Roadha Mihaaru
ސުޕްރީމް ކޯޓުން ދޫކޮށްލި މަފްތޫހް އަލުން ހައްޔަރުކޮށްފި

ސުޕްރީމް ކޯޓުން ދޫކޮށްލި މަފްތޫހް އަލުން ހައްޔަރުކޮށްފި

03 ޖުލައި 2021

ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އައްޑޫން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހް ސައީދު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ދޫކޮށްލައިފައި ވަނިކޮށް، އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އައްޑޫން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހް ސައީދު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ދޫކޮށްލައިފައި ވަނިކޮށް، އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ކޯޓުން ވަނީ މަފްތޫހުގެ ބަންދަށް 14 ދުވަސް ޖަހައިފަ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި، ގއ. ކޮލަމާފުށި މީހެއް ކަމަށްވާ މަފްތޫހު ދޫކޮށްލަން އަމުރު ކުރި ނަމަވެސް އޭނާއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އެހެން ހެކިތައް ހުރި ނަމަ، އަލުން ކޯޓަށް ހުށަހަޅައި ބަންދުގެ އަމުރަކަށް އެދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އޭރު ނިންމައިފަ އެވެ.

ފުލުހުން މަފްތޫހު އެންމެ ފުރަތަމަ ހައްޔަރު ކުރިއިރު އޭނާ އަށް ކުރި ތުހުމަތަކީ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަނަށް ފަހު، ހައްޔަރުކޮށްފައި ހުއްޓާ މަފްތޫހާއި ދެން ހައްޔަރުކުރި ފަސް މީހުން ދަށު ކޯޓުން ދޫކޮށްލި އެވެ. ނަމަވެސް، ދައުލަތުން އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލުކޮށް އެ މީހުން އަލުން ބަންދު ކުރަން ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މަފްތޫހުގެ ފަރާތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާގެ ބަންދު އަމުރު ބާތިލުކުރި ހުކުމުގައި ވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އެހެން ހެއްކެއް ހުރިތޯ ބަލައި، އެ ހެކިތަކަށް ރިއާއަތްކޮށް އޭނާ ބަންދު ކުރަން ހިތަދޫ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ މީހުން ހޯދައި ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިބި މީހުންގެ ތެރޭގައި ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ތިބިކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ފުލުހުން މިހާތަނަށް ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.