Roadha Mihaaru
އާމިރު ޚާންގެ ދެމަފިރިން ވަރިވެއްޖެ

އާމިރު ޚާންގެ ދެމަފިރިން ވަރިވެއްޖެ

03 ޖުލައި 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާނާއި އަންހެނުން ކިރަން ރާއޯގެ ކައިވެނި ރޫޅާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާނާއި އަންހެނުން ކިރަން ރާއޯގެ ކައިވެނި ރޫޅާލައިފި އެވެ.

މިކަން އިއުލާންކޮށް ދެ މީހުން ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކައިވެނި ނިމުމަކަށް ގެންނަން ނިންމީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށާއި ވަކިވިޔަސް ދަރިފުޅުގެ ކަންކަމުގައި ދެ މީހުން އެކީގައި އެއްވަރަކަށް ކުރިއެކޭ އެއްގޮތަށް ހިއްސާވާނެ ކަމަށެވެ.

މީގެ އިތުރުން ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން ދެ މީހުން އެކީގައި ހަދާފައި އޮތް ޕާނީ ފައުންޑޭޝަނުގައި ވެސް އެކީގައި މަސައްކަތްކުރާނެ ކަމަށާއި ކައިވެނި ރޫޅައިލިޔަސް އާއިލީ އަދި ޕްރޮފެޝަނަލް އެއްވެސް ގުޅުމަކަށް ބުރޫނާރާނެ ކަމަށް ދެ މީހުންގެ ބަޔާނުގައި ބުންޏެވެ.

"މި ދަނޑިވަޅުގައި އަހަރެމެންނަށް ހެޔޮއެދޭ މީހުންގެ ދުއާ ލިބޭނެ ކަމަށް އުންމީދުކުރަން. އަހަރެމެންގެ ވަރި އަކީ ގުޅުމެއްގައި ސިއްކަޖެހުމެއް ނޫން. މިއީ އާ ދަތުރެއްގެ ފެށުމެއް. އެކީގައި އަހަރެމެން ހޭދަކުރި ފަނަރަ އަހަރަކީ ވެސް އުފާވެރި އެތައް ހަނދާންތަކާ ގުޅިފައިވާ ދުވަސްތަކެއް،" ބަޔާނުގައި ބުންޏެވެ.

އާމިރާއި ކިރަން ކައިވެނިކުރީ 2005 ގަ އެވެ. އަދި އެ ކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ދަރިފުޅު އާޒާރު ރާއޯ ޚާނަށް މިހާރު 9 އަހަރެވެ.

އާމިރާއިި ކިރަން ދިމާވީ އާމިރުގެ 2001 ގެ ފިލްމު "ލަގާން" ގެ މަސައްކަތުގެ ތެރޭގަ އެވެ. އޭރު ކިރަން އަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

އާމިރާ ކައިވެނިކުރި ފަހުން ކިރަން 2011 ގައި "ދޯބީ ގާތު" ގެ ނަމުގައި ފިލްމެއް ޑައިރެކްޓް ވެސް ކުރި އެވެ. އަދި އޭނާ އަކީ އާމިރާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވެފައިވާ މީހެކެވެ.

އާމިރުގެ ދެވަނަ ކައިވެނި ރޫޅައިލި އިރު ފުރަތަމަ ކައިވެނި ރޫޅުނީ 2002 ގަ އެވެ. އޭނާގެ ދޮށީ ދެ ކުދިންގެ މަންމަ އަކީ ރީނާ ދައްތާ އެވެ. ރީނާ އާއި އާމިރު ކައިވެނިކުރީ 1986 ގަ އެވެ. ކައިވެންޏަށް ލިބުނު ދެ ދަރިންނަކީ ޖުނައިދު ޚާން، 28، އާއި އިރާ ޚާން، 24، އެވެ.

އާމިރު، 56، ގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްޑާ" އެވެ.