Roadha Mihaaru
ކަންބަޅިތަކަށް އިހާނެތިކޮށް ހިތި މީހަކު ބަންދުކޮށްފި

ކަންބަޅިތަކަށް އިހާނެތިކޮށް ހިތި ނިއު ޒީލެންޑް މީހަކު ބަންދުކޮށްފި

07 ޖުލައި 2021

ކަންބަޅި ގެންގުޅޭ މީހަކު އެ އެއްޗިއްސަށް ކާން ނުދީ އަޅާނުލުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ކަންބަޅި މަރުވި މައްސަލައެއްގައި ދައުވާކުރުމުން ނުވަ މަހަށް ގޭބަންދުކުރަން ނިއު ޒީލެންޑްގެ ކޯޓަކުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންބަޅި ގެންގުޅޭ މީހަކު އެ އެއްޗިއްސަށް ކާން ނުދީ އަޅާނުލުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ކަންބަޅި މަރުވި މައްސަލައެއްގައި ދައުވާކުރުމުން ނުވަ މަހަށް ގޭބަންދުކުރަން ނިއު ޒީލެންޑްގެ ކޯޓަކުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ކަންބަޅި ގެންގުޅެ، އޭގެ ވިޔާފަރިކުރާ ބީވެން ސްކޮޓް ޓެއިޓް ކިޔާ މީހާ ކަންބަޅިތަކަށް އިހާނެތިކޮށް އަމަލުކުރުމުން އޭގެ ތެރެއިން 226 އެތި ވަރަށް ބޮޑަށް ބަލިވެ، މަރުވެފައިވެ އެވެ. ދެހާސް ނަވާރައިގެ އެޕްރީލް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ފެންމަތިވި މި މައްސަލާގައި އޭނާގެ މައްޗަށް ވަނީ ޖަނަވާރުން ހިމާޔަރްކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށް ނުވަ މަހަށް ގޭބަންދުކުރުމުގެ އިތުރުން 150 ގަޑިއިރު ކޮމިއުނިޓީ ހިދުމަތުގައި އުޅުމަށް އަމުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ހަތަރު އަހަރު ވަންދެން، ޖަނަވާރުންނާ ގުޅުން ހުރި އެއްވެސް މަސައްކަތެއް ކުރުން ވެސް ބީވެން އަށް މަނާކޮށްފައިވެ އެވެ. އޭނާގެ ފަރާތުން ކަންބަޅިތަކަށް އިހާނެތިކޮށް އަމަލުކުރުމުގެ މައްސަލަތައް ފާހަގަވުމުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ބާކީ ހުރި އެއްޗެހި 2019 ގެ އޮގަސްޓް މަހުގެ ތެރޭގައި ގެންގޮސް އޭގެ ތެރެއިން ބައެއް އެއްޗެހި ވިއްކާލައި ބައެއް އެއްޗެހި ޖަނަވާރުން ގެންގުޅޭ މީސްމީހުންނާ ހަވާލުކޮށްފައިވެ އެވެ.

ކޯޓުގެ ހުކުމާ ގުޅިގެން ބީވެން ބުނީ ގެންގުޅޭ ކަންބަޅިތަކަށް އަޅާނުލީ ގަސްތުގައި ނޫން ކަމަށާއި އޭނާ އަށް ޑިޕްރެޝަން ފަދަ މައްސަލަތައް ދިމާވެ، ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެކަންކަމަށް ފަރުވާ ވެސް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

ބީވެން އަށް އައި ހުކުމާ ގުޅިގެން ނިއު ޒީލެންޑްގެ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީގެ އެނިމަލް ވެލްފެއާ މެނޭޖަރު ގްރޭ ހެރިސަން ވިދާޅުވީ ނިއު ޒީލެންޑްގެ ވިޔަފާރި އުސޫލުން ޖަނަވާރުން ގެންގުޅޭ ގިނަ މީހުންނަކީ އެ އެއްޗެހި ވަރަށް ރަނގަޅަށް ބަލަހައްޓާ ބައެއް ކަމަށެވެ.

ކަންބަޅިތަކަކާ އެކު މީހަކު.

ކަންބަޅިތަކަކާ އެކު މީހަކު.

"ނަމަވެސް ބީވެންގެ ފަރާތުން ފެނުނި އިހުމާލުވުމުގެ ވަރަށް އިހާނެތި ދަށު ދަރަޖައިގެ އަމަލެއް. އޭނާ ގެންގުޅުނު ކަންބަޅިތަކުގެ ހާލަތު ފެނިފައި ވަރަށް ދެރަވި. އެއީ މިހާތަނަށް ފެނުނު އެންމެ ހިތްދަތި އެއް މަންޒަރު،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެ މައްސަލާގައި އޭނާ އަށް އައި ހުކުމާ ދޭތެރޭ ހިތްހަމަޖެހޭ. އުންމީދުކުރަނީ މިފަދަ ކަމެއް ދެން އެއްވެސް މީހެއްގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް."

ޖަނަވާރުން ގެންގުޅުމުގެ ވިޔަފާރި އަކީ ނިއު ޒީލެންޑްގެ އިގުތިސާދުގެ ވަރަށް މުހިއްމު ބައެކެވެ.

ނިއު ޒީލެންޑްގައި ކަންބަޅީގެ އާބާދީ 26 މިލިއަނަށް އަރަ އެވެ.