Roadha Mihaaru
ކޫއްޑޫން އައިސް ވިއްކުން މެދުކަނޑާލައިފި

ކޮވިޑާ ހެދި ކޫއްޑޫން އައިސް ވިއްކުން މެދުކަނޑާލައިފި

06 ޖުލައި 2021

ކޫއްޑޫގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، މުވައްޒަފުން ކަރަންޓީނު ވާން ޖެހުމުން އެ ރަށުން މަސްވެރިންނަށް އައިސް ވިއްކުން މެދުކަނޑާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޫއްޑޫގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، މުވައްޒަފުން ކަރަންޓީނު ވާން ޖެހުމުން އެ ރަށުން މަސްވެރިންނަށް އައިސް ވިއްކުން މެދުކަނޑާލައިފި އެވެ.

ކޫއްޑޫ ފިޝަރީޒްގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ގިނަ ވުމުގެ ސަބަބުން މިހާރު އޮޕްރޭޝަންތައް ކުރިއަށް ގެންދަނީ މަދު މުވައްޒަފުންތަކަކާއެކު ކަމަށެވެ. އެހެންކަމުން އައިސް ވިއްކުމުގެ އިތުރުން ޖެޓީ ކައިރިން މަސް ކިރުވުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ކޫއްޑޫގެ ޖެޓީން މަސް ނުކިރުވި ނަމަވެސް ބަނދަރުގައި އޮންނަ ބޯޓު ފަހަރުތަކުން މަސް ކިރުވޭނެ ކަމަށެވެ. އަދި ދޯނިފަހަރުތަކަށް ބޭނުންވާ ތެޔޮ ވެސް ކޫއްޑޫގެ ބޯޓުތައް ބޭނުންކޮށްގެން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ މުވައްޒަފުން ކަރަންޓީނު ވާން ޖެހުމުން ވަރަށް މަދު މުވައްޒަފުންނާއެކު މިހާރު މަސައްކަތް ކުރަނީ. އެހެންވެ، ޖެޓީން ދޭ އެއްވެސް ހިދުމަތެއް މި ވަގުތަށް މެދުކަނޑާލީ. އެކަމަކު ބަނދަރުގައި އޮންނަ އަޅުގަނޑުމެންގެ މަހާ ކަލަމިންޖާއިންނާއި ކަލެކްޓާ ބޯޓުތަކުން މަސް ކިރުވޭނެ،" މުސްތަފާ ވިދާޅުވި އެވެ.

ހުވަދުއަތޮޅުގައި މި ދުވަސްވަރު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، ބޯޓުތައް މެދުވެރިކޮށް މަސް ކިރުވުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޖެޓީން ދެމުން އައި ހިދުމަތްތައް އަލުން ދޭން ފެށޭވަރު ވާނެ އެވެ. އަދި އެއްވެސް ހާލަތެއްގައި މަސް ކިރުވުމުގެ ހިދުމަތް ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މަސްވެރިންނަށް ބުނެލަން ބޭނުންވަނީ އެންމެ މުވައްޒަފެއް ހުރެގެން ވެސް މަސް ކިރުވުމުގެ ހިދުމަތް ދެވޭ ނަމަ އެ ހިދުމަތް މެދުކަނޑާ ނުލާނަމޭ،" މުސްތަފާ ވިދާޅުވި އެވެ

ކޫއްޑޫގެ އިތުރުން ހުވަދުއަތޮޅުގެ އަށް ރަށެއްގައި އައިސްޕްލާންޓް ހުރެ އެވެ. ނަމަވެސް މީގެ ތެރެއިން އާއްމުކޮށް ހިދުމަތް ލިބެނީ ތިން އައިސްޕްލާންޓުން ކަމަށް އެ ސަރަހައްދުގެ މަސްވެރިން ބުނެ އެވެ.

ކޫއްޑޫން މިހާތަނަށް 90 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން 25 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.