Roadha Mihaaru
އީޝާގެ "އޭކް ދުއާ" 26 ގައި

އީޝާ ޕްރޮޑިއުސްކުރި "އޭކް ދުއާ" މި މަހުގެ 26 ގައި ވޫޓް ސިލެކްޓަށް

20 ޖުލައި 2021

ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލްގެ އަމިއްލަ ފިލްމު ކުންފުނި ބާރަތު އީޝާ ފިލްމްސް (ބީއީއެފް) އިން ގެނެސްދޭ ފުރަތަމަ ފިލްމު "އޭކް ދުއާ" މި މަހުގެ 26 ގައި ވޫޓް ސިލެކްޓް އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލްގެ އަމިއްލަ ފިލްމު ކުންފުނި ބާރަތު އީޝާ ފިލްމްސް (ބީއީއެފް) އިން ގެނެސްދޭ ފުރަތަމަ ފިލްމު "އޭކް ދުއާ" މި މަހުގެ 26 ގައި ވޫޓް ސިލެކްޓް އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެެ.

މިހާރު ހުރިހާ މަސައްކަތެއް ނިމިފައި އޮތް މި ފިލްމު ވެބް ފިލްމެއްގެ ގޮތުގައި ގެނެސްދިނުމުގެ ކުރިން މި މަހުގެ 24-31 އަށް ކުރިއަށް ގެންދަން ނިންމާފައިވާ "ވޫޓް ސިލެކްޓް ފިލްމު ފެސްޓިވަލް" ގައި ވެސް ދައްކާނެ އެވެ.

މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ "އޭކް ދުއާ" އަކީ އީޝާގެ 2018 ގެ ކުރު ފިލްމު "ކޭކްވޯކް" ގެނެސްދިން ރާމް ކަމަލް މުކަރްޖީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ބޮޑު ފިލްމެއްގައި މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން އީޝާގެ އެކްޓިން އަލުން ފެންނާނެ ފިލްމެކެވެ.

އޭނާ ފިލްމީ ކެރިއަރު އަލުން ކޮޅަށްޖަހަން މަސައްކަތް ފަށާފައިވާ އިރު ދާދި ފަހުން ވަނީ އަޖޭ ދޭވްގަންގެ ފުރަތަމަ ވެބް ސީރީޒް "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" އަށް ވެސް ސޮއިކޮށްފަ އެވެ. އޭގެ ޝޫޓިން މި މަހުގެ ތެރޭގައި ފެށުމަށް މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މިހާރު ދެ ދަރިން ތިބި އީޝާ އަކީ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ. އީޝާ، 39، އަކީ ފިލްމު ކުޅެން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް، ފުރުސަތު ލިބުން ހުއްޓި، ފިލްމީ ދާއިރާ އިން ގެއްލުނު ބަތަލާއެކެވެ. އީޝާ އަކީ ސަނީ އާއި ބޮބީ ޑިއޯލްގެ އެއްބަފާ ކޮއްކޮއެކެވެ.

ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ދެން ކުރިއަށް އޮތް ތަނުގައި ފިލްމުތަކުން ފެންނާނެ ކަމަށެވެ.