ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި، 16 ބުރީގެ 25 ޓަވަރުން ފްލެޓް ލިބުނު ފަންނީ މީހުން ބޭނުން ނަމަ ފްލެޓް ބަދަލުކުރަން ދިން ފުރުސަތުގައި އެކަމަށް އެދި ނަން ނޯޓުކުރީ އެންމެ 50 އެއްހާ މީހުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
06 ޖުލައި 2021
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި، 16 ބުރީގެ 25 ޓަވަރުން ފްލެޓް ލިބުނު ފަންނީ މީހުން ބޭނުން ނަމަ ފްލެޓް ބަދަލުކުރަން ދިން ފުރުސަތުގައި އެކަމަށް އެދި ނަން ނޯޓުކުރީ އެންމެ 50 އެއްހާ މީހުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރިން އިއުލާންކުރި ގޮތުން ނަމަ، ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ބޭނުން ނަމަ ސަރުކާރުން ކުރިއަށް ގެންދާ ގޯތިގެދޮރު މަޝްރޫއުގެ ތެރެއިން މަޝްރޫއަކަށް ފުރުސަތު ބަދަލު ކުރެވިދާނެ އެވެ. ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ފަންނީ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް އޭރު ދޭން ނިންމި ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެކަމަކު އެގޮތަށް ބަދަލުކުރަން ހުޅުވައިލި ފުރަތަމަ ފުރުސަތުގައި ބަދަލުކުރުމަށް އެދިފައި ވަނީ 50 އެއްހާ މީހުންނެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން ކުރިން ދޭން ނިންމާފައި އޮތީ 475 ފްލެޓެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އަދަދު 233 އަށް ބަދަލުކޮށްފަ އެވެ. ޓީޗަރުންނަށް ހާއްސަަކުރި ފްލެޓުތަކުން 625 ގެ ބަދަލުގައި ދޭން ނިންމީ 523 ފްލެޓެވެ. އެ ފްލެޓްތައް އުނިކުރުމަށް ފަހު ސަރުކާރުން ނިންމީ މާލޭ ރަށްވެހިންނަށް އެ ފްލެޓްތައް ދޭށެވެ.
އެ މީހުންނަށް ސޯޝަލް ހައުސިންގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށް، ފްލެޓް ބަދަލުކުރުމުގެ ފުރުސަތު ހުޅުވައިލިއިރު، އެގޮތަށް ފްލެޓް ބަދަލުކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. ފްލެޓު ބަދަލުކުރުމަށް ނަން ނޯޓުކުރުމުގެ މުއްދަތު އެންމެ ފަހުން އިތުރުކުރިއިރު ސަރުކާރުން ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ހުރިހާ ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންނަށް ވެސް އެ ފުރުސަތު ދިނުމަށެވެ.
އެ މީހުންނަށް ފްލެޓް ބަދަލުކުރެވޭނީ ވިނަރެސް މަޝްރޫއަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ކުރަން ފެށި 13 ބުރީގެ 10 ޓަވަރުގެ މަސައްކަތެވެ. އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ. މިއީ ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ބޮޑު، ރަނގަޅު ފެންވަރުގެ އެޕާޓްމެންޓްތަކެކެވެ.
"ވިނަރެސް" މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ. މި ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ހިޔާ މަޝްރޫއުގެ ފިނިޝިން ނުނިންމައި އެ ތަންތަން ހަވާލުކުރި ނަމަވެސް "ވިނަރެސް" މަޝްރޫއުގެ ދަށުން ފްލެޓް ދޭނީ އެއްކޮށް މަސައްކަތް ނިންމުމަށް ފަހު އެވެ. އެ ތަންތަން އަންނަ މޭ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
"ވިނަރެސް" ފްލެޓްތައް ވިއްކުމަށް ހުޅުވައިލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން ބޭނުން އެޕާޓްމަންޓެއް ނެގުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ޑޮކްޓަރުން، ނަރުހުން، ޓީޗަރުންނަށް ތަނަވަސް ފްލެޓް!
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރާ!
ވިނަރެސްގެ ފްލެޓްތައް ތިން މަސް ލަސްވެއްޖެ
"ހާލުގައި އުޅޭތީ" ލިބުނު ހިޔާ ފްލެޓްތައް ކުއްޔަށް!
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ހައްލު ނުލިބިގެން، ފްލެޓް ލިބުނު މީހުން މަގުމައްޗަށް