Roadha Mihaaru

އައިސް ލިބުން މެދުކެނޑުނު މައްސަލަ މި އަންނަނީ ހައްލުކުރަމުން: މިފްކޯ

މިފްކޯއިން އައިސް ލިބުން މެދުކެނޑުނީ ޕްލާންޓަށް ދިމާވި މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އައިސް ލިބުން މެދުކެނޑުނު މައްސަލަ ހައްލުކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ޖެނުއަރީ 2025

މިފްކޯއިން އައިސް ލިބުން މެދުކެނޑުނީ ޕްލާންޓަށް ދިމާވި މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ބައެއް ރަށްރަށުގެ އައިސް ޕްލާންޓުތަކުން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިންތަކެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިވަގުތަށް އައިސް ނުލިބެނީ ޕްލާންޓަށް މައްސަލަ ދިމާވި ރަށްތަކެއްގަ އެވެ.

ސ. ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމަށް މައްސަލައެއް ޖެހި ދެވަނަ ޔުނިޓުގައި ގޭސް ލީކުވުމުގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގދ. ގައްދު އާއި ތިނަދޫގެ އައިސް ޕްލާންޓުގެ ކޮންޑެންސާ ޕަމްޕަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި ދެ ރަށުގެ މައްސަލަ ވެސް ހައްލު ކުރަން އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"އާންމު ގޮތެއްގައި [ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް] އޭއެފްސީން މަދުން ދޯނިފަހަރު އައިސް އެޅި ނަމަވެސް މި ދެ މައްސަލަ [ހުޅުމީދޫ ޔުނިޓް 1 އަދި 2] ދާއިމީ ގޮތެއްގައި ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރެވެމުން،" މިފްކޯގެ އޮފިޝަލު ވިދާޅުވި އެވެ.

އައިސް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް މަސް ކިރުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޭން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. އެ ކުންފުނިން ބުނެފައި ވަނީ ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސްކިރުމުން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށް ފަހު އެވެ.