Roadha Mihaaru
އެސްއެމްއީތަކަށް 1.3 ބިލިއަންގެ ލޯނު ދޫކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް 1.3 ބިލިއަންގެ ލޯނު ދޫކޮށްފިން: ފައްޔާޒު

29 ޖޫން 2021

މި ސަރުކާރު ވެރިކަމަށް އައި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރު ވެރިކަމަށް އައި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި މީޑިއާ ބްރީފިންއެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން 765 ވިޔަފާރިއަކަށް އެއް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ލޯނު ދޭން ހުއްދަ ދީ، އޭގެ ތެރެއިން 524 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެސްޑީއެފްސީ އުފެދުނީއްސުރެ މިއަދާ ހަމައަށް ދޫކުރި މި ލޯނުތަކުގެ އިތުރުން ކޮވިޑްގެ ހާލަތުގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 363 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މި ލޯނުތައް 2،200 ފަރާތަކަށް ދޫކޮށްފައިވެ އެވެ.

އެސްޑީއެފްސީ އުފައްދާފައިވަނީ މާޗް 2019 ގަ އެވެ.

"...މިހާ ހިސާބަށް މި ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރިތަކަށް ރަހުނަކާ ނުލައި ފައިސާ ލިބޭނެ ގޮތެއް އޮތުން. މިހާރު މިވަނީ 765 ވިޔަފާރިއަކަށް އެއް ބިލިއަނާ ގާތްކުރާ އަދަދަކާ ހަމައަށް ލޯނު ދޫކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، ކޮވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ ތެރެއިން ކެފޭ/ރެސްޓޯރެންޓްތަކަށް ވެސް ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައި ވެ އެވެ. ބީއެމްއެލް މެދުވެރިކޮށް ފަސް ފަރާތަކަށް 16 މިލިއަން ރުފިޔާ އަދި އެސްޑީއެފްސީ މެދުވެރިކޮށް 156 ފަރާތަކަށް 33 މިލިއަން ރުފިޔާގެ ލޯނު ވަނީ ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ތެރެއިން 90 ފަރާތަކީ މާލެ ސަރަހައްދަށް ނިސްބަތްވާ ކެފޭ/ރެސްޓޯރެންޓްތައް ކަމަށެވެ.

ސަރުކާރުން އަނެއްކާ ވެސް ވަނީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް "ސްޓިމިއުލަސް" ލޯނުތަކެއް ދޫކުރަން ނިންމާފަ އެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ. އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ.

"ޖުލައި އެކަކުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނަށް އެޕްލިކޭޝަނަށް ހުޅުވައިލެވޭނެ. ތިން ވައްތަރެއްގެ ލޯނަށް އެދެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް ވޯކިން ކެޕިޓަލަށް ލޯނު ދޫކުރުމާއި ހިނގަމުންދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތަށް ދޭ ލޯނާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށް ނުވަތަ ވިޔަފާރި ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ދޭ ލޯނު ހިމެނޭ ކަމަށެވެ. މި ލޯނު ދޫކުރަނީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ފަސް އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށެވެ.