Roadha Mihaaru
އެންމެ ދުވަސްވީ ފިރިހެން މީހާ އަށް 112 އަހަރު

އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް 112 އަހަރުގެ މީހަކަށް

02 ޖުލައި 2021

މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސް މީހާ އަކީ ޕޯޓެ ރިކޯގެ މީހެއް ކަމަށާއި އޭނާ އަށް މިހާރު 112 އަހަރު ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސް މީހާ އަކީ ޕޯޓެ ރިކޯގެ މީހެއް ކަމަށާއި އޭނާ އަށް މިހާރު 112 އަހަރު ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނެފި އެވެ.

މިދިޔަ މަހުގެ 30 އަށް 112 އަހަރާއި 326 ދުވަސްވީ އެމިލިއޯ ފްލޯރެސް މާކްއެޒް އަށް އެ ރެކޯޑް ލިބުނީ ކުރިން އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް އޮތް ރުމޭނިއާގެ ޑުމިޓްރޫ ކޮމެންޒްކޫ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ގައި މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވި އިރު އުމުރަކީ 111 އަހަރާއި 219 ދުވަހެވެ.

އެންމެ ދުވަސްވީ ފިރިހެނާގެ އާ ރެކޯޑް ލިބުނު އެމިލިއޯ އުފަންވީ އޮގަސްޓް 8، 1908 ގަ އެވެ. އޭނާ އަކީ އާއިލާގެ 11 މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. އެމިލިއޯ ކިޔައިދިން ގޮތުގައި މަންމަ އާއި ބައްޕަގެ އެންމެ ދޮށީ ކުއްޖާ އަށް ވުމުން އަބަދު ވެސް އުޅުނީ ވަރަށް ހަރަކާތެރި ދިރިއުޅުމެކެވެ.

އޭނާ ކުރިން އެންމެ ބޮޑަށް އުޅުނީ އާއިލާގެ މީހުން ކޮށް އުޅުނު އުއްދަނޑި ހެއްދުމުގެ މަސައްކަތުގަ އެވެ. އެ ހައްދައިގެން އެމިލިއޯގެ އާއިލާ ހަކުރު އުފައްދައި އޭގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރިން ކުރި އެވެ.

އެމިލިއޯގެ ކައިވެންޏެއް 75 އަހަރު ފަހުން އަންހެނުން އެންޑްރިއާ ޕެރޭޒް ވަނީ 2010 ގައި މަރުވެފަ އެވެ. ދެ މީހުންނަށް ހަތަރު ދަރިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ދެ ކުދިންނެވެ. އެމިލިއޯ ދިރިއުޅެނީ އެ ދެ ކުދިންނާ އެކީފަ އެވެ.

އޭނާގެ ފަސް ކާފަދަރިންނާއި ފަސް މުނިކާފަ ދަރިން ވެސް އެބަ ތިއްބެވެ.

އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އަބަދު ވެސް އެމިލިއޯ އަކީ ސިއްހަތު ރަނގަޅު މީހެކެވެ. އެކަމަކު 101 ވަނަ އަހަރުގައި ހިތުގެ އޮޕަރޭޝަނެއްކުރަން ޖެހުނެވެ. އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު މާ ރަނގަޅު ނޫން ނަމަވެސް ސިއްހީ މާ ބޮޑެތި މައްސަލަތަކެއް ނެތެވެ. ހިތާމަ އަކީ މިހާރު އިވުމުން އެއްކޮށް މަހުރޫމުވެފައިވުމެވެ.

ވަނަމަކަށް "ޑޮން މިލޯ" ކިޔާ އެމިލިއޯ ބުނި ގޮތުގައި އޭނާގެ ދިގު އުމުރުގެ ސިއްރަކީ ކުޑައިރުން ފެށިގެން ހަރަކާތްތެރިކޮށް އުޅުމާއި އުފާވެރި ދިރިއުޅުމެވެ.

"އަދި އަހަންނަކީ ވަރަށް ރުޅި މަޑު މީހެއް. އެ ވެސް ވެދާނެ ދިގު އުމުރަމަކަށް މަގުފަހިވި ސަބަބަކަށް،" އެމިލިއޯ ބުންޏެވެ.

މި ވަގުތު ދުނިޔޭގައި އިން އެންމެ ދުވަސްވީ އަންހެނަކީ ޖަޕާންގެ ކޭން ޓަނާކާ އެވެ. ޖޫން 30، 2021 އާ ހަމައަށް އޭނާގެ އުމުރަކީ 118 އަހަރާއި 179 ދުވަހެވެ.