Roadha Mihaaru
އަޖޭގެ ސީރީޒް "ރުދުރާ" އަށް އީޝާ ސޮއިކޮށްފި

އަޖޭގެ ވެބް ސީރީޒް "ރުދުރާ" އަށް އީޝާ ސޮއިކޮށްފި

08 ޖުލައި 2021

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފުރަތަމަ ވެބް ސީރީޒް "ރުދުރާ: އެޖް އޮފް ޑާކްނެސް" އަށް ބޮލީވުޑްގެ ކުރީގެ ބަތަލާ އޯޝާ ޑިއޯލް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފުރަތަމަ ވެބް ސީރީޒް "ރުދުރާ: އެޖް އޮފް ޑާކްނެސް" އަށް ބޮލީވުޑްގެ ކުރީގެ ބަތަލާ އޯޝާ ޑިއޯލް ސޮއިކޮށްފި އެވެ.

ކުޅޭނެ ފިލްމެއް ނުލިބި ފިލްމީ ދާއިރާއާ ދުރަށް ދާން ޖެހުނު ބަތަލާ ބުނީ އަޖޭއާ އެކު ޑިޖިޓަލް ކޮންޓެންޓެއްގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަޖޭއާ އެކު ކުރިން ވެސް މަސައްކަތްކޮށްފައިވާތީ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ދެ މީހުން ސެޓުން ދިމާވާތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

"އަހަރެން މިހާރު މިހުރީ ވަރަށް ޗާޖްވެފައި. އުންމީދުކުރަނީ އަލަތު ވެބް ކޮންޓެންޓާ އެކު ރަނގަޅު އުފެއްދުމެއް ބެލުންތެރިންންނަށް ގެނެސްދެވޭނެ ކަމަށް." ކުރީގެ ތަރިން ކަމަށްވާ ހެމާ މާލިނީ އާއި ދަރުމެންދުރާގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ.

އަޖޭގެ ސީރީޒަށް އީޝާ ސޮއިކޮށްފައި މި ވަނީ ދާދި ފަހުން ފީޗާ ފިލްމެއްގެ މަސައްކަތް ވެސް ނިންމާލައި އިތުރު ޕްރޮޖެކްޓްތަކަކަށް ތައްޔާރުވަމުން އަންނަ ކަމށް ބުނެފައި ވަނިކޮށެވެ. އީޝާ، 39، އަކީ މިހާރު ދެ ކުދިންގެ މައެކެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ "ރުދުރާ" އަކީ ބީބީސީ އިން ހޮލީވުޑްގެ އެކްޓަރު އިޑްރިސް އެލްބާއާ އެކު ގެނެސްދިން "ލޫތާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެ ސީރީޒް ފަސް ސީޒަނަށް 20 އެޕިސޯޑާ އެކު ގެނެސްދިނީ 2010-2019 އަށެވެ.

މި މަހުގެ 21 ގައި މުމްބާއީގައި ޝޫޓިން ފަށައި ދެ މަސް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލަން އަމާޒު ހިފާފައިވާ "ރުދުރާ" ގެ ޑައިރެކްޓަރަކީ ރާޖޭޝް މަޕުސްކަރް އެވެ.

މި ސީރީޒް ހަދަނީ ބީބީސީ ސްޓޫޑިއޯސް އިންޑިއާ އާއި އެޕްލޯޒް އެންޓަޓައިމަންޓް ގުޅިގެންނެވެ.

އެޕްލޯޒްގެ ސީއީއޯ ސަމީރު ނައިރް ބުނީ "ރުދުރާ" ގެ ކާސްޓާ އީޝާ ގުޅުމަކީ އެއަށް ކުރެވޭ އުންމީދު އިތުރަށް ބޮޑުވާނެ ކަމެއް ކަމަށާއި އީޝާގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދާނެ ކަމަށެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސީރީޒްގެ ރޯލަކަށް އިންޑިއާގެ ދެކުނުގެ ބަތަލާ ރާޝީ ކަންނާ ވެސް ސޮއިކޮށްފައިވެ އެވެ.