Roadha Mihaaru
ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓްކުރަން މެޝިނެއް ބަހައްޓަނީ

ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓްކުރަން ޕީސީއާރު މެޝިނެއް ބަހައްޓަނީ

09 ޖުލައި 2021

ފުވައްމުލަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޕީސީއާރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުވައްމުލަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޕީސީއާރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުންނާ އޮންލައިންކޮށް ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕީސީއާރު މެޝިނެއް ބަހައްޓަން ނިންމާފައިވާ ކަމަށާއި އެ މެޝިން ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެ ރަށަށް ދާނެ ކަމަށެވެ.

އެ މަސައްކަތް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވެ އެވެ.

އެ ރަށުގައި މިހާރު ކޮވިޑަށް ޓެސްޓްކުރަމުން އަންނަނީ ޖީން އެކްސްޕާޓް މެޝިނަކުންނެވެ. އެކަމަކު އެ މެޝިނުން ސާމްޕަލް ޓެސްޓް ކުރަނީ ވަރަށް އަވަހަށް ނަތީޖާ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ. އެހެންވެ، އާބާދީގައި 13،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުން ނަގައި ރެންޑަމް ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ އައްޑޫ އަށެވެ.

ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ކައުންސިލުން ވަނީ ސިއްހީ ދާއިރާގެ ތަރައްގީ އަށް ސަރުކާރުން އެ ރަށުގައި އަލަށް ގާއިމުކުރާ 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ސާފުކޮށްފަ އެވެ. އެ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން ޑައިގްނޯސްޓިކް ހިދުމަތްތައް ލިބޭނެ އެވެ.

އެ ބައްދަލުވުމުގައި ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވާނެ ކަމަށާއި ފުވައްމުލަކު ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.