Roadha Mihaaru
ދަރުމެންދުރާގެ އާއިލާ އަށް ދަނޑުވެރިންގެ އިންޒާރެއް

ދަރުމެންދުރާގެ އާއިލާ އަށް ދަނޑުވެރިންގެ އިންޒާރެއް

08 ފެބުރުއަރީ 2021

މުޒާހަރާކުރަމުންދާ އިންޑިއާގެ ދަނޑުވެރިންގެ ހައްގުގައި، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އާއިލާ އިން ވާހަކަ ނުދައްކާތީ އާއި އެ އާއިލާ އިން މި ވަގުތު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކީ ސަރުކާރުގެ ޕަޕެޓުން ކަމަށް ބުނެ ޕަންބާޖާ ހަރިއާނާގައި އެ އާއިލާގެ އެއްވެސް މީހެއްގެ ފިލްމެއް ކުރިއަށް އޮތް ތަނުގައި ޝޫޓްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ދަނޑުވެރިންތަކެއް އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޒާހަރާކުރަމުންދާ އިންޑިއާގެ ދަނޑުވެރިންގެ ހައްގުގައި، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އާއިލާ އިން ވާހަކަ ނުދައްކާތީ އާއި އެ އާއިލާ އިން މި ވަގުތު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކީ ސަރުކާރުގެ ޕަޕެޓުން ކަމަށް ބުނެ ޕަންބާޖާ ހަރިއާނާގައި އެ އާއިލާގެ އެއްވެސް މީހެއްގެ ފިލްމެއް ކުރިއަށް އޮތް ތަނުގައި ޝޫޓްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ދަނޑުވެރިންތަކެއް އިންޒާރު ދީފި އެވެ.

އެ އާއިލާ އަށް މިކަމުގެ އިންޒާރު ދީފައި ވަނީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓައިންމަންޓަށް ބޮބީ ޑިއޯލް ސޮއިކޮށްފައި އޮތް ފިލްމު "ލަވް ހޯސްޓެލް" ގެ ޝޫޓިން ޕަންޖާބްގެ ޕަޓިއާލާގައި ކުރިއަށް ދަނިކޮށް ހުއްޓުވާލުމަށް ފަހު އެވެ.

މި މައްސަލާގައި ދަނޑުވެރިން ބުނީ އެ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށާއި ދަރޭގެ އާއިލާގެ އެއްވެސް މީހެއްގެ ފިލްމެއް ދެން ޕަންޖާބާއި ޕަޓިއާލާގައި ޝޫޓްކުރަން އުޅޭ ނަމަ އެކަމަށް ހުރަސްއަޅާނެ ކަމަށެވެ. ބޮބީ އަކީ ދަރޭގެ ހަގު ފިރިހެން ދަރިފުޅެވެ.

އޭނާގެ ދޮށީ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް އަކީ ލޯކް ސަބާގައި ވެރިކަންކުރާ ބީޖޭޕީ ތަމްސީލުކުރާ މެމްބަރެކެވެ. އަދި ދަރޭގެ އަންހެނުން ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އަކީ ވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ތާއީދުކުރާ ލޯކް ސަބާގެ މެމްބަރަކެވެ.

ދަރޭގެ އާއިލާ އަށް ދަނޑުވެރިން އިންޒާރު ދީފައި މި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބާބެޑޯސް އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންޔެރިޔާ ރިއާނާ އިންޑިއާގެ ދަނޑުވެރިންނަށް ތާއީދުކޮށް ކުރި ޓްވީޓަކާ ގުޅިގެން ހެމާ އެކަމާ ނުރުހި، ރައްދުގައި ޓްވީޓް ވެސް ކޮށްފައި ވަނިކޮށެވެ. އެ ޓްވީޓްގައި އޭނާ ވަނީ ބޭރުގެ ސެލެބްރިޓީން އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން އުޅޭ ކަމަށް ފާޑުކިޔައިފަ އެވެ.

އަނެއްކޮޅުން ސަނީ ވެސް މިހާތަނަށް ދަނޑުވެރިންގެ ހައްގުގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ، ދަރުމެންދުރާގެ އާއިލާ ދެކެ އެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

"މުޅި އާއިލާ އަކީ ވެސް ބީޖޭޕީ އަށް ވިކިފައި ތިބި ބައެއް. އެ މީހުންގެ ކަމަކީ ސަރުކާރުން ޖަހާހާ ބެރަކަށް ނެށުން. މުޅި ގައުމު އެ ބަޔަކަށް ބަރޯސާވާ ދަނޑުވެރިންގެ ހައްގުގައި ބަހެއް ބުނެލާނެ މީހަކު އެ އާއިލާއާ އަކު ނެތް،" ދަނޑުވެރިންގެ ފަރާތުން އިސްކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެހެންވީމަ ދެން ލާހިކެއް ނޫން ކުރިއަށް އޮތް ތަނުގައި ފިލްމެއްގެއްގެ ޝޫޓިން އަށް ޕަންޖާބާއި ހަރިއާނާ އަށް ވަންނާކަށް."

ދަނޑުވެރިންގެ މިފަދަ އިންޒާރެއް ދަރުމެންދުރާގެ އާއިލާ އަށް ދީފައި ވަނީ އޭނާ އާއި ސަނީ އާއި ބޮބީ އަދި ކާފަ ދަރި ކަރަން ޑިއޯލް އެކީގައި ކުޅެން އިއުލާންކޮށްފައި އޮތް ފިލްމު "އަޕްނޭ 2" ގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފަށަން ނިންމާފައި ވަނިކޮށެވެ.

އެ ފިލްމަކީ ދަރޭ އާއި ސަނީ އަދި ބޮބީ 2007 ގައި ކުޅުނު "އަޕްނޭ" ގެ ސީކްއެލްއެކެވެ. އެ ފިލްމަކީ ޕަންޖާބްގައި އެއްކޮށްހެން ޝޫޓްކުރި ފިލްމެކެވެ.