Roadha Mihaaru
ކޫއްޑޫއަށް ނުކިރުވިގެން 50 ޓަނުގެ މަސް އުކާލައިފި

ކޫއްޑޫ އަށް ނުކިރުވިގެން 50 ޓަނުގެ މަސް އުކާލައިފި

28 އެޕްރީލް 2017

ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ކާރުހަނާ އަށް ކިރުވަން ގެންދިޔަ ގާތްގަނޑަކަށް 130 ޓަނުގެ މަހުގެ ތެރެއިން ނުކިރުވުނު 50 ޓަނުގެ މަސް އުކާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ކާރުހަނާ އަށް ކިރުވަން ގެންދިޔަ ގާތްގަނޑަކަށް 130 ޓަނުގެ މަހުގެ ތެރެއިން ނުކިރުވުނު 50 ޓަނުގެ މަސް އުކާލައިފި އެވެ.

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ދޯނިތަކުން މަސް ކިރާ މިންވަރު އެ ކުންފުނިން އިއްޔެ ވަނީ ލިމިޓްކޮށްފަ އެވެ. އެގޮތުން، ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސް ކަމަށް މިފްކޯ އިން އިއްޔެ ކަނޑައެޅި އެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަލީލް މިއަދު ވިދާޅުވި ގޮތުގައި ރެ އާއި މިއަދު ކޫއްޑު އަށް މަސް ކިރުވަން އައި 17 ދޯނިން ގެނައި މަސްތަކެއް ނުކިރުވުނެވެ. އަދި ކޫއްޑު އަށް މަސް ކިރުވަން ދިޔަ ކޮންމެ ދޯންޏެއްގައި ފަސް ޓަނާއި 25 ޓަނާ ދެމެދުގެ އަދަދަކަށް މަސް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިން ބޭނި މަހުގެ ތެރެއިން 80 ޓަނުގެ މަސް އެކި ރަށްރަށަށް ވަނީ ވިއްކާލައިފަ އެވެ.

ދޯނިތަކެއް ކޫއްޑޫ ބަނދަރުގައި. - ފޮޓޯ: އެމްޕީ ސައުދު

ދޯނިތަކެއް ކޫއްޑޫ ބަނދަރުގައި. - ފޮޓޯ: އެމްޕީ ސައުދު

ދެކުނުގެ އަތޮޅުތަކުގައި މަސް ބާނާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި އޮތް މި ދަނޑިވަޅުގައި ކޫއްޑޫގައި މަސް ކިރުވުމުގައި ވަކި ލިމިޓެއް ކަނޑައެޅީ މެނޭޖްމަންޓް ނާގާބިލްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާ ހިސާބަށް އަންނަ އިރު، މަސް ކާރުހާނާގައި މަސް އިތުރަށް ކިރުވޭނެ ވަސީލަތްތައް ހުންނަން ޖެހޭނީ ގާއިމު ކުރެވިފަ އެވެ.

"ކޫއްޑޫ މަސް ކާރުހާނާގައި ހުންނަ ކޫލް ސްޓޯރޭޖް ވެސް ފުރިފައި ހުރި ކަމަށް ވަނީ. މަސް ކިރުވޭނެ ގޮތެއް ނެތިގެން ގިނަ ބަޔަކު މަހަށް ވެސް ނުދާ ގޮތަށް ނިންމައިގެން ތިބީ،" ކޫއްޑޫގައި 12 އަހަރު ވަންދެން މަސައްކަތް ކުރެއްވި ހަލީލް ވިދާޅުވި އެވެ.

މަސްވެރިން މަސްތައް އުކާލީ މަސްތައް ތާޒާކޮށް ބެހެއްޓޭނެ ގޮތެއް ނެތުމުންނެވެ. އަދި ރަށަށް ގެންގޮސްގެން ގަންނާނެ ބަޔަކު ނުވާނެ ކަން އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅުގެ ގިނަ ބަޔަކީ މަސް ކައްކާ ހަދާ ބައެއް ނޫން. ވަރަށް މަދު ބައެއް އެކަން ކުރަނީ. އެހެންވެ ގިނަ މަސްވެރިން ވަރަށް މަދު އަދަދެއްގެ މަސްތަކެއް ރަށްރަށަށް ގެންދިޔައީ،" ހަލީލް ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ގިނަ މަސްވެރިން ދޯނިތަކުގައި ކޫއްޑު އަށް ދިޔައީ މަސް ކިރޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް މިފްކޯ އިން ކަނޑައެޅި ލިމިޓްގެ ސަބަބުން ބައެއް ދޯނިތަކަށް އެއްވެސް ވަރަކަށް މަސް ކިރުވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ މަހަކީ ގައުމަށް ބޭރުވާ ފައިސާއެކެވެ. އެހެންވެ، މަސްވެރިކަން މިހާ ބޮޑަށް ރަނގަޅުވެފައި އޮތް ދަނޑިވަޅެއްގައި މަސް ކިރުވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯ އިން ބުނީ މަސް ކިރާ މިންވަރު ލިމިޓު ކުރީ މިހާ ގިނަ އަދަދަކަށް މަސް ބާނާ އިރު، މަސް ފިނި ކުރުމަށާއި ރައްކާކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ދަތިތަކެއް މެދުވެރިވެދާނެތީ ކަމަށެވެ. ކޮންމެ ދޯންޏަކުން 2.5 މެޓްރިކް ޓަނުގެ މަސް ގަންނަން ނިންމީ މަސް ފިނިކޮށް ރައްކާކުރުމަށް އިތުރު ވަގުތު ނަގާތީ އާއި ހުރިހާ މަސްވެރިންނަށް ވެސް މަސް ކިރުވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ. އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.

މަސްވެރިކަން ވަރަށް ރަނގަޅުވެ ބާނާ ހުރިހާ މަހެއް ނުގަނެވޭތީ މަސްވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އެކަމަކު މަސްވެރިކަން ރަނގަޅުވެ، ފާއިތުވި 16 ދުވަހު މަސްވެރިންނަށް 54 މިލިޔަން ރުފިޔާ ދީފައިވާނެ ކަމަށް މިފްކޯ އިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.