Roadha Mihaaru
އާބާދީ ކޮންޓްރޯލް ނުވާ ސަބަބަކަށް އާމިރުގެ މިސާލު!

ބީޖޭޕީގެ މެންބަރަކު ބުނަނީ އާބާދީ ކޮންޓްރޯލް ނުވަނީ އާމިރު ކަހަލަ މީހުންނާ ހެދި ކަމަށް

14 ޖުލައި 2021

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ދެވަނަ ކައިވެނި ރޫޅައިލީ ޒުވާނަކާ އިންނަހިތުން ކަމަށާއި އިންޑިއާގެ އާބާދީ މާބޮޑަށް އިތުރުވަނީ އެކަހަލަ މީހުންނާ ހެދި ކަމަށް ބީޖޭޕީ މަޖިލިސް މެމްބަރަކު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ދެވަނަ ކައިވެނި ރޫޅައިލީ ޒުވާނަކާ އިންނަހިތުން ކަމަށާއި އިންޑިއާގެ އާބާދީ މާބޮޑަށް އިތުރުވަނީ އެކަހަލަ މީހުންނާ ހެދި ކަމަށް ބީޖޭޕީ މަޖިލިސް މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ގެނެސްދިން ޕްރޮގްރާމެއްގައި ބީޖޭޕީގެ މެމްބަރު ސުދީތް ގުޕްތާއާ މީޑިއާތަކަށް ވިދާޅުވީ 56 އަހަރުގެ އެކްޓަރު މިހާރު އުޅެނީ ތިން ވަނަ އަންބަކު ހޯދަން ކަމަށެވެ.

"ފުރަތަމަ ކައިވެނި ރޫޅާލީ އިރު ދެ ދަރިން ތިބި. ދެވަނަ ކައިވެނި ރޫޅާލި އިރު ދަރިއެއް އެބަހުރި. ކާފައެއްގެ އުމުރަށް ދިޔައިމަ ވެސް މިހާރު އެ އުޅެނީ ޒުވާނަކާ އިނދެ، ތިން ވަނަ އަންބެއް ހޯދަން،" މަދިއަ ޕްރަދޭޝްގެ މަންދުސޯރް ތަމްސީލްކުރައްވާ މެމްބަރު ވިދާޅުވި އެވެ. "މިކަހަލަ މީސްމީހުން ދުވަހަކު ވެސް އިސްލާހެއް ނުވާނެ. މިކަހަލަ މީހުން ބޭނުންވާ ކަމަކީ މީހުންނާ އިންނަމުން ދަރިން ހޯދުން. އެހެންވެ [އިންޑިއާގެ] އާބާދީ ވެސް ކޮންޓްރޯލް ނުވެގެން މި އުޅެނީ."

އާމިރާއި އަންހެނުން ކިރަން ރާއޯގެ 16 އަހަރުވީ ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކުރީ މި މަހުގެ ކުރީކޮޅު އެވެ. އެ ކައިވެންޏަށް ލިބުނު ދަރިފުޅަކީ ސަރޮގޭޓްކޮށްގެން ހޯދި ދަރިއެކެވެ. އެއީ މިހާރު އުމުރުން ނުވަ އަހަރުގެ އާޒާދު ރާއޯ ޚާނެވެ.

އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނަކީ މިހާރު ބޮޑެތިވެފައި ޒުވާނުންނެވެ. އެއީ ޖުނައިދު ޚާން 28، އާއި އިރާ ޚާން، 24، އެވެ.

އާމިރުގެ ކައިވެނި ރޫޅައިލުންވީ ވަރަށް ގިނަ ބަޔަކަށް ލިބުނު ސިހުމަކަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި އާމިރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

އާމިރުގެ 2016 ގެ ފިލްމު "ޑަންގަލް" ގައި އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ފާތިމާ، 29، އާއި އާމިރުގެ ސިއްރު ގުޅުންތަކެއްގެ ވާހަކަ ކުރިން މީޑިއާތަކުގައި ވަރަށް ބޮޑަށް ކުރިން ދެކެވިފައވެ އެވެ. އެ ފިލްމުގެ ފަހުން ދެ ތަރިން 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް މަސައްކަތްކުރި އެވެ.

ކެޓްރީނާ، 37، އަކީ "ތަގްސް އޮފް ހިންދުސްތާން" ގެ އިތުރުން "ދޫމް 3" ގައި އާމިރާ އެކު މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭނާ ކުރިން ސަލްމާން ޚާނާއި ރަންބީރް ކަޕޫރާ ރައްޓެހިވި އެވެ.