Roadha Mihaaru
"ބާހްބަލީ" އަށް އަސްލު އޮތީ ބޮލީވުޑް ކާސްޓެއް!

"ބާހްބަލީ" އަށް އަސްލު އޮތީ ބޮލީވުޑް ކާސްޓެއް!

02 ޖުލައި 2021

އިންޑިއާގެ ފިލްމުތަކުގެ ވަރުގަދަކަން ބޭރު ދުނިޔެ އަށް ވެސް ސާބިތުކޮށްދިން ފަހުގެ ފިލްމުތަކުގެ ތެރެއިން "ބާހްބަލީ" ގެ ދެ ފިލްމު ކުރިން ހަދަން ނިންމީ ބޮލީވުޑްގެ ތަރިންތަކެއް ހިމަނައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ފިލްމުތަކުގެ ވަރުގަދަކަން ބޭރު ދުނިޔެ އަށް ވެސް ސާބިތުކޮށްދިން ފަހުގެ ފިލްމުތަކުގެ ތެރެއިން "ބާހްބަލީ" ގެ ދެ ފިލްމު ކުރިން ހަދަން ނިންމީ ބޮލީވުޑްގެ ތަރިންތަކެއް ހިމަނައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ 2015 ގެ "ބާހްބަލީ: ދަ ބިގިނިން" އާއި 2017 "ބާހްބަލީ: ދަ ކޮންކްލޫޝަން" އަކީ އަދި މިހާތަނަށް ރަސްމީކޮށް ހިންދީ ފިލްމެއް ޑައިރެކްޓްނުކުރާ ތެލެގޫ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ގެނެސްދިން ފިލްމުތަކެއް ކަމެވެ.

މީޑިއާތަކުން ބުނި ގޮތުގައި އޭނާގެ ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭތަކަށް ހެދި ފިލްމުގެތަކުގެ މައިގަނޑު ކާސްޓަށް ކުރިން ގެންނަން ނިންމީ ރިތިކް ރޯޝަނާއި ޖޯން އަބްހަރަމާއި ސޯނަމް ކަޕޫރްގެ އިތުރުން ސްރީދޭވީ އެވެ.

"ބާހްބަލީ" އާ ގުޅުވައިގެން ކުރިން ވެސް މަރުވެފައިވާ ބަތަލާ ސްރީދޭވީގެ ވާހަކަ ދެކެވިފައި އެވެ. "ބާހްބަލީ" ރާނީ ސިވަގަމީގެ ކެރެކްޓާ ކުޅުނު ރާމިއާ ކްރިޝްނަން އަށް ފިލްމުން ފުރުސަތު ލިބުނީ ސްރީދޭވީ އެ ރޯލު ގަބޫނުކުރުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން 2018 ގައި މަރުވި ބަތަލާ ފިލްމު ގަބޫލުނުކުރީ ޑިމާންޑްކުރި އަގު ދޭން ފިލްމުގެ ޓީމަކަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ކޮއިމޮއިގައި ގެނެސްދީފައިވާ ރިޕޯޓެއްގައިވާ ގޮތުން "ބާހްބަލީ" ގައި ޕްރަބާސް ކުޅުނު ޓައިޓްލް ކެރެކްޓާ ފުރަތަމަ ހުށަހެޅީ ރިތިކަށެވެ. އެކަމަކު އެ ދުވަސްވަރު އޭނާ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާގެ ޕީރިއަޑް ފިލްމު "މޮހެންޖޮ ދާރޯ" ކުޅެމުން ދިއުމުން ފުރުސަތު ދޫކޮށްލީ އެވެ. ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށްވި އެ ފިލްމަކީ 2016 ގައި ރިލީޒްކުރި ފިލްމެކެވެ.

ބަތަލާ ނޭހާ ދޫޕިއާގެ ޗެޓް ޝޯގައި "ބާހްބަލީ" އޭނާ އަށް ހުށަހެޅިކަން ސޯނަމް ކަށަވަރުކޮށް ދީފައިވެ އެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ. އެ ފިލްމުގައި ޒުވާން ދެ ބަތަލާ އަކު ބޮޑެތި ރޯލްތަކެއް ކުޅުނެވެ. އެއީ ދޭވްސެނާގެ ރޯލު ކުޅުނު އަނުޝްކާ ޝެޓީ އާއި އަވަންތިކާގެ ރޯލު ކުޅުނު ތަމަންނާ ބާޓިއާ އެވެ. އެކަމަކު ސޯނަމަށް ހުށަހެޅީ ކޮން ރޯލެއް ކަމެއް ސާފެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބާހްބަލީ" ގެ ވަރުގަދަ ނެގަޓިވް ރޯލު ބައްލާދޭވްގެ ރޯލު ފުރަތަމަ ލިބުނީ ޖޯން އަބްރަހަމަށެވެ. އެކަމަކު އޭނާ ފިލްމު ދޫކޮށްލީ އެވެ. ސަބަބެއް ސާފެއް ނުވެ އެވެ. ފިލްމުގައި ބައްލާދޭވްގެ ރޯލު ކުޅުނީ އެ ރޯލު ކުޅެގެން ފަހުން ބޮޑު މަޝްހޫރުކަމެއް ލިބުނު ރާނާ ދަގޫބަތީ އެވެ.

"ބާހްބަލީ" އަށް ފުރަތަމަ ގެންނަން އުޅުނީ ބޮލީވުޑްގެ ކާސްޓެއް ކަމަށް ރިޕޯޓްތައް ބުންޏަސް އެ ދެ ފިލްމުގައި މުޅިން ވެސް މަސައްކަތްކުރީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ފަންނާނުންނެވެ. އެ ދެ ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ހިންދީ އޯޑިއަންސަށް "ބާހްބަލީ" ގެ ދެ ފިލްމު ހިންދީ ބަހުން ޑަބްކޮށްގެން ގެނެސްދިނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ.

ރާޖަމޯލީ މިހާރު އަންނަނީ އަނެއްކާ ވެސް ވަރަށް ވަރުގަދަ ބޮޑު ފިލްމެއް ގެނެސްދޭން ތައްތާރުވަމުންނެވެ. އެއީ އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް "އާރްއާރްއާރް" އެވެ. މީގެ ލީޑް ތަރިންނަކީ ދެކުނުގެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ކާސްޓްގައި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.