Roadha Mihaaru
އޭދަފުށީގެ މޮނީޓަރިން ދެ މަސް ފަހުން އުވާލައިފި

އޭދަފުށީގެ މޮނީޓަރިން ދެ މަސް ފަހުން އުވާލައިފި

03 ޖުލައި 2021

ކޮވިޑް-19 ފެތުރޭތީ އޭޕްރީލް މަހު މޮނީޓަރިންގެ ހާލަތަށް ގެނައި ބ. އޭދަފުށީގެ މޮނީޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ކޮވިޑް-19 ފެތުރޭތީ އޭޕްރީލް މަހު މޮނީޓަރިންގެ ހާލަތަށް ގެނައި ބ. އޭދަފުށީގެ މޮނީޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.

އޭދަފުށީ ކައުންސިލްގެ މެންބަރު އަދި ކޮވިޑް ފޯކަލް ޕޮއިންޓް، ޒައިދު އަލީ "މިހާރު" އަށް ވިދާޅުވީ މޮނިޓަރިންގައި އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަށުން ކޮވިޑަށް ޓެސްޓްކުރުމަށް 3،139 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެ ރަށުން 315 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޒައިދު ވިދާޅުވި އެވެ. އަދި މި ވަގުތު ރަށުގައި އުޅެނީ އެކްޓިވް ދެ ކޭސް ކަމަށް ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 21 ގަ އެވެ.

އޭދަފުށިން ވަނީ ކޮވިޑް ޖެހިގެން ދެ މީހަކު މަރުވެފަ އެވެ.

ރަށް އަލުން މޮނިޓަރިންގެ ހާލަތަށް ގެންދަން ޖެހުން ފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް ރައްޔިތުންގެ އެއްބާރުލުމަށް ޒައިދު އެދިވަޑައިގަތެވެ.

އޭދަފުށި މޮނީޓަރިން އަށް ލީ، ކޮވިޑްގެ އަލާމާތް ހުރެގެން އެ ރަށު ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ޕޮޒިޓިވުމާ އެކުގަ އެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލުގެ އިތުރުން، ވިޔަފާރީގެ ބޭނުމަށް ވެސް އެ ސަރަހައްދުގެ ރަށްތަކުން މީހުން ދަތުރުކުރާ މައި ރަށަށް ވުމުން އެ ރަށް މޮނިޓަރިން އަށް ލުމުން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެ އެވެ.