ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގާ ހއ. އަލިދޫ ރިސޯޓަށް 22 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ބުންޏަސް، ކޯޓުން ބޭރުގައި ހަތަރު މިލިއަން ޑޮލަރަށް މައްސަލަ ނިންމަން ޔޮޓް ޓުއާސްއިން 2015 ވަނަ އަހަރު ހުށަހަޅާފައި އޮތުމުން ހަގީގަތުގައި އެވަރުގެ ގެއްލުމެއް ނުވާކަން އެނގޭ ކަމަށް އެލައިޑް އިންޝުއަރެންސުން މިއަދު ބުނެފި އެވެ.
05 ޖުލައި 2021
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގާ ހއ. އަލިދޫ ރިސޯޓަށް 22 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ބުންޏަސް، ކޯޓުން ބޭރުގައި ހަތަރު މިލިއަން ޑޮލަރަށް މައްސަލަ ނިންމަން ޔޮޓް ޓުއާސްއިން 2015 ވަނަ އަހަރު ހުށަހަޅާފައި އޮތުމުން ހަގީގަތުގައި އެވަރުގެ ގެއްލުމެއް ނުވާކަން އެނގޭ ކަމަށް އެލައިޑް އިންޝުއަރެންސުން މިއަދު ބުނެފި އެވެ.
ޔޮޓް ޓުއާސް އިން ކުރިން ހިންގި އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން އެދުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ވނީ ނިންމައިފަ އެވެ. އެހެންވެ، އެ ފައިސާ ހޯދަން ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. އެ މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ނިންމީ ޔޮޓް ޓުއާސް އަށް އިންޝުއަރެންސް ފައިސާގެ ގޮތުގައި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކާށެވެ.
އެލައިޑުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ވަނީ ހޯދައިފަ އެވެ.
އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އެލައިޑުގެ ވަކީލު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ފާހަގަކުރެއްވި އެއް ކަމަކީ، ހަތަރު މިލިއަން ޑޮލަރަށް (61.6 މިލިއަން ރުފިޔާ) އަށް ކޯޓުން ބޭރުގައި މައްސަލަ ނިންމަން ޔޮޓް ޓުއާސް އިން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމެވެ.
އެލައިޑުން ބުނީ، ކޯޓުން ބޭރުގައި ފަސް ގުނަ ކުޑަ އަދަދަކަށް މައްސަލަ ނިންމަން ހުށަހަޅާފައި އޮތުމުން، ހަގީގަތުގައި އަލިދޫ ރިސޯޓަށް 22 މިލިއަން ޑޮލަރުގެ ގެއްލުމެއް ނުވާކަން ހާމަވާ ކަމަށެވެ.
"އެވަރު ގެއްލުމެއް ލިބުން ނަމަ އޭގެ ފަސް ގުނަ ކުޑަވާ މިންވަރަކަށް ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރާކަށް ހުށައެއް ނާޅާނެ. މިއީ ބުއްދި ގަބޫލުކުރާ ޒާތުގެ ހުށަހެޅުމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.
"ހަގީގަތުގައި އެވަރުގެ ގެއްލުމެއް ލިބިފައިނުވާ ކަމަށް އެބަ ބަލައިގަންނަން ޖެހޭ އެ ސިޓީގައި ހުރި ވާހަކަތަކުން."
ކޯޓުން ބޭރުގައި މައްސަލަ ނިންމަން ޔޮޓް ޓުއާސްއިން ކުރިން އެދުނު ނަމަވެސް، އެކަމަށް އެލައިޑުން އެއްބަސްވެފައެއް ނުވެ އެވެ.
ގެއްލުންވިވަރު ހާމަކުރަން ޔޮޓް ޓުއާސްއިން ހުށަހެޅި، އެމްޓީ ހޯގާޑް ކުންފުނީގެ ރިޕޯޓުގައި، އަލިދޫގެ ކޮޓަރިތަކެއް ހަލާކުވެ ގެއްލުމުގެ އަދަދު ބަޔާން ކުރިއަސް، ހަގީގަތުގައި ގެއްލުންވެފައި ވަނީ 16 ކޮޓަރިއަށް ކަން އެ ރިޕޯޓުން އެނގޭ ކަމަށް އެލައިޑުން ބުނެފައިވެ އެވެ.
ރާޅު އަރައިގެން ރިޒޯޓު ހަލާކުވުމަކީ އިންޝުއާކޮށްފައިވާ ކަމެއް ކަމަށް ޔޮޓް ޓުއާސްއިން ބުންޏަސް އެކަމާ އެލައިޑުން ދެކޮޅު ހަދަ އެވެ. އެ ކުންފުނިން ބުނަނީ ރާޅު އެރުމަކީ އެ ކުންފުނީގެ އެއްވެސް ޕޮލިސީއެއްގައި ކަވަރު ކުރާ ކަމެއް ނޫން ކަމަށެވެ.
ގެއްލުންވި ކަމަށް ބުނާ ދުވަސްވަރު މޫސުން ވެސް ގޯސް ނޫން ކަމަށް އެލައިޑުން ބުނެ އެވެ. އެކަން މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓަކުން އެނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައިގައި އެލައިޑުގެ ފަރާތުން ބުނެފައި ވަނީ، ޔޮޓް ޓުއާސްއިން އަލިދޫ އަށް ގެއްލުންވުމުގެ ބަދަލު ހޯދަން އުޅޭ އިރު، އެ ކުންފުނިން އިންޝުއާ ކުރީ ކޮން ބާވަތެއްގެ ހާދިސާއެއް ކަމެއް ނުވަތަ "ޕެރިލް" ބުނެދޭން ނޭނގޭ ކަމަށެވެ.
ގެއްލުން ލިބުނީ އިންޝުއާ ކުރި ޕެރިލްއަކުން ކަަން ސާބިތުކޮށްދިނުމަކީ އިންޝުއަރެންސް މައްސަލައެއް ސާބިތު ކުރުމުގެ އެންމެ އަސާސީ މިންވަރު ކަމަށްވާއިރު، މައްސަލައިގައި ދަށު ކޯޓުގައި ޔޮޓް ޓުއާސްއިން އެކަން ސާބިތުކޮށްދީފައި ނުވާ ކަމަށް އެލައިޑުން ބުންޏެވެ.
ޔޮޓް ޓުއާސް އިން އެންމެ ފުރަތަމަ މި މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. އެކަމަކު، ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ. އެހެންވެ، އަލުން މައްސަލަ ދަށު ކޯޓުގައި ބެލީ އެވެ.
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
އެލައިޑުން 22 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ:ހައިކޯޓް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
22 މިލިއަން ޑޮލަރުގެ ހުކުމުގެ ތަންފީޒު ހުއްޓުވައިފި
22 މިލިއަން ޑޮލަރުގެ މައްސަލައިގައި ވަގުތީ އަމުރަކަށް
22 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް އިސްތިއުނާފަށް
ޔޮޓް ޓުއާސްއިން 29 މިލިޔަން ޑޮލަރު ދައްކަން ޖެހިއްޖެ