Roadha Mihaaru
ތިލަ-މާލެ ބްރިޖަށް އިންޑަސްޓްރިއަލް ވިލެޖު ހުސްކުރަނީ

ތިލަ-މާލެ ބްރިޖު އަޅަން އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ހުސްކުރަން އަންގައިފި

06 ޖުލައި 2021

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ތިލަ-މާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި ހުސްކުރަން ޕްލޭނިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ތިލަ-މާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި ހުސްކުރަން ޕްލޭނިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބުރިޖުގެ އަމަލީ މަސައްކަތް ކުރާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވަނީ، އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ. އަދި މާލެއަށް އެ ބްރިޖު ގުޅާލަނީ ވެސް އިންޑަސްޓްރިއަލް ވިލެޖަށެވެ.

އެ ކަމަށް އެ ސަރަހައްދުގެ ބޮޑު ބައެއް ބޭނުންކުރަން ހަމަޖައްސާފައިވާތީ، ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރަން ވަނީ ފަށައިފަ އެވެ. ވަކި ފަރާތަކާ ހަވާލުނުކުރާ ބިންތަކާއި މަގުތަކުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކޮށްދިނުމަށް ވެސް ޕްލޭނިން މިނިސްޓްރީން އަންގާފައި ވެ އެވެ.

"މި މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމާއި މިކަމުގައި އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމުގައި ދަންނަވަމެވެ،" އިއުލާނުގައި ބުންޏެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ އެންމެ ބިޔަ ޕްރޮޖެކްޓް، ތިލަ-މާލެ ބްރިޖު ހަދަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. ނަމަވެސް ރަސްމީކޮށް އަދި އެ މަޝްރޫއު ހަވާލެެއް ނުކުރެ އެވެ.

އެކަމަށް، އެ ގައުމުން 100 މިލިއަން ޑޮލަރުގެ އެހީއާއެކު 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައި ވެ އެވެ.