށަހަޅައިފި އެވެ.

ފަސް ކިލޯމީޓަރުގެ ރެކޯޑް އޮތީ ނަސީރު އަތުގައިތަ؟
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

24 ނޮވެމްބަރ 2016

ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ ދުވުން 16:31 މިނިޓުން ނިންމައިގެން ހުސެން ފަޒީލް ހަދާފައިވާ ރެކޯޑަށް ވުރެ އަަވަހަށް ފަސް ކިލޯމީޓަރު ދުވެފައި އޮންނާނެ ކަމަށް ބުނެ، ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަނަށް ސެޓްފިކެޓެއް ހުށަހަޅައިފި އެވެ.

ރާއްޖޭގެ 800 މީޓަރު ދުވުމުގައި ފިރިހެނުންގެ ގައުމީ ރެކޯޑް އޮތް ނަސީރު ހުށަހެޅީ 1995 ގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެޓްފިކެޓެވެ. އެ ސެޓްފިކެޓްގައި އޮތް ގޮތުން އޭނާ ވަނީ 5000 މީޓަރު (ނުވަތަ ފަސް ކިލޯމީޓަރު) 16:12 މިނިޓުން ނިންމައިފަ އެވެ.

މިހާރު އަރަމުން އަންނަ އުއްމީދީ ދުވުންތެރިޔާ ފަޒީލް، ނޮވެމްބަރު 11 ގައި އޮތް ދިރާގު ރޭހުގެ ފަސް ކިލޯމީޓަރު ދުވުން 16:31 މިނިޓުން ނިންމުމުގެ ކުރިން އެ ރާސްތާގެ ދުވުމުގެ ރެކޯޑް އޮތީ، އެތުލެޓިކްސް އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ގޮތުގައި، ކުރީގެ އެއް ވަނަ މެރެތަން ދުވުންތެރިޔާ ހުސެން ހަލީމް (ކުޑަހުސެން)ގެ އަތުގަ އެވެ. އޭނާގެ ރެކޯޑް ކަމަށް ބަލާފައި އޮތީ، މީގެ 27 އަހަރު ކުރިން، 1989 ގައި ފަސް ކިލޯމީޓަރު ދުވެގެން ނިންމި 17:08 މިނިޓްގެ ވަގުތެވެ.

އެކަމަކު ނަސީރު ބުނާ ގޮތުގައި ފަސް ކިލޯމީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އޮތީ އޭނާގެ އަތުގަ އެވެ. އެކަން ކަށަވަރުކޮށްދޭން އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެޓްފިކެޓް ހުށަހަޅާފައި ވިޔަސް އެއިން ނުކުންނަ އެހެން މައްސަލައެއް އެބަ އޮތެވެ. އެއީ އެ ސެޓްފިކެޓްގައި "5000 މީޓަރު" ޖަހާފައި އޮތުމެވެ. ފަސް ކިލޯމީޓާރައި 5000 މީޓަރަކީ އެއް ރާސްތާއަކަށް ވީ ނަމަވެސް އެއީ އެތުލެޓިކްސްގެ މިންގަނޑުން ބަލާއިރު ދެ ރޭހެކެވެ. އެގޮތުުން ޓްރެކުގައި އެ ރާސްތާ އަށް ދީފައިވާ ނަމަކީ 5000 މީޓަރެވެ. މަގުމަތީގައި ނަމަ އެއީ ފަސް ކިލޯމީޓަރުގެ ރޭހެކެވެ.

ނަސީރު ބުނަނީ ކުޑަހުސެން ހެދި ރެކޯޑް 1995 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 16:12 ދުވެ އޭނާ މުގުރާލީ، ޓްރެކްގައި ދުވެގެން ނޫން ކަމަށާއި މާލޭގެ މަގުތަކުގައި ދުވެގެން ކަމަށެވެ.

ނަސީރު ހުށަހެޅި ސެޓިފިކެޓުގައި 5000 މީޓަރު ދުވުމުގެ އިވެންޓްގެ އިތުރުން އެ އިވެންޓްގެ ގައުމީ ރެކޯޑް ކަމަށް ޖަހާފައި ވަނީ 1993 ގެ ސާފް ގޭމްސްގެ 5000 މީޓަރު ދުވުން 15:36 މިނިޓުން ނިންމައިގެން ހުސެން ރިޔާޒް (ބޭބެ ރިޔާޒް) ހެދި ރެކޯޑެވެ. އެހެންކަމުން ނަސީރު 1995 ގައި ދުވެފައި ވަނީ 5000 މީޓަރުތޯ ނުވަތަ ފަސް ކިލޯމީޓަރުގެ ރޭހެއްތޯ ކަށަވަރުކުރާނެ އެހެން ހެކިތަކެއް ބޭނުންވެ އެވެ.

ނަސީރު އިސްމާއިލްގެ ހުށަހަޅާފައިވާ ސެޓިފިކެޓް.

ނަސީރު އިސްމާއިލްގެ ހުށަހަޅާފައިވާ ސެޓިފިކެޓް.

ނަސީރު ބުނީ 1995 ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އޭނާ ދުވި ރޭސް ބޭއްވީ މަގުމަތީގައި ކަމަށާއި ސެޓިފިކެޓުގައި 5000 މީޓަރުގެ ރޭހެއް ކަމަށް ޖަހާފައިވީ ނަމަވެސް އެއީ ފަސް ކިލޯމީޓަރުގެ ރޭހެއް ކަމަށެވެ. އަދި ސެޓިފިކެޓުގައި އެގޮތަށް ޖަހާފައިވަނީ އޮޅުމަކުން ކަމަށް ވެސް ނަސީރު ދެކެ އެވެ.

"އެސޯސިއޭޝަނަށް އޮޅިގެން އެގޮތަށް ޖެހިފައި އޮތް ކަމަށް އަޅުގަނޑު ބަލަނީ. އަސްލު އެއީ ފަސް ކިލޯމީޓަރުގެ ރޭހެއް. އެސޯސިއޭޝަނަށް ހެދޭ ގޯހަކުން އަޅުގަނޑަށް އޭގެ ގެއްލުމެއް ވެގެންނުވާނެ،" ނަސީރު ބުންޏެވެ.

"އޭރު އެ މައްސަލަ ނުޖެއްސީ އެހާ ބޮޑަށް މިކަން އޮންނަ ގޮތް ނޭނގޭތީ."

އެތުލެޓިކްސް ދާއިރާގައި އުޅޭ އިސް މީހަކު ބުނީ އޭރު 5000 މީޓަރުގެ ރޭސް ބާއްވަނީ ގަލޮޅު ދަނޑުގެ 200 މީޓަރުގެ ޓްރެކުގައި ކަމަށެވެ. އެހެންވެ އިވެންޓްތައް ބޭއްވުމުގައި ފަސޭހަކުރުމުގެ ގޮތުން ބައެއް ފަހަރު 5000 މީޓަރު ދުވުމުގެ ރޭސް މަގުމަތީގައި ވެސް ބާއްވާފައި އޮވެދާނެ ކަމަށް އޭނާ ބުންޏެވެ.

"މަގުމަތީގައި ބޭއްވިޔަސް އެއީ 5000 މީޓަރުގެ ރޭހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތިއްޔާ އެވާނީ ހަމަ 5000 މީޓަރުގެ ރޭހަކަށް،" އޭނާ ބުންޏެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުގައި ފަސް ކިލޯމީޓަރުގެ ރެކޯޑް ކަމަށް އޮތީ 1989 ގައި ކުޑަހުސެން ހެދި ރެކޯޑް ކަމަށާއި އޭގެ ފަހުން އެ ރެކޯޑް އާކޮށްފައި ވަނީ މި މަހު އޮތް ދިރާގު ރޭހުގައި ފަޒީލް ކަމަށެވެ.

"އެކަމަކު ފަޒީލުގެ ކުރިން ވެސް އެ ރެކޯޑް އެހެން ދުވުންތެރިޔަކު މުގުރާލާފައިވާ ކަމުގެ ވެލިޑް ލިޔުމެއް ހުށައަޅައިފިއްޔާ ބަދަލުވުމުގެ ފުރުސަތު އެބަ އޮތް،" ތޮލާލް ވިދާޅުވި އެވެ.

ފަޒީލް ދިރާގު ރޯޑް ރޭސް ނިންމަނީ: އޭނާ ރެކޯޑް ހެދީ މި ރޭހުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ފަޒީލް ދިރާގު ރޯޑް ރޭސް ނިންމަނީ: އޭނާ ރެކޯޑް ހެދީ މި ރޭހުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އޭނާ ވިދާޅުވީ ނަސީރު ހުށަހަޅާފައި ވަނީ 5000 މީޓަރުގެ ރޭހެއް ފުރިހަމަކުރިކަމުގެ ސެޓިފިކެޓެއް ކަމަށެވެ. އަދި އެ ސެޓިފިކެޓުގެ ތިރީގައި އެ އިވެންޓުގެ ގައުމީ ރެކޯޑް ކަމަށް ޖަހާފައި ވަނީ 1993 ގެ ސާފް ގޭމްސްގައި ބޭބެ ރިޔާ ހަދާފައިވާ 5000 މީޓަރުގެ ރެކޯޑުގެ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސެޓިފިކެޓް ވެރިފައިކުރަން ބަލާއިރު ސެޓިފިކެޓުގައި ޖަހާފައި އޮންނަނީ 5000 މީޓަރުގެ ރޭހެއް ކަމަށް އަދި އެ ސެޓިފިކެޓުގައި އިވެންޓުގެ ކުރީގެ ރެކޯޑުގެ ގޮތުގައި ޖަހާފައި އޮންނަނީ ވެސް 5000 މީޓަރުގެ ރެކޯޑް،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ މިންގަނޑަކީ ފަސް ކިލޯމީޓަރުގެ ރޭހެއް ނަމަ އޮންނާނީ މަގުމަތީގައި ކަމަށާއި އެކަމަކު އެ ރޭސް ބޭއްވީ މަގުމަތީގައި ކަން ވެރިފައިކުރެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރެކޯޑް ވެރިފައިކުރެވޭނީ ރަސްމީ ލިޔުމަކުން. ނަސީރު ފޮނުވި ލިޔުމުން އެނގެނީ އެއީ 5000 މީޓަރުގެ އިވެންޓެއް ކަމަށް. އެސޯސިއޭޝަނުގެ ވެސް އަދި އައިއޭއޭއެއެފްގައި ވެސް އޮތީ ރާއްޖޭގެ ފަސް ކިލޯމީޓަރުގެ ރެކޯޑް އޮތީ ކުޑަހުސެންގެ އަތުގައި ކަމަށް އަދި އެ ރެކޯޑް މުގުރާލި ކަމަށް އޮތީ ރޯޑް ރޭހުގައި ފަޒީލް،" ތޮލާލް ވިދާޅުވި އެވެ.

ފަޒީލަކީ ދިގު ދުވުންތަކުގައި މިހާރު އަރަމުން އަންނަ އެންމެ އުއްމީދީ ދުވުންތެރިޔާ އެވެ. އޭނާ އަށް ރަނގަޅު ތަމްރީން ލިބިއްޖެ ނަމަ އާ ރެކޯޑްތަކެއް ހެދިދާނެ ކަމަށް، ބައެއް ކޯޗުން ބުނެ އެވެ