Roadha Mihaaru
އިންޓެލިޖެންސް އޮޑިޓް ނިންމައި ތަފްސީލު އަރުވައިފި

އިންޓެލިޖެންސް އޮޑިޓް ނިންމައި ރައީސަށް ތަފްސީލު އަރުވައިފި

30 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ނިންމައި އޭގެ ތަފްސީލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ނިންމައި އޭގެ ތަފްސީލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި މައްސަލައިގައި ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެނގިފައި ނުވާ ކަމަށެވެ. އެއީ އިންޓެލިޖެންސްގެ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށް ނިންމަވައި، ނޭޝަނަލް އިންޓެލިޖެންސް މެކޭނިޒަމްގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޓީއެއް އެކުލަވައިލެއްވީ މިދިޔަ މަހުގެ 15 ގަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ރައީސް އޮފީހާއި އެޓާނީ ޖެނަރަލްގެ ބޭފުޅުންނެވެ. ރައީސް އޮފީހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އިންޓެލިޖެންސްގެ އޮޑިޓް ނިންމައި އޭގެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ. ފައިނަލް ރިޕޯޓާއެކު ކަންތައްތައް އިސްލާހުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފައިނަލް ރިޕޯޓާއެކު އެންޓެލިޖެންސް އިދާރާތަކުގެ ކަންތައްތައް އިސްލާހުކޮށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީން ބަލަމުން އަންނަ ސެކިއުރިޓީ ބްރީޗްވި މައްސަލައިގެ އިންކުއަރީގެ ފައިނަލް ރިޕޯޓު ލިބުމުން އޭގައިގާ ވާ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި އިސްލާހުކުރަންޖެހޭ ކަންތައް ކުރަމުން ދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނި ނަމަވެސް، އެ މަނިކުފާނަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިވިވަޑައިގަތުމާ އެކު، އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ހިއްސާ ކުރެއްވި ކަމަށް 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން މާރިޔާ ވެސް ވަނީ ނަޝީދަށް ހަމަލަދޭން އުޅޭ ކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގަތުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފަށް އަންގަވާނެ ކަމަށް އިލްޔާސްގެ އަރިހުގައި ވިދާޅުވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.