Roadha Mihaaru
އީރާންގެ ނިއުކްލިއާ އިންޖީނުގެ މަރާމާތަށްފަހު ހުޅުވައިފި

އީރާންގެ ނިއުކްލިއާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި

06 ޖުލައި 2021

ގާތްގަނޑަކަށް ދެ ހަފުތާގެ މެދުކެނޑުމަކަށް ފަހު، އީރާންގެ ނިއުކްލިއާ އިންޖީނުގެ އިން، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް އާންމުކޮށް ކަރަންޓު ދޫކުރަން ފަށައިފި އެވެ.

ގާތްގަނޑަކަށް ދެ ހަފުތާގެ މެދުކެނޑުމަކަށް ފަހު، އީރާންގެ ނިއުކްލިއާ އިންޖީނުގެ އިން، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް އާންމުކޮށް ކަރަންޓު ދޫކުރަން ފަށައިފި އެވެ.

އީރާންގެ ބަނދަރުމަތީ ސަހަރެއް ކަމަށްވާ ބޫޝެހެރްގައި ހަދާފައި ހުރި ނިއުކްލިއާ އިންޖީނުގެ އިން ކަރަންޓު ދިނުން މެދުކަނޑައިލުމަށް ފަހު އިންޖީނުގެ ނިއްވައިލީ، ފަންނީ މައްސަލައެއް ހައްލު ކުރަން ކަމަށް ބުނެ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

އީރާންގެ ބޫޝެހެރްގައި ހުންނަ ނިއުކްލިއާ އިންޖީނުގެއަކީ، ރޫސީ ވިލާތުގެ އެހީގައި ގާއިމުކޮށް، 2013 ވަނަ އަހަރުން ފެށިގެން ކަރަންޓު ދެމުން އަންނަ އިންޖީނުގެއެކެވެ. އެއީ އީރާންގައި ހުރި ހަމައެކަނި ނިއުކްލިއާ އިންޖީނުގެ އެވެ.

ނިއުކްލިއާ އިންޖީނުގޭގެ ވެރިޔާ މަހްމޫދު ޖައުފަރީ ވިދާޅުވި ގޮތުގައި، އިންޖީނުގެ އަށް ދިމާވި ފަންނީ މައްސަލަ ހައްލުކުރީ، އެ އިންޖީނުގޭގައި މަސައްކަތްކުރާ ތަޖުރިބާކާރު އިންޖިނޭރުން އަމިއްލައަށެވެ. އެ އިންޖީނުގެ އިން ކަރަންޓު ދިނުން މެދުކަނޑައިލީ، އެ އިންޖީނުގެ އިން ރޭޑިއޭޝަން ލީކްވެފައިވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

މަހްމޫދު ޖައުފަރީ ވިދާޅުވި ގޮތުގައި 1،000 މެގަވޮޓްގެ ކަރަންޓު އުފައްދައިދޭ ނިއުކްލިއާ ރިއެކްޓަރު މަރާމާތު ކުރުމަށް ފަހު، އަލުން ކަރަންޓު ދޭން ފެށީ، އެ އިންޖީނުގޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު އެވެ.

މީގެ ދެ ހަފުތާ ކުރިން އީރާންގެ ނިއުކްލިއާ އިންޖީނުގެ ނިއްވައިލީ، އިންޖީނުގޭގެ ރިއެކްޓަރުތައް ހުއްޓާލަން ޖެހިދާނެ ކަމަށް، އެތަނުގެ ވެރިޔާ މަހުމޫދު ޖައުފަރީ، މިދިޔަ މާޗް މަހުގެ ތެރޭގައި ވިދާޅުވެފައި ވަނިކޮށެވެ.

އެއީ، ނިއުކްލިއާ ރިއެކްޓަރުތައް ހިންގުމަށް ބޭނުންވާ ސްޕެއާ ޕާޓްތަކާއި އެހެން ސާމާނުތައް ރަޝިޔާ އިން ގަތުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ. އެ ދަތިކަން ކުރިމަތިވަނީ، އީރާންގެ ބޭންކުތަކާ ދެކޮޅަށް 2018 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ބޫޝެހެރްގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ހިންގަނީ، ރަޝިޔާގައި އުފައްދާ ޔޫރޭނިއަމް ބޭނުންކޮށްގެންނެވެ. އަދި އެ އިންޖީނުގޭގެ މަސައްކަތް ހިނގާ ގޮތް، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން އަންނަނީ ބަލަމުންނެވެ.