Roadha Mihaaru
މިހާރު ފިލްމު ލިބޭ، އެއް ފިލްމު ނިންމައިފިން: އީޝާ

މިހާރު ފިލްމު ލިބޭ، އެއް ފިލްމު ނިންމައިފިން: އީޝާ ޑިއޯލް

21 މާޗް 2021

ކުޅޭނެ ފިލްމެއް ނުލިބި ކެރިއަރަށް ހުއްޓުން އައި ކުރީގެ ބަތަލާ އީޝާ ޑިއޯލް އާ ފިލްމެއްގެ މަސައްކަތް ނިންމާލައި ދެވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅޭނެ ފިލްމެއް ނުލިބި ކެރިއަރަށް ހުއްޓުން އައި ކުރީގެ ބަތަލާ އީޝާ ޑިއޯލް އާ ފިލްމެއްގެ މަސައްކަތް ނިންމާލައި ދެވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރްމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެކްޓިންއާ ދުރުގައި ހުންނަތާ ދުވަސްތަކެއް ފަހުން ސޮއިކޮށް ޝޫޓިން ނިންމައިލި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މީޑިއާގައި ހިއްސާކުރަން އޭނާ އަށް އަދި ހުއްދައެއް ނެތް ކަމަށެވެ.

"އެހެންވެ އެ ފިލްމު ރަސްމީކޮށް އޭގެ ޓީމުން އިއުލާންކުރާނެ. އޭގެ ފަހުން އަހަރެން އެއާ ބެހޭ ގޮތުން ވާހަކަ ދައްކާނަން. މި ވަގުތަށް ބުނެލަން އޮތީ އަންހެނުންނާ ވަރަށް ރިލޭޓްވާ ކަހަލަ ކޮންސެޕްޓަކަށް ގެނެސްދޭ ފިލްމެކޭ އެއީ. ހަމަ ޔަގީނުން ވެސް ވަރަށް ވަރުގަދަ މެސެޖެއް އިން ދޭނެ،" ދެ ކުދިންގެ މަންމަ ބުންޏެވެ.

އީޝާ ބުނި ގޮތުގައި މި ފަހުން އޭނާ އަށް ވަރަށް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އިރު، ވަރަށް ގިނަ ސްކްރިޕްޓްތައް މިހާރު ވެސް ކިޔައިފި އެވެ.

"އެހެންވީމަ ދެވަނަ ޕްރޮޖެކްޓަކަށް ވެސް އެއްބަސްވެފައި މިހާރު އޮތީ. ރޭވިފައި އޮތް ގޮތުން އޭގެ ޝޫޓިން ޖޫން މަހުގެ ތެރޭގައި ފަށާނެ،" ކެރިއަރުގައި ކުޅުނު 2004 ގެ "ދޫމް" ފިޔަވައި ފާހަގަކޮށްލެވޭ ވަރުގެ ފިލްމެއް ނެތް ބަތަލާ ބުންޏެވެ.

އީޝާ، 39، އެންމެ ފަހުން ކުޅުނު ހިންދީ ފީޗާ ފިލްމަކީ މަންމަ ހެމާ 2011 ގައި ގެނެސްދިން "ޓެލް މީ އޯ ޚުދާ" އެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ ކުރު ފިލްމު "ކޭކްވޯކް" އެވެ.

އީޝާ ބޮލީވުޑަށް ނުކުތީ 2002 ގެ "ކޮއި މޭރޭ ދިލް ސޭ ޕޫޗޭ" އިންނެވެ.

ފިލްމެއްގެ މަސައްކަތް ނިންމައިލި ވާހަކަ އީޝާ ބުނެފައި މި ވަނީ އޭނާ އަލުން އެކްޓިން އަށް ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ. އަދި މިދިޔަ އަހަރު ޓީވީ ސިލްސިލާއަކަށް އީޝާ ސޮއިކުރިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު އެކަން ދޮގުކޮށްފައިވެ އެވެ.