Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

01 ޖުލައި 2021

ގިނަ އަހަރުތަކެއް ފަހުން ބަތަލާ ޝިލްޕާ ޝެޓީގެ އެކްޓިން ފެންނާނެ ފުރަތަމަ ފިލްމު "ހަންގާމާ 2" މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ އަހަރުތަކެއް ފަހުން ބަތަލާ ޝިލްޕާ ޝެޓީގެ އެކްޓިން ފެންނާނެ ފުރަތަމަ ފިލްމު "ހަންގާމާ 2" މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

މި ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމި ވާހަކަ ދެކެވޭތާ ދެ މަހެއްހާ ދުވަސްވެދާނެ އެވެ. "ހަންގާމާ 2" އަކީ ޑައިރެކްޓަރު ޕްރިޔަދަރްޝަން 2003 ގައި ގެނެސްދިން "ހަންގާމާ" ގެ ސީކްއެލް އެވެ.

މި ފަހަރު ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޝިލްޕާ އާއި ޕަރޭޝް ރާވަލާއި މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް އެވެ. ފިލްމުގެ ޓްރެއިލާ މިއަދު އާންމުކުރާނެ އެވެ.

"ހަންގާމާ 2" ގެ އިތުރުން ޝިލްޕާގެ ރިލީޒްވާން އޮތް އަނެއް ފިލްމަކީ ސަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "ނިކައްމާ" އެވެ.

"ތޫފާން" އަށް ކުރެވޭ އުންމީދު ބޮޑު

މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" ގެ ޓްރެއިލާ ދައްކައިލުމާ އެކު މިއީ ވަރަށް މޮޅު ވާނެ ފިލްމެއްކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

މީގެ ޑައިރެކްޓަރަކީ ފަރުހާނާ އެކު 2013 ގައި ކާމިޔާބު ކުޅިވަރު ބައޮގްރަފިކަލް ޑްރާމާ "ބާގް މިކްލާ ބާގް" ގެނެސްދިން ރާކޭޝް އޯމްޕްރަކާޝް މެހެރާ އެވެ. އެ ފިލްމާ އެއްގޮތަށް "ތޫފާން" އަކީ ފަރްހާން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ސްޕޯޓްސް ޑްރާމާއެކެވެ.

މީގައި އޭނާ ކުޅެފައި ވަނީ ބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ. އެ ރޯލަށް ވަރަށް ވަރުގަދަ އަށް އޭނާ ތައްޔާރުވިކަން ޓްރެއިލާ އިން ދައްކުވައިދެ އެވެ.

"ތޫފާން" ގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޕަރޭޝް ވެސް ހިމެނެ އެވެ.

ކަރަންގެ ދަރުމާ އިން އާ ފިލްމެއް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އާ ފިލްމެއް އިއުލާން ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން އަންގާރަ ދުވަހު އާ ފިލްމެއް އިއުލާންކޮށްފި އެވެ.

އިންޑިއާގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ "ދި އަންޓޯލްޓް ސްޓޯރީ އޮފް ސީ ސަންކަރަން ނައިރް" އެވެ. ކުރިން އިންޑިއާގައި އޮތް އިނގިރޭސީންގެ ރަސްކަމާ ދެކޮޅަށް ވަކާލާތުކުރި ސަންކަރަންގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ކަރަން ސިންގް ތިއާގީ އެވެ.

ދަރުމާ އިން ބުނީ މި ފިލްމު ހަދަން ނިންމާފައި ވަނީ ސަންކަރަންގެ ކާފަ ދަރި ރަގޫ ޕަލަޓާއި އޭނާގެ އަންހެނުން ޕުޝްޕާ ޕަލަޓް ލިޔެފައިވާ ފޮތް "ދަ ކޭސް ދެޓް ޝުކް ދި އެމްޕަޔާ" އަށް ބިނާކޮށް ކަމަށެވެ. އަދި ފިލްމުގެ ކާސްޓް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ.

"ދި އަންޓޯލްޓް ސްޓޯރީ އޮފް ސީ ސަންކަރަން ނައިރް" ހަދާނީ ދަރުމާ އާއި ސްޓިލް އެންޑް ސްޓިލް މީޑިއާ ކަލެކްޓިވް ގުޅިގެންނެވެ.

ނަސީރުއްދީން އެޑްމިޓްކޮށްފައި

އިންޑިއާގެ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހް އަށް ނިއުމޯނިއާ ޖެހިގެން އެޑްމިޓްކޮޑް ފަރުވާދޭން ފަށައިފި އެވެ.

އޭނާގެ މެނޭޖަރާ ހަވާލާދީ މީޑިއާތަކުން ބުނި ޕުއްޕާމޭ އަށް ވެސް ގެއްލުންތަކެއްވެފައި ހުރުމުން އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ ހުނަރުވެރި އެކްޓަރު ވަރަށް ބޮޑަށް ބަލިވި ވާހަކަތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެކެވުނެވެ.

މިހާރު އުމުރުން 70 އަހަރުގެ ނަސީރުއްދީނަކީ ބަތަލާ ރަތުނާ ޕަތަކް ޝާހްގެ ފިރިމީހާ އެވެ. ރަތުނާ އަކީ އެކްޓަރު ޝާހިދު ކަޕޫރްގެ ދޮންމަންމަ ސުޕްރިޔާ ޕަތަކްގެ ދައްތަ އެވެ.

ނަސީރުއްދީން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، ބޮލީވުޑްގެ ކުރީގެ އެކްޓަރު ދިލިޕް ކުމާރު ވެސް އަނެއްކާ އޮތީ ހާލު ސީރިއަސްވެގެން އެޑްމިޓްކޮށްފަ އެވެ. އުމުރުން މިހާރު 98 އަހަރުގެ ދިލިޕް މީގެ ތިން މަހެއްހާ ދުވަސް ކުރިން ވެސް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.